މުޅި ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމް ގުގުމަމުން ދަނީ އަތްތިލަބަޑީގެ އަޑުންނެވެ. މަރުހަބާގެ އަޑުންނެވެ. ތައުރީފާއި ޝުކުރުގެ އަޑުންނެވެ. އެއީ އުފާވެރިކަމުގެ މާހައުލެކެވެ. އެތައް ބައެއްގެ ލޮލުން އުފަލުގެ ކަރުނަ ވަނީ ފާއްދާލާފައެވެ. އޭގެ ތެރޭގައި ޝައިހާ ހިމެނެއެވެ. ހިރިޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅުދަރިވަރަކަށް ހޮވުނީއެވެ. ސްކޫލުގެ ބޭންޑްގެ ކުދިން ކުޅެމުން ދިޔަ މިޔުޒިކުގެ އަޑާއި ޝައިހާގެ ނަން އިއުލާންކުރުމުން ހަފްލާގައި ތިބި މީހުން ޖަހަމުންދާ އަތްތިލަބަޑީގެ އަޑުވެސް އެއްރާގަކަށް އިވި އިވި ހުއްޓެވެ. ސްކޫލު ދިދައާއި ޤައުމީ ދިދަ ހިފައިގެން ތިބި ދެކެޑޭޓުން ޝައިހާގެ ކުރިން ހިނގަމުން ދިޔައިރު ފަހަތުގައިވެސް ތިބީ ކެޑޭޓް ކުދިންތަކެވެ. އިއްޒަތާއި ޝަރަފާއި އެކު ޝައިހާ ސްޓޭޖާއި ގާތަށް ހިނގަމުން ދިޔައިރު، އޭނާގެ ލޮލުން ފޭދެނީ އުފަލުގެ ކަރުނައެއް ނޫނެވެ. ހިތާމައިގެ ކަރުނައެވެ.
ވަގުތުން ލައިވްޓެލެކާސްޓް ކުރަމުން ދިޔަ ޖަލްސާ ބަލަމުން ދިޔަ އެތައް ލައްކަ ބައެއްގެ ލޮލުގައިވެސް އަޅައިގަތީ ޝައިހާގެ ލޮލުގައިވާ ކަރުނައެވެ. ތައްޓާއި ޓްރޮފީތައް ލިބިގަންނަމުން ދިޔައިރުވެސް އޭނާގެ ލޮލުން ދިޔައީ ކަރުނަ ފައިބަމުންނެވެ. ކޮނޑުގައި ސޭޝް އެޅުވި ވަގުތު އޭނާ މޫނު މަތީ އަތްވެސް އެޅިއެވެ. އެކަމަކު ހިއްވަރުކޮށް ދެލޯފޮހެލާފައި އޭނާ ހިނގައި ގަތެވެ. ސްޓޭޖުން ފައިބާކަށް ނޫނެވެ،
ޖަލްސާގެ މެހުމާނުންނާއި ޓީވީން ބަލަމުން ދިޔަ މީހުންނަކަށް ޝައިހާ އަކީ ކާކު ކަމެއް ނޭނގޭނެ ނޫންހެއްޔެވެ؟ އެހެނީ އޭނާގެ ހަޔާތުގެ ސަފުހާ ތަކަކީ މަގުމެދަށް ހުޅުވައި ދޫކޮށްލެވުނު ސަފުހާތަކެއް ނޫނެވެ. އެއްމެންނަށްވެސް އޭނާ ފެންނާނީ ކިޔެވުމަށް މޮޅު ކާމިޔާބީތައް ހޯދި ދަރިވަރެއްގެ ގޮތުގައެވެ. ޒުވާންވެ ހެދެމުން އަންނަ އެޅަނދޮޅު ހިތުގެ ޖަޒުބާތުތަކާއި ޝަކުވާތަކެއް ނޭނގޭނެ ނޫންހެއްޔެވެ؟ ޖަލްސާގައި ވާހަކަ ދެއްކުމުގެ ނަމްބަރެއްވެސް ޝައިހާ ހޯދީ ސްކޫލުގެ ވެރީންނަށް ދަންނަވައިގެންނެވެ. ދަރިއެއްގެ ޝުކުރު އަދާކުރުމަށެވެ. އެހެނީ މި ފަދަ ފުރުޞަތެއް ދެން އޭނާއަށް ނުލިބިދާނެއެވެ.
ޝައިހާ އައިސް ޕޯޑިއަމް ކައިރިއަށް ހުއްޓުނެވެ. އޭނާ މައިކު ރަނގަޅުކޮށްލުމަށް ފަހު، ލޯފުހެލިއެވެ. އޯޑިއަންސްގައި އިން އޭނާގެ ދިވެހިޓީޗަރު ނަޒީމަށް ބަލާލިއެވެ. ޝުކުރުވެރި ކަމުގެ ލޮލުންނެވެ. ޝައިހާ ބުނާ ކަހަލައެވެ. ތިޔަ ޓީޗަރުންނަށްޓަކައި އުމުރު ދުވަހު ޝުކުރު އަދާކުރިއަސް ނުފުދޭނެއެވެ.
ޝައިހާ ހަމްދު ސަނާކިއެވެ. ޖަލީސުންނަށް މަރުހަބާ އާއި ޝުކުރު އަދާކުރިއެވެ. އޭގެ ފަހުގައި ބުނަން ފެށިއެވެ.
”އަޅުގަނޑު އެންމެ ބޮޑު ޝުކުރެއް އަދާކުރާނީ ކާކަށް ހެއްޔެވެ؟ އަޅުގަނޑުގެ ޓީޗަރުންނަށް ހެއްޔެވެ؟ ނުވަތަ މައިން ބަފައިންނަށް ހެއްޔެވެ؟ އަޅުގަނޑަށް މަގު ދައްކައިދިނީ މިތިއްބެވި ލޮބުވެތި ޓީޗަރުންނެވެ. އަޅުގަނޑުގެ ހަޔާތް އާބާދުކޮށްދިނީ ދައުލަތުގެ ކުދަކުދިންގެ މަރުކަޒުގެ މުވައްޒަފުންނެވެ. އަޅުގަނޑުގެ މައިންބަފައިން ކޮށްދިނީ ކޮންކަމެއް ކަން އެނގޭ ހެއްޔެވެ؟ އެއްކަމެއްވެސް ކޮށް ނުދެއެވެ. ދަރިއަކަށް ނުލިބި ނުދާނެ އެއްޗަކީ މައިމީހާގެ ކިރު ނޫންތޯއެވެ. އެކަމަކު އެމިންވަރުވެސް ނުލިބުނެވެ. އެމީހުން އަޅުގަނޑު އެއްލާލީ އެވެ. މަގުމައްޗަށެވެ. ހިނި އަރައި މަރުވާށެވެ. އެކަމަކު ކަލާނގެ އަޅުގަނޑުގެ ނަސީބުގައި މަރު މިންވަރު ކުރައްވާފައި ނުވީއެވެ. ތިޔަބޭފުޅުން ހިތްޕުޅަށް އަރާވަޑައިގެންފާނެއެވެ. އަޅުގަނޑު މިދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ އެއްޗެއް ހީފުޅު ނުކުރައްވާށެވެ. މިއީ ދަރިއެއްގެ ޝުކުރެވެ.
މިއަދު އަޅުގަނޑުގެ ކާމިޔާބީއަށް އަތްޖަހަން ތިޔަ ތިއްބެވީ އަޅުގަނޑާއި ލޭގެ ގުޅުމެއް އެއްގޮތަކަށްވެސް ނެތް ދުރު ހިލޭ މީހުންނެވެ. އެނގޭ ތޯއެވެ. މިފަދަ ކޮންމެ ދުވަހަކީ އަޅުގަނޑަށް އުފަލުގެ ދުވަހެއް ނޫނެވެ. ހިތާމައިގެ ދުވަހެކެވެ. ސްކޫލުގެ ނަތީޖާ ފާޅުކުރާ ކޮންމެ ދުވަހަކީ އަޅުގަނޑު ރޮއްވާލާ ދުވަހެކެވެ. އެއިން ކޮންމެ ދުވަހެއް ވަކިވަކީން ހަނދާން އެބަހުއްޓެވެ. އަޅުގަނޑަށްވުރެ ދަށް ނަތީޖާ ނުވަތަ އަޅުގަނޑާއި އެއް ނަތީޖާއެއް ހޯދާ ދަރިވަރުން ސްޓޭޖުން ފައިބައިގެން އައުމުން އެކުދިންގެ މައިންބަފައިން އެކުދިންނަށް މަރުހަބާ ކިޔާގޮތެވެ. ނިއްކުރީގައި ދޮނެއް ދޭގޮތެވެ. އެކުދިންގެ އުފަލުގައި ބައިވެރިވާނޭ މީހުން ތިބެއެވެ.
އަޅުގަނޑުގެ ތޯއެވެ! އަޅުގަނޑުގެ އެކަކުވެސް ނެތެވެ. އަޅުގަނޑުގެ ހުރިހާތަށިތަކާއި ކާމިޔާބީގެ ސެޓްފިކެޓްތައް ހުންނާނީ ޝޯވކޭސް ކުރެވިފައެއް ނޫނެވެ. ފޮށި ފޮށިގަނޑަށް އަޅައި ބަންދު ކުރެވިފައެވެ. އެތަކެތި ބަލާނޭ މީހަކު ނެތީއެވެ. އެފޮށިގަނޑު ހުޅުވޭނީ މިކަހަލަ ދުވަހަކުއެވެ. އެއަށް އަނެއްކާވެސް އެއްޗެއް އިތުރުވާތީއެވެ.
ލޯބިވާ މަންމާއެވެ! ބައްޕާއެވެ! އުފަންވީ ވަގުތު އަޅުގަނޑު މަގުމައްޗަށް އެއްލާލުމުން ޔަތީމުޚާނާއެއްގައި ބޮޑުވެ މިއަދާއި ހަމައަށް އަޔަސް މިހިތުގެ ހުރިހާ ޝުކުރެއް ވަނީ ތިޔަ ދެމީހުންނަށެވެ. ދުވަހަކު ލޮލަށް ނުފެނުނަސް ވީ ކޮންތާކު ކޮންހާލެއްގައި ކަން ނޭނގުނަސް މިހިތުގެ ޝުކުރު ވަނީ ތިޔަ ދެމީހުންނަށެވެ. މިއިން ކޮންމެ ކާމިޔާބީއެއް ރަމްޒުކޮށްދެނީ ތިޔަ ދެމީހުންނެވެ. އެހެނީ އަޅުގަނޑު މިދުނިޔެއަށް އައީ ތިޔަ އުނގުންނެވެ. ނުވަމަހުގެ އެ ބުރަ އުފުއްލެވީމުއެވެ. ލޮލުގެ ނޫރު ކެނޑިދާފަދަ ގަދަފަދަ ވޭނާއި ހަނގުރާމަކޮށް އަޅުގަނޑު ދުނިޔެއަށް އުފަންކުރީމުއެވެ. ކޮންމެ ފަދަ މަޖުބޫރަކުން އަޅުގަނޑު ދޫކޮށްލި ނަމަވެސް މިދުނިޔޭގައި ދިރިހުރުމަށް ފުރުޞަތެއް ދެއްވީމުއެވެ. އެފުރުޞަތަކީ މިހުރިހާ ފުރުޞަތަށް ލިބުނު ފުރުޞަތެވެ. މިފުރުޞަތު އަޅުގަނޑަށް ހޯއްދަވައިދެއްވީ އަޅުގަނޑުގެ މައިންބަފައިންނެވެ.
އެދުވަހު އެގަސްދޮށުގައި އަޅުގަނޑު ނުބާއްވައި ވަޅެއް ކޮނެ ވަޅުލި ނަމަވެސް ޚަބަރު އެނގޭނީ ކާކަށް ހެއްޔެވެ؟ ވީމާ! އަޅުގަނޑުގެ ކޮންމެ ނޭވަޔަކީ ތިޔަ ދެމީހުންގެ އިހްސާންތެރިކަމެވެ. މިހިތުގެ ކޮންމެ ވިންދެއް މިނޭވާގެ ކޮންމެ އުފުލުމެއް ޒިކުރު މިކުރަނީ އެކަމުގެ ޝުކުރުގައެވެ. ނުލިބުނު އެއްޗަކަށް ޝަކުވާއެއް ނެތެވެ. ލިބުނު މިންވަރަށް ޝުކުރު ކުރަމެވެ.
މިދުނިޔެ ހާދަ ރީއްޗެވެ. ރީތި ކުލަކުލައިގެ މާތައް ފޮޅިފައިވާ ބަގީޗާތަކެވެ. ކުޑަކުދީންގެ ޕާކުތަކެވެ. ރީތި މޫދާއި ގޮނޑުދޮށްތަކެވެ. މީރު ކާތަކެއްޗެވެ. އޭގެ އިތުރަށް މޫނު އަނބުރާލި ކޮންމެ ދިމާއެއްގައި ވަނީ މާތްރަސްކަލާނގެ ޢިނާޔަތާއި ރަހުމަތެވެ. އަޅުގަނޑަކީ އޭގެ ދިރިހުރި މިސާލެއް ނޫންތޯއެވެ.
އަޅުގަނޑަށް މައިން ބަފައިންނާއި ވަކިވުމުގެ އުނިކަން ނޫންކަމެއް ނެތެވެ. އަޅުގަނޑު ބޮޑުވީ ރަސްދަރި ދަރިކަނބަލުންވެސް ބޮޑުވާނެ ގޮތަކު ނޫންތޯއެވެ. ކޮންމެ ކަމެއްކޮށްދޭން ބުނެދޭން އަޅުގަނޑުގެ ގާތުގައި ދައުލަތުގެ މުވައްޒަފާއަކު ހުރެއެވެ. އަޅުގަނޑުމެން ތިބޭ ގެ ވަށައިގެން 24 ގަޑިއިރު ފޯރިމަރަން ސކިއުރިޓީ ތިބެއެވެ. އަޅުގަނޑު ތަރުބިއްޔަތު ވަމުން މިއައީ އެކަށީގެންވާ ކާނާ އާއި އަންނައުނާއި ބޯހިޔާވަހިކަމާއި ލިބި ތަރުތީބު ކުރެވި ތަންޒީމްވެފައި އުސޫލުތަކުގެ ތެރެއިންނެވެ.
އަޅުގަނޑަށް މިހުރިހާ ފުރުޞަތެއް ލިބުނީ އަޅުގަނޑުގެ މައިންބަފައިންގެ ފުށުންނެވެ. ވީމާ މިއީ ހެޔޮނިޔަތުގައި ހެޔޮގޮތުގައި އަދާކުރާ ދަރިއެއްގެ ޝުކުރެވެ.
އެކަމަކު އަޅުގަނޑުގެ ޙަޔާތުގެ ދަތުރު މިނިމެނީއެވެ. މިހުރިހާތަށިތަކާއި ސެޓްފިކެޓްތަކުން އަދި މިކާމީޔާބީ ތަކުން ކުރާނޭ ބޭނުމެއް ނެތެވެ. މިހާރު ހިތައް އަރައެވެ. މިކާމިޔާބީއަށް ވާދަ ނުކުރެވުނު ނަމައެވެ. އޭރުން އަހަރެންގެ މިމަޤާމުގައި އެހެން ކުއްޖަކު ހުރީހެވެ. އެކުއްޖަކާއި އެކު އެކުއްޖެއްގެ އާއިލާ މިއަދު އުފާކުރީހެވެ.
އަޅުގަނޑުގެ ހަޔާތުގެ ދަތުރު މިނިމެނީއޭ ދެންނެވިއްޖެ ނޫންތޯއެވެ. އެއީ އަޅުގަނޑަށް ދިރިހުންނާނޭ މާގިނަ ދުވަހެއް ދެންލިބިފައި ނެތްވާހަކައެވެ. އަޅުގަނޑުގެ ހަށިގަނޑުގައި ކެންސަރު ފެތުރި ފައިނަލް ސްޓޭޖާއި ހަމައަށް ގޮސްފައިވާ ވާހަކައެވެ. ވީމާ މިއީ އަޅުގަނޑުގެ ފަހު ފުރުޞަތެވެ. މިމަޤާމްގައި މިވާހަކަ މިދެއްކީ އަޅުގަނޑުގެ މައިންބަފައިންނަށް މިޝުކުރު އަޑު އިވޭނެ ކަމުގައި އުންމީދުކޮށްގެންނެވެ. އަހަރެން އުޅުނީ ހިތާމަޔަކު ނޫނެވެ. އަރާމާއި އުފަލާއި ނިއުމަތުގައެވެ. މި ކުރު ހަޔާތުގައި މައިންބަފައިން ނެތުމުގެ އިހްސާސްވިޔަސް އެމީހުން ނެތުމުގެ އުނިކަމެއް އަޅުގަނޑަކަށް ނެތެވެ. އެއަށްވުރެ މަރުކަޒުގެ މުވައްޒަފުންގެ އޯގާތެރިކަން ބޮޑެވެ. އެމީހުން ހުޝިޔާރުވެފައި ކުޅަދާނައެވެ.
މިތިއްބެވި އަޅުގަނޑުގެ މުދައްރިސުންވެސް މެއެވެ. ހިނިތުންވުމާއި އެކު ނޫނީ އަޅުގަނޑާއި ވާހަކައެއް ނުދައްކަވައެވެ. އޯގާތެރިކަމާއެކު ބޮލުގައި ފިރުމާލައި ލޯތްބާއި އެކު ފިލާވަޅު ބުނެދިނެވެ. ގޯހެއް ހެދުނު ނަމަ ހެނދުނު ފަހަރަކުވެސް ކައިރީގައި ބައިންދައި ނަސޭހަތް ދެއްވިއެވެ.
އަޅުގަނޑަކީ މައިންބަފައިންނެތް ކުއްޖަކަށް ވިޔަތީ، އަޅުގަނޑާއި ބައްދަލުވި ކޮންމެ މީހެއްގެ ފުށުން ލިބުނީ މައިންބަފައިންގެ ލޯތްބާއި އަޅާލުމެވެ. ހަޤީޤަތަކީ އެހަމްދަރުދީ އާއި އިހްސާސްތަކުގެ ތެރެއިން އަޅުގަނޑަށް އެތައް ސަތޭކަ މައިންބަފައިންނެއް ލިބުނުކަމެވެ. އެހެން ނޫންތޯއެވެ. އަޅުގަނޑަށް ޓަކައި ތިޔަ ބޭފުޅުންގެ ލޮލުން ކަރުނަ ތިޔަ ފާއްދާލަނީ ދަރިއަކަށްޓަކައި ނީރާލީ ކަރުނަ ފަދަޔަކުން ނޫންތޯއެވެ. ތިޔަ ހުރިހާ ބޭފުޅުންވެސް އަޅުގަނޑަށް ތިޔަ ކުރައްވަނީ ހެޔޮދުއާ ނޫންތޯއެވެ. ތިޔަ ދެއްވަނީ ލޯބި ނޫންތޯއެވެ. މިމުޖުތަމައުގައި ގިނަކުދީންގެ ހުރީ އެންމެ މަންމަ އަކާއި ބައްޕައެކެވެ. އެކަމަކު އަޅުގަނޑަށް އެތައް ސަތޭކަ މަންމަ އަކާއި ބައްޕައެއް ލިބިއްޖެއެވެ. މިދައުލަތް އަދާކުރަނީ އަޅުގަނޑުގެ މައިންބަފައިންގެ ޒިންމާއެވެ. މަރުކަޒުގެ ކޮންމެ މުވައްޒަފަކީ އަޅުގަނޑުގެ މަންމަ ނުވަތަ ބައްޕައެވެ. ކޮންމެ މުދައްރިސަކުވެސް މެއެވެ. މަރުކަޒަށް އެހީއެއްދޭން އަންނަ ކޮންމެ މީހަކުވެސް މެއެވެ. ތިޔަ ހުރިހާ ބޭފުޅުންގެ ލޮލުން އަޅުގަނޑު ދުށީ މައިކުލުނެވެ. ވީމާ، ތިޔަ އެއްމެ ބޭފުޅުންނީވެސް އަޅުގަނޑުގެ މައިންބަފައިންނެވެ. ވީމާ އަޅުގަނޑުގެ މިޝުކުރު ޤަބޫލު ކުރައްވާށެވެ. ވަދާއުގެ ސަލާމާއި އެކު އިޖުމާލީ ގޮތުގައި އަޅުގަނޑުގެ ތިޔަ އެންމެހާ މައިންބަފައިންނަށް ފޮނުވާ ޝުކުރެވެ.“
ޝައިހާ ވާހަކަ ނިންމާލުމާއި އެކު އަތްތިލަ ބަޑީގެ އަޑާއި ހެޔޮ އެދުންތައް އޮހިގެންފިއެވެ. ޝައިހާ ސްޓޭޖުން ފޭބުމާއި އެކު އެންމެން ތެދުވީ ކޮޅަށެވެ. އެހަފްލާއިގައި ޝައިހާ އާއި ކޮނޑާއި ކޮނޑު ޖައްސައި ސަލާމް ނުކުރާ އަދި އޭނާއަށް ހަމްދަރުދީ އާއި ލޯބި ފާޅުނުކުރާ އެކަކުވެސް ނެތެވެ. އެތައް ބަޔަކު ޝައިހާ އާއި އެކު ފޮޓޯނަގައި އެފޮޓޯތައް އެމީހުންގެ ފޯނުތަކުގައި ރައްކާކުރިއެވެ.
ރިފްރެޝްމެންޓްގެ ތެރޭގައިވެސް ޝައިހާ އެކަންޏެއް ނުވެއެވެ. އޭނާ އިން މޭޒުގެ ގޮނޑިތަކުގައި އަބަދުވެސް މީހުން ތިބެއެވެ. އެކަކު ތެދުވާއިރަށް އަނެކަކު އިށީނދެއެވެ. ޝައިހާއަށް ހިއްވަރު ދެއެވެ. ބޭނުމީ ކޮންކަމެއްތޯ އަހައެވެ. ޝައިހާވެސް އެމީހުންނާއި ވާހަކަދެއްކީ އުފަލުންނެވެ. އޭނާގެ ނަފުސާއި މެދު އޭނާކުރާ ހިތާމަ ނިމުނީ ކަހަލައެވެ.
ޝައިހާގެ ބޯއަނބުރާކަހަލަ އިހްސާސެއް އޭނާއަށް ވާންފެށިއެވެ. ލޮލަށް ފެންނަ މަންޒަރު ފުސްވާންފެށިއެވެ. އަޑުތައް ބޫންވާން ފެށިއެވެ. އެކަމަކު އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުބުނެ ޝައިހާ ހިއްވަރުކޮށްލައިގެން އިނީއެވެ.
”ދަރިފުޅާ ޝައިހާއެވެ“ އެއަޑަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. އެއަޑު ޝައިހާއަށްވެސް އިވުނެވެ. ޝައިހާ އިން ގޮނޑިއާއި ދިމާއަށް ދެ އަންހެނުން އަންނާތީ އޭނާއަށް ފެނުނީ ފޯކަސް ގެއްލިފައިވާ ފިލުމެއްގެ މަންޒަރެއް ފަދައިންނެވެ. އެއިގެ ތެރެއިން އެކަކު އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެގޮނޑި ދުއްވައި ދޭން ދެން ހުރީ ބިދޭސީ އަންހެނެކެވެ. އެދެމީހުން އައިގޮތުންވެސް މަންޒަރު ބަލަން ތިބި އެންމެން ޖަޒުބާތުގައި ޖެހިއްޖެއެވެ. އޭނާ އައިގޮތަށް އައިސް ޝައިހާގެ ކައިރީގައި ހުއްޓުނު އިރު ޝައިހާގެ ލޮލުގެ ނޫރު ކެނޑިއްޖެއެވެ. މަންޒަރު ގެއްލިއްޖެއެވެ. އޭނާގެ އަތުން ޝައިހާގެ އަތުގައި ހިފާލުމާއި އެކު އެހިތުގެ އެންމެ ފަހުވިންދާއި އެކު ޝައިހާ އަރިއަޅާލައިފިއެވެ. އެއަންހެންމީހާ ޝައިހާގެ އަތުގައި ހިފެހެއްޓުމުން ޝައިހާ ވެއްޓުނީ އޭނާގެ އުނގުގެ ތެރެއަށެވެ.
”ދަރިފުޅާއެވެ! މިއީ ދަރިފުޅުގެ މަންމަ އެވެ.“ އެއާއި އެކު އެއަންހެން މީހާ ބާރަށް ރޮއެގެންފިއެވެ.
”ދަރިފުޅުގެ ބައްޕަ ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިން ނިޔާވީއެވެ. މަންމަ ކައިވެނިކުރީ އާއިލާއަށް ފިލައިގެން ރާއްޖެތެރޭގެ ރަށަކަށް ގޮހެވެ. ދަރިފުޅުގެ ބައްޕަ މަރުވުމުން އަނބުރާ މާލެ އައީ އެވެ. ދަރިފުޅަށް މަންމަ ބަނޑު ބޮޑުކަން އެނގުނީ އޭގެ ފަހުންނެވެ. މަންމަ އެކަން ސިއްރުކުރީ ދަރިފުޅުގެ ކާފަމެން ދަރިފުޅާއި މެދު ހެޔޮކޮށް ނުހިތާނެކަން އެނގޭތީއެވެ. މަންމަ ގަދަ ކަމުން އެހެން މީހަކާއި ދެވީތީއެވެ. ދަރިފުޅު ވިހެއުމަށްފަހު މަގުމައްޗަށް ދޫކޮށްލީ މަރުވާކަށް ނޫނެވެ. ދަރިފުޅު އުފަލުގައި ރައްކާތެރި ކަމާއި އެކު ބޮޑުވުމަށް ފުރުޞަތު ދޭށެވެ. ދަރިފުޅުގެ ދޮންބައްޕައަށް ދަރިފުޅުގެ ހިލަމެއް ވީނަމަވެސް ދުނިޔެއަށްލީ ފުރަތަމަ ނޭވާ އާއި އެކު ދަރިފުޅު އޮތީހީ ކަށްވަޅުގައެވެ.“ އެއަންހެންމީހާ ރޮމުން ދިޔައިރު ދެން ތިބި މީހުން ތިބީ ބަލާށެވެ.
ޝައިހާގެ ހަރަކާތެއް ނެތްހެން ހީވެގެން އެހެން މީހުންވެސް ގާތްވީ އެހާތަނުންނެވެ. އޭރު ޝައިހާގެ އަތްފައި ފިނިވެއްޖެއެވެ. އެތަނުގައި ތިބި މީހުންވެގެން އެއަންހެންމީހާގެ އުނގުން ޝައިހާ ނަގައި މޭޒެއްގެ މަތީ ބޭއްވިއެވެ. އެމްބިއުލެއިންސަށް މަޑުނުކޮށް ޝައިހާ ގޮވައިގެން ހިޔާގެ މުވައްޒަފުން ހޮސްޕިޓަލަށް ދިޔައީ ކާރުގައެވެ. އޭރު މާ ލަސްވެއްޖެއެވެ.
ޝައިހާ އޭނާގެ ފަހު ނޭވާ ލީވެސް އޭނާގެ މަންމަގެ އުނގުގައެވެ. ވަގުތާއި ހާލަތާއި ތަން ތަފާތުވި ނަމަވެސް އެ ދެހާލަތުގައިވެސް ޝައިހާއަށް ޝައިހާގެ މައިން ބަފައިން އެނގުމުގެ ފުރުޞަތެއް ނުލިބެއެވެ. އެކަމަކު އޭނާގެ ކުރު ހަޔާތުން، މިއުފާވެރި ދުނިޔެ ދެކެފައި ދިޔައީ، އޭނާގެ މައިންބަފައިންނަށް ދެމިހުންނަނިވި ޝުކުރެއް އަދާކޮށްފައެވެ. އެއީ ލިޔުންތެރީން ލިޔާނެ ވާހަކައަކަށް ހަދާފައެވެ. އެއީ ކިޔާމީހުން ރޯނެ އަދި ތައުރީފު ކުރާނެ ވާހަކައަކަށް ހަދާފައެވެ.
************
8 Responses
Varah furihama vahakeh
v reethi mi vaahaka
ވ. ރީތި ވާހަކަ އެއް
Alhey v v v ves reethi ehaame furihama vaahaka eh
ވާހަކަ ވަރައް ރީތި ކިޔަމުން ދިޔައިރު ލޮލުން ކަރުނަ ފާބަމުން ދިޔައީ/ ސުވާލަކީ މީހަގީގީ ވާހަކައެއްތޯ / ނޫނީ ހަމަ ޚިޔާލީ ފޮލާއެއްތޯ/ ކޮންމެ ގޮތެއްވިޔަސް / ކޮންމެ ގޮތެއްވިޔަސް ވަރައް އޮއްޓަރުހުރި އަސަރުން ފުރިގެންވާ ވާހަކައެއްމީ/
Varah Reethi vaahakaeh
Varah reethi varah furihama
Mee hageegee vaahakaehtha anyways v reethi v asarugadha mivaahaka kiyamun dhiya iru hama rovijje really touching story