ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމާމެދު ބަހުސަކަށް ދާކަށް ނުޖެހޭ: އެމްޕީ އަދުރޭ

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަކީ ބަހުސަކަށް ދާންޖެހޭ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިކަމަށް އަލިއަޅުވާލާ ރޭގެ ވަގުތެއްގައި އަދުރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕްރައިމަރީއަކާއި ނުލާ ”ޕީޕީއެމް ގެ 2018 ގެ ރިޔާސީ ޓިކެޓް‘ ރައީސް ޔާމީން އަށް އެރުވުމަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އިތުރު ތަފްސީލް ހޯދާލުމަށް އަދުރޭއަށް ގުޅާލުމުން ވިދާޅުވީ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލާ ރައީސް ޔާމީންއަށް ދޭންޖެހެނީ ރައީސް ޔާމީން ފައްޓަވާފައި ހުރި ތަރައްގީގެ މަޝްރޫއު ތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ، އެއީ ބަހުސަކަށް ދާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީތެރޭގަ ކޯޅުމާހުރެ ވެރިކަން ގެއްލިއްޖެނަމަ ގައުމާއި ރައްޔިތުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

”މިކަމާ ބަހުސަކަށް ދާން ޖެހޭ ކަމަށް ގަބޫލެއް ނުކުރެވޭ، ރައީސް ޔާމީން އެވަނީ ގާބިލުކަމާ ހިތްވަރާ ކެރުންތެރިކަން ދައްކާދީފަ، ފެނިގެން މިދަނީ އެއްވެސް ސަރުކާރެއްގަ ގާނޫނު ތަންފީޒް ނުކުރާވަރަށް ގާނޫނު ތަންފީޒު ކުރަމުންދާތަން، ގައުމަށް އަންނަ ކުރިއެރުމުގެ ސަބަބުން އަވަސް މުސްތަގްބަލެއްގައި މި ރާއްޖެ ސިންގަ÷ޕޫރަކަށް ވެގެން ދާނެކަން ދިވެހި ރައްޔިތުން ގަބޫލު ކުރޭ“ އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އަކީ ޕީޕީއެމް ފެށުނީއްސުރެވެސް ޕާޓީގެ އެއްމެ އިސް ސަފުގައި މަސައްކަތްކުރަމުން އަންނަ ފަރާތަކަށް ވެފައި އަދި ރައީސް ޔާމީން އާއި ރައީސް މައުމޫންގެވެސް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ފަރާތަކަށް ވާއިރު ރައީސް ޔާމީން އަށް ޕްރައިމަރީއަކާއިނުލާ ޕާޓީގެ ޓިކެޓް ދިނުމާއިމެދު ޕާޓީގެ ތެރޭގައި ދެބަސްވުމެއް އުފެދިފައިވޭތޯ ސުވާލުކޮށްލުމުން އަދުރޭ ވިދާޅުވީ މިކަމާއި ބެހޭގޮތުން ޕާޓީ ކައުންސިލްގައި ރަސްމީ ސިފައެއްގައި މިކަމާ ވާހަކަދައްކާފައި ނުވާކަމަށެވެ. އަދި ރައީސް ޔާމީންއަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭންޖެހޭކަން ގަބޫލުފުޅު ކުރައްވާކަމަށް އަދުރޭ ތަކުރާރުކޮށް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *