އޯޕަން އޭއައިގެ ޗެޓް ޖީޓީޕީއާއި ވާދައަށް ޗައިނާއިން ނެރުނު އޭއައި މޮޑެލް ޑީޕްސީކް އެމެރިކާގެ ޓެކް އިންޑަސްޓްރީއަށް ގޮންޖަހާލައި މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.
ޓެކް އިންޑަސްޓްރީގައި ފާއިތުވި ދެތިން ދުވަހަކު އެންމެ ބާރަށް ދެކެވެމުން އަންނަ ވާހަކައަކީ ޑީޕްސީކް މަދު ވަގުތުކޮޅެއްގެ ތެރޭގައި ހޯދަމުން އަންނަ މަގްބޫލު ކަމުގެ ވާހަކައެވެ.
ޑީޕްސީކަކީ އެންމެ ފުރަތަމަ 2023 ގައި ފައްކާކުރި އޭއައި އިންޖީނެކެވެ. ނަމަވެސް މަޑުޖެހުމެއް އައީ އޭރު ޑީޕްސީކް ފައްކާކުރަން ބޭނުންކުރި އެންވިޑީއާ ހައި އެންޑް ޗިޕްސްތައް ޗައިނާއަށް އެކްސްޕޯޓް ކުރުން އެމެރިކާއިން މަނާކުރުމާއި ހަމައިންނެވެ. ނަމަވެސް ޑީޕްސީކްގެ އޭއައި އާ މޮޑެލް R1 ލޯންޗު ކުރުމާއެކު އޭއައި ވާދަވެރިކަމުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ޑީޕްސީކުން މިވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
އެއް ކަމަކީ އެޕަލް އެޕްސްޓޯރުގެ ޑައުންލޯޑްސް އަދަދަށް ބަލާއިރު ޗެޓް ޖީޓީޕީގެ މައްޗަށް ކުރިހޯދުމެވެ. އަނެއް ބޮޑު ކާމިޔާބީއަކީ އެންވިޑިއާގެ ސްޓޮކް 24 ގަޑިއިރާ 48 ގަޑިއިރާއި ދެމެދަށް ބަލާއިރު ބޮޑު ވެއްޓުމެއް އައުމެވެ.
ޑީޕްސީކުން ބުނެފައިވަނީ އެ މޮޑެލް ފައްކާކޮށްފައިވަނީ ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ބާތިލުކޮށްފައިނުވާ ޗިޕްސްތަކުގެ އެހީގައި އަދި ޗެޓްޖީޓީޕީއާއި އަޅާ ބަލާއިރު މާ ބޮޑަށްވެސް ކުޑަ ޚަރަދެއްގައި ކަމަށެވެ. ޑީޕްސީކުން ބުނަނީ އެމީހުންގެ މޮޑެލް ފައްކާކުރަން ޚަރަދުވީ ޑޮލަރުން ބަލާނަމަ ގާތްގަނޑަކަށަ ހަ މިލިޔަނެއްހާ ޑޮލަރު ކަމަށެވެ. ނަމަވެސް ޗެޓް ޖީޓީޕީ ފައްކާކޮށްފައިއެވަނީ ބިލިޔަނެއްހާ ޑޮލަރަށެވެ. ޗެޓް ޖީޓީޕީގެ ޕްރިމިއަމް ފީޗާސްތަކަށް ބޮޑު އަގެއް ނަގާއިރު ޑީޕްސީކް އަކީ އެ އަގުތަކާ އަޅާބަލާއިރު އިންތިހާއަށް އަގުހެޔޮ މޮޑެލެއްކަމަށްވެސް ދައުވާކޮށްފައިވެއެވެ. އަދި މިވަގުތަށް އެއްވެސް އަގެއްވެސް ނަގަމުންނެއް ނުދެއެވެ.