ކުރުވާހަކަ: އެ ހުވަފެން

މަތީނަކީ އައިސާފުޅާއި އީސަބޭގެ ހުރި ހަމައެކަނި ދަރިއެވެ. އެދެމަފިރިން މަތީނުދެކެ ވަރަށް ލޯބިވެއެވެ. އެހެންނަމަވެސް މި ދެމަފަރިންނަށް ލިބިފައިވާ އެންމެ ބޮޑު ހިތާމައަކީ މަތީނުގެ ގޮތްދޫނުކުމާއި ބަސް ނޭހުމެވެ. ދީނީ ކަންކަމަށް ފަރުވާކުޑަވުމެވެ. ނަމާދު ކުރުމަކީ އެއްގޮތަކަށްވެސް މަތީނު ކުރާހިއްވާ ކަމެއްނޫނެވެ. އަދި އަމުދުން ސުކޫލަށް ދިޔުމަކީ މަތީނު އެންމެ ކުރާހިތްނުވާ އެއްކަންތަކެވެ. އެހެންނަމަވެސް މައިންބަފައިންގެ މަޖުބޫރުން ސުކޫލަށް މަދުމަދުން ދެއެވެ. މިކަމާހުރެ އަބަދުވެސް ޖެހެނީ ކުލާހުގައި ތަކުރާރުވާށެވެ. މައިންބަފައިންގެ ފަރާތުން ދެމުންގެންދާ ނަސޭހަތާއި އިރުޝާދުތައްވަނީ ބޭކާރު އެއްޗަކަށް ވެފައެވެ. އެހެން ނަމަވެސް އެދެމަފިރިންގެ އުންމީދަކީ މަތީނަކީ އަހުލާގު ރަނގަޅު ދީނަށްލޯބިކުރާ ކިޔަވައިގެންހުރި މޮޅު ކުއްޖަކަށްވުމެވެ.

މަތީނުގެ މަންމަ އައިސާފުޅު އުޅެނީ ވަރަށް ބަލިވެއެވެ. ޑޮކުޓަރަށް ދެއްކުމުން ޓެސްޓްހަދާ ބެލިއިރު މާބޮޑުކަމެއް ހުރިކަމަކަށް ނުވެއެވެ. މަތީނުވެސް މަންމަ ބަލިވުމުން ދެރަވިއެވެ. އެހެންނަމަވެސް މަތީނުގެ މަންމަ ކިޔަވާށޭ ކިޔާވަރުން މަންމަ ފެންނަ ހިސާބުގައި އުޅުމަކީ  އެހާކުރާހިތްވާ ކަމެއްނޫނެވެ.

އާދައިގެމަތިން ރޭގަނޑު ކެއުމަށްފަހު ސިޓިންގ ރޫމުގައި ޓީވީ ބަލާލަން މަޑުކޮށްލުމަށްފަހު މަތީނު ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލިތަނާހެން ނިދިއްޖެއެވެ. މިހާރު ފަތިސްވަނީއެވެ. ގޭގެ އެންމެންތިބީ ނިދާފައެވެ. މުޅިތަނަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ފަނިފަކުސާ ތަކުގެ އަޑުން ތަންވަނީ އެއް އަޑަކަށް ހަދާލާފައެވެ. މަތީނު ވަރަށް ބާރަށް މަންމާއޭ ކިޔާފައި ގޮވަންފެށިއެވެ. ނިދީތެރޭގައި އޮވެގެން ގިސްލަގިސްލާފާ ރޮމުން އަތްފައި ތަޅުވަމުން އަޑުގެ ފުންމިނުން ބާރަށް ހަޅޭއްލަވަމުން ގެންދެއެވެ.

އެތައްއިރެއް ވީފަހުން މަތީނަށް ލޯ ހުޅުވާލެވިއްޖެއެވެ. ދާހިއްލާ ފޯވެ ދެލޯ ހުރީ ބޮޑުވެފައެވެ. “ އަނެއްކާ މިއީ ކޮންކަމެއްބާ! އަހަންނަކަށް ދުވަހަކުވެސް  އަދި މިޒާތުގެ ބިރުވެރި ހުވަފެނެއް ނުފެނޭ! އަނެއްކާ؟ “ މަތީނުގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. ހިތުތެރެއަށްވަނީ ބިރުވެރިކަން ވަދެފައެވެ. އޭރު ފަތިސްނަމާދުގެ ބަންގީގެ އަޑު އިވެމުންދެއެވެ. ކުޑަ އިރުކޮޅެއްވަންދެން ލޯމަރާލައިގެން އެނދުގައި އޮތުމަށްފަހު ލޯ ހުޅުވާލިއެވެ. އަދި ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. އެދުން ތެދުވެ ވުޞޫ ކޮށްހަދާލައިގެން މަތީނު ނިކުތީ މިސްކިތައްދާށެވެ.

އީސަބެއަކީ މުރާލިކަމާ ހިތްވަރުގަދަކަމުގެ ނަމޫނާ މީހެކެވެ. ފަތިހަށްގޮވާ ހާލާއެކު ތެދުވެ ނަމާދުކޮށް ހަދައިގެން ދުވަހުގެ މަސައްކަތައިގެން އަވަސްވެ ގަނެއެވެ. މީހުންނާގުޅޭ ހެޔޮ މީހެކެވެ. އާދައިގެ މަތިން ފަތިސްނަމާދުކޮށް ނިމުމުން އީސަބޭވެސް މިސްކިތުގެ ތެރެއަށް ނަޒަރުހިންގާ ބާލާލުމާއެކު ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސަފުގެ އެއްކޮޅުގައި އިށީންދެލައިގެން އިނީ އީސަބޭގެ މަތީނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އީސަބެއަށް ރޮވިއްޖެއެވެ. ވޭތުވެދިޔަ ތަނުގައި މަތީނަކީ އާދޭސްކުރިއަސް ފަތިސްނަމާދަށް ތެދުވާ ކުއްޖެއްނޫނެވެ. އެހެންނަމަވެސް މިރޭ މަތީނު އޭނީ މިސްކިތުގައެވެ.

އީސަބެއަށްވުރެ ކުރިން މަތީނު މިސްކިތުން ފައިބައިގެން ގެއަށް ހިގައްޖެއެވެ. އީސަބޭވެސް ކުޑައިރުކޮޅަކު މިސްކިތުގައި މަޑުކޮށްލުމަށްފަހު ގެއަށް އަތުވެއްޖެއެވެ. އީސަބޭ ގެއަށްއައިސް މިސްކިތުން ފެނުނު ކަންތަކާއި ގުޅިގެން އައިސާފުޅު ކައިރީގައި އަހާލިއެވެ. “ މަތީނަށް ފަތިސްނަމާދަށް ގޮވީ އައިސާފުޅު ހެއްޔެވެ؟“ އީސަބޭ މިހެން އެހުމުން އާސައިފުޅު ހައިރާކަމާއެކު ނޫނެކޭބުންޏެވެ. އަދި މަތީނު ފަތިސްނަމާދަށް މިސްކިތައް ދިޔަ ވާހަކަ ބުނުމުން އިތުރަށް އައިސާފުޅު ހައިރާންވިއެވެ. ދެމަފިރިން ވާހަކައިގާ ތިއްބާ އިރުއަރައިފިއެވެ. އަވަސް އަވަހަށް ސައިބޯލައިގެން ދަނޑަށްދާން އީސަބޭ ނިކުމެއްޖެއެވެ.

މަތީނު ކިޔަވަމުންދަނީ ރަށު މަދަރަސާގައި ގުރޭޑް 10 ގައެވެ. އައިސާފުޅު ބަދިގޭގައި އަވަދިނެތި އުޅެނިކޮށް މަތީނު ބަދިގޭ ދޮރުމައްޗަށް އަރާ ގޮވާލިއެވެ. “ މަންމާ! އަހަރެން މިދަނީ ސުކޫލައްދާން!  އައިސާފުޅަށް މިއަދު ލިބެމުންމިދާ ޚަބަރުތަކުންނާއި ފެންނަ މަންޒަރުތަކުން މިއީ އާދައިގެ ކަމެއްނޫންކަން ޔަގީންވެއްޖެއެވެ. “ އަވަހަށް އާދޭ! ސައިތައްޓެއް ބޮއިގެންދާން! ލޯތްބާއެކު އައިސާފުޅު ބުންޏެވެ. ސައިބޮއެ ނިމިގެން ހިނގައި ގަންނަމުން މަތީނު ހިތައްއެރިއެވެ. އަހަރެންގެ މައިން ބަފައިންނަކީ ހާދަ ރަނގަޅު ބައެކެވެ. އަހަރެން މިހާ ގޯސްކޮށް އުޅޭއިރުވެސް އަހަރެންނާއި ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނުބާއްވައެވެ. ރޭގެ ކަންތަކަށްފަހު މަތީނަށް މިވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. ގަޑިޖެހެން ކާއިރިވުމާއެކު ސުކޫލައްދާން ނިކުމެއްޖެއެވެ.

ސުކޫލަށްދިޔަ މަގުމަތީގައި މަތީނައިއެކު އުޅޭ ކުދިންތަކާ ދިމާވިއެވެ. އެކުދިން މަތީނަށް މަލާމާތްކުރަން ފެށިއެވެ. “ މަންމަ ދެކެބިރުގަތީތަ؟ އެއްކުއްޖަކުބުންޏެވެ. މަތީނު ބުނީމެންނު ދެން ސުކޫލަކަށް ނުދާނަމޭ. ކިހިނެއް ތިހެދީ؟ ކުދިންގެ ލީޑަރަކަށް އުޅޭ މުހުސިނު ބުންޏެވެ. އޭރު އެހެން ބުނީ ނުވިސްނޭތީ ކަމުގައި މަތީނު ބުންޏެވެ. މިހާރު ވިސްނިއްޖެ. ތިހެން އުޅެގެން އެއްވެސް ކަމެއް ރަނގަޅެއް ނުވާނެވެ. މައިންބަފައިންގެ މޫނުމަތީގައި ކޮޅުފައިން ޖަހާކަށް ނުވާނެވެ. ދެން ދުވަހަކުވެސް ގޯސްމަގަކުން ނުދާނެކަމުގައި މަތީނު ބުންޏެވެ. އެކުދިންތައް މަތީނުގެ ވާހަކައާއި ދެކޮޅު ހަދާ ދިމާކުރަން ފެށުމުން އަވަހަށް އެތަނުން ހިގައްޖެއެވެ.  ސްކޫލުގެ ގޭޓާއި ހަމައަށް އާދެވެނުއިރު ކުދިންތައް ވަދެނިމެނީއެވެ. ސްޕަވައިޒަރުވެސް ހުއްޓިލައިގެން ހުންނެވިއެވެ. މަތީނު ފެނުމާއެކު ސްޕަވައިޒަރުވެސް ހައިރާންވިއެވެ. ގިނަދުވަސްތަކެއްވަންދެން ކުލާހަށް ހާޞިރު ނުވުމުގެ ސަބަބުން މަތީނަށް ވަނީ ވަރަށްގިނަ ފިލާވަޅުތަކެއް ގެއްލިފައެވެ.

އެންމެ ފުރަތަމަ އޮތީ ދިވެހި ގަޑިއެވެ. ދިވެހި ގަޑީގައި އޮތީ ވާހަކަ ލިޔުމެވެ. މުދައްރިސް ފިލާވަޅު ކިޔައިދެއްވުމަށް ފަހު އެކުއްޖަކު ބޭނުންވާ މަޢުލޫއަކަށް ވާހަކައެއް ލިޔުމަށް ބުނުއްވިއެވެ.  ދިވެހި މުދައްރިސް މަތީނަށް ގޮވާލެއްވުމަށްފަހު ފިލާވަޅު އޮޅުންފިލިތޯ މަތީނު ކުރެން އެއްސެވިއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ކަނޑައެޅިފައިވާ ވަރަށް ލިޔުމަށްފަހު ނިމިއްޖެ ކަމުގައި މަތީނު ބުންޏެވެ.  ”ނިމުނު ކުދިންގެ ފޮތްތައް މުދައްރިސާ ހަވާލުކުރޭ! މާދަމާ ކުލާސްގަޑީގައި އެންމެ ރަނގަޅު ތިން ވާހަކަ ކުލާހަށް ހުށަހަޅާނީ“ މިހެން ބުނެފާ ފޮތްތައް ނަގައިގެން މުދައްރިސް ދުރުވެއްޖެއެވެ.

އަނެއްދުވަހު މަތީނުވެސް ކުލާސްތެރޭގައިއިނެވެ. މުދައްރިސް ދުރުވެ އެންމެ ރަނަގަޅަށް ލިޔެފައިވާ ތިން ކުދިންގެ ވާހަކަ ކުލާހަށް ހުށަހެޅުމަށްޓަކައި ތިން ކުދިންނާ ހަވާލުކުރިއެވެ. އެންމެ ފަހުން ހުށަހަޅަނީ މަތީނު ލިޔެފައިވާ މަޒުމޫނެވެ. ހުރިހާކުދިންވެސް ވަރަށް ކަނުލާ އަޑުއަހަން ތިބިއެވެ. “ އަހަރެންގެ ހުވަފެން“ މަޒުމޫން ކިޔަން ފެށިއެވެ. އަހަރެން ނިދަން އޮށޯތީ އިޝާނަމާދުވެސް ނުކޮށެވެ. ރަގަޅަށް ނިދުނުތަނާހެން އަހަރެން މައްޗަށް އަރަންފެށިއެވެ. ދެންފެނުނީ ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފައިގެން ކޮންމެވެސްތާކަށް ވައްދާތަނެވެ. ހީވާގޮތުން އެއީ މިސްކިތެކެވެ. އެތަނުގައި އެކިއެކި ކަންކަމުގައި މީހުން އުޅޭތަން ފެނުނެވެ. ބައެއް މީހުން ކިޔަވަނީއެވެ. އަނެއްބަޔަކު ނަމާދު ކުރަނީއެވެ. އަހަރެން ވަރަށް ބިރުގަތެވެ. އެތާންގައި ބޭންދުމަށްފަހު އަހަރެންނާ މުހާތަބުކޮށް ބުނާއަޑު އިވުނެވެ. ތިހާ ގޯސްކޮށް ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ. އަހަރެން ޖަވާބުދޭން ބޭނުންވިއެވެ. އެހެނަސް ވާހަކައެއް ނުދެއްކެއެވެ. އަނެއްކާވެސް ބުނާއަޑުއިވުނެވެ. ނުކިޔަވާ މައިންބަފައިންގެ ބަސްނާހާ އުޅޭކުދިންދެކެ މީހުން ލޯތްބެއް ނުވާނެއެވެ. މިހެން ބުނުމާއެކު އަހަރެން ތިރިވާހެން ހީވާފަށައިފިއެވެ. ވަރަށް ބާރަށެވެ. ވަޅުގަނޑަކަށް ވެއްޓެން އުޅެނީހެންވެސް ހީވިއެވެ. ގަތްބިރުން މަންމައަށް ގޮވެންފެށިއެވެ. ދެން އިރުގަނޑެއްފަހުން ހޭލެވިއްޖެއެވެ. މިފެނުނު ބިރުވެރި ހުވަފެނާމެދު އަހަރެން ވަރަށް ވިސްނީމެވެ. އެކަމަކު މިހާރު އަހަރެންގެ ހުވަފެނަކީ ބަސްއަހާ މޮޅު ކުއްޖަކަށްވުމެވެ.

މަތީނުގެ ވާހަކަ ނިމުމާއެކު ހުރީހާކުދިން އަތްޖަހާލިއެވެ. އަދި މަތީނުގެ މޮޅުކަން ފާހަގަކޮށް ވާހަކަ ވަރަށް ފުރިހަމަ ކަމަށް މުދައްރިސްވެސް ބުނުއްވިއެވެ.

ސެޝަންނިމިގެން ސްޕަވައިޒަރާއި ދިވެހިމުދައްރިސް މަތީނާއި ބައްދަލުކުރިއެވެ. އަދި މަތީނުގެ މޮޅުވާހަކަ ދިވެހި މުދައްރިސް ސުޕަވައިޒަރަށް ކިޔައިދެއްވިއެވެ. ކިޔާވާއިގެން މޮޅު ކުއްޖަކަށް ވުމަށާއި ބަސްއަހާ މައިންބައފައިންނަށް ކަމޭހިތާ ނަމޫނާ ކުއްޖަކަށްވުމަށް ނަސޭހަތްދެއްވިއެވެ. “ މަތީނުގެ މިހާރު އެންމެ ބޮޑު އުންމީދަކީ މައިންބައިން ބޭނުންވާފަދަ މޮޅު ކުއްޖަކަށްވުން ކަމުގައި މަތީނު ބުންޏެވެ“. އަދި ދެން ދުވަހަކުވެސް ގޯސްމަގަކުން ނުދާނެކަމުގެ ޔަޤީންކަން މަތީނު ދިނެވެ. މިއަދު މަތީނު ހުރީ ވަރަށް އުފަލުންނެވެ. އެ ފެނުނު ހުވަފެނުގެ ސަބަބުން ރަނގަޅުވުމަށް ފުރުޞަތު ލިބި އެންމެގެ ލޯބި ލިބުނީތީއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *