މާތް ﷲ وَحِي ކުރައްވާފައި ވެއެވެ.((وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ)) سورة الطـلاق 3
މާނައީ “ ﷲ އަށް ބަރޯސާ ވެއްޖެމީހާ؛ ފަހެ އޭނާއަށްޓަކައި ﷲ ފުދެއެވެ“ މި އާޔަތުގައި މިވަނީ އުފާވެރިކަމުގެ ޚަބަރެކެވެ. މާތް ﷲ އަށް ވަކީލުކޮށް، ބަރޯސާވެގެން ހުރެއްޖެ މީހާ އަށް ހުރި އުފާވެރިކަމުގެ ޚަބަރެވެ. އޭނާއަށް އޮތް އެންމެ ބޮޑު ހިތްވަރެވެ. ދަންނައެވެ، އެމީހެއްގެ އެންމެހާ ކަމެއްގައި އެހީތެރިވެ ވޮޑިގަންނަވާ ފަރާތަކީ ކާއިނާތުގެވެރި މާތް ﷲ ވެއްޖެމީހާ ދުނިޔެއާއި އާޚިރަތުގައިވެސް ކަންބޮޑުވާނެކަމެއް އޮންނާނެތޯއެވެ؟ ޝައްކެއްވެސް ނެތެވެ. ނޯންނާނެއެވެ. އޭގެ ބަދަލުގައި އޭނާވާނީ ދުނިޔެމަތީގައިވެސް އެންމެ ހިތްހަމަޖެހިގެންވާ މީހާއަށެވެ.އޭނާގެ ހިތް ހުންނާނީ ފުރިފައެވެ. އޭނާ ހިތްހަމަޖެހިފައި ހުންނާނީ ބައިވަރު މުދާތަކެއް އޭނާގެ މިލްކުގައި ހުރެގެނެއް ނޫނެވެ. އަދި ކިއެއްތަ ހުރިހާ ތަކެއްޗެއްހެއްދެވި، އެންމެހާ ކަމަކަށް ކުޅަދުންވަންތަވެރި،ރައްބުލްޢާލަމީންގެ ޙަޒްރަތުން އޭނާއަށް ފުއްދަވައިދެއްވާނެކަމުގެ އުފާވެރިަކމުގެ ވަޢުދު އައިސްފާވީތީއެވެ. ޙަޤީޤަތުގައިވެސް އެމީހަކަށް އުފާވެރިކަން ހުއްޓެވެ.
މި ދުނިޔޭގައި އިންސާނުންނަށް ތަފާތު ދިމަދިމާލުން އިމްތިޙާން ތަކާއި ފިތުނަތަށް ކުރިމަތިވަމުން ދެއެވެ. ހިތާމަޔާއި އުފަލެވެ.ފަޤީރު ކަމާއި،ތަނަވަސް ކަމެވެ.ދައްޗާއި، ތިޔާގި ކަމެވެ.އަޑިގުޑަން ގަނޑާއި އުސްގަނޑުގަނޑެވެ. ނިކަމެތި ކަމާއި، ގަދަފަދަ ކަމެވެ. ރަޙްމަތްތެރިކަމާއި، އަދާވާތްތެރިކަމެވެ.
ލޯމަތީން ތަފާތު ކުލަކުލައިގެ މަންޒަރުތައް ފެނިގެއްލެމުންދާނެ މެއެވެ. މި ހުރިހާ ކަންތައްތަކާ އެކުވެސް މާޔޫސް ވުމަކީ އިސްލާމްދީން އޭގެ އަހުލުވެރީންނަށް ދަސްކޮށްދީފައިވާ ފިލާވަޅެއްނޫނެވެ. ސަބަބަކީ ފުރިހަމަޔަށް ހުރިހާ ކަމެއް ބެއްލެވުމާއި އެކުމެ،އެދި ވޮޑިގެންނެވި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރެއްވުމަށް ކުޅަދުންވަންތަ އިލާހު ވޮޑިގެންވާކަމީ މުސްލިމުންގެ ޢަޤީދާއެވެ. ބޭރުފުށުން އެތައް ކަމެއް ތިމާ ބޭނުންވާ ގޮތްނޫން އެހެންގޮތަކަށް ފުރޮޅިގެންދާތަން ފެނުނަސް މާތް ﷲ އަށް ވަކީލު ކޮށްފި އަޅަކަށް އެކަންކަމުން ލޮޅުމެއް ނާރާނެމެއެވެ. އޭނާގެ ހިތްވަރު ގުޑުވައެއް ނުލެވޭނެއެވެ. އެކަލާނގެ އަށް އީމާންވާ މީހަކަށް އެކަމުގައި އޮތީ އާޚިރުގައި ކާމިޔާބާއި އުފާކަން އެކަލާނގެ ވަނީ ފޮތުގައި ބާވައިލައްވާފައެވެ.
އާދެ! ކިތަންމެ މަންޒަރެއް ދުނިޔެއިން ދެއްކިޔަސް،މައިދާން ކިތަންމެ ވަރަކަށް ކިލަނބުވިޔަކަސް،ބިންގަނޑު ނުތަނަވަސްވެ،މީހާ އެކަނިވެރިވެ، ހަތަރު އުދަރެސް ފެނުޖެހުނަސް ދިރިދެމިވޮޑިގެންވާ ﷲ،ބައްލަވަން،އައްސަވަން،ކުޅަދުންވަންތަކަމާއި،އެންމެހާ ކާއިނާތާއި މަޚްލޫޤު ތަކުގެ މިލްކުވެރިކަމުގައި އިންސާނުންގެ އާހް ތަކާއި، ޝަކުވާތަކަށް އިޖާބަދެއްވުމަށް އެކަލާނގެ އަޅުތަކުންނަށް އޯގާވެރިވެވޮޑިގެންވާ ޙާލު އަބަދުމެ ވޮޑިގަންނަވާކަން ހަނދުމަނެތި ވާވަރަށް ޣާފިލްވެގެން ނުދާށެވެ. އެއީ ހަމަ ތިބާ ހެއްދެވި ﷲ އެވެ.ތިޔައެނބުރެނީ ކޮން ދިމާލަކަށް ،ކާކުގެ ކައިރިޔަށް ދާކަށް ހެއްޔެވެ؟ ބޭނުން ކަމަކަށް އެނކަލާގެ ޙަޟްރަތުން އަވަހަށް އެދޭށެވެ. އެކަލާނގެ އަށް ވަކީލްކުރާށެވެ. ކޮންމެ ކަމެއްގައިވެސް ﷲ އަށް ވަކީލްކުރާށެވެ. ދަންނައެވެ ، ﷲ އަށް ވަކީލްކޮށްފި މީހާއަށް ﷲ ފުދޭނެއެވެ.
9 رمضان 1437هـ – 14 ޖޫން 2016