ހަށިގަނޑުން ބައެއް ކަހަލަ ވިޓަމިންތައް މަދުވުމާއި މައިގްރޭންއާއި ގުޅުން ހުރިކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ސިންސިނާޓީ ޗިލްޑްރެންސް ހޮސްޕިޓަލް މެޑިކަލް ސެންޓާރގެ ރިސާރޗަރުންތަކެއް ހަދާފައިވާ މިދިރާސާއިން ދައްކާގޮތުން މައިގްރޭން ހުންނަ މީހުންގެ ހަށިގަނޑުން ވިޓަމިން ޑީއާއި ރައިބޯފްލެވިން އަދި ކޯއެންޒައިމް ކިއު 10 މަދުކަންވަނީ ފާހަގަކުރެވިފައެވެ. މިދިރާސާގެ އެންމެ އިސް ރިސާރޗަރ ޑރ. ސޫޒަން ހެގްލަރ ވިދާޅުވީ ހެދި ދިރާސާއިން އެހޮސްޕިޓަލްގެ ހެޑޭކް ސެންޓާރގެ ބައެއް ޕޭޝާންޓުންގެ ފަރާތުން މިކަންވަނީ ފާހަކުރެވިފައެވެ. ނަމަވެސް މިދިރާސާއަކީ އަދި ވިޓަމިން މަދުވުމާއި މައިގްރޭންއާއި ހުރި ގުޅުން 100 ޕާރސެންޓް ސާބިތުކުރެވޭނެ ފަދަ ދިރާސާއަކަށް ނުވާތީ އަދިވެސް މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށްވެސް ޑރ. ސޫޒަން ވިދާޅުވެފައިވެއެވެ.
މިދިރާސާއިން ދައްކާގޮތުން ކްރޯނިކް މައިގްރޭން ހުންނަ ފަރާތްތަކުގެ ހަށިގަނޑުން އެޕިސޯޑިކް މައިގްރޭން ހުންނަ ފަރާތްތަކަށްވުރެ ކޯއެންޒައިމް ކިއު 10 އާއި ރައިބޯފްލެވިން މަދުކަން ފާހަގަކުރެވެއެވެ.