ތަފާތު ފީޗާރސްތަކަކާއެކު ވަންޕްލަސްގެ ހަތަރުވަނަ ފޯނު ވަންޕްލަސް 3 ތަޢާރަފްކޮށްފިއެވެ.
ޗައިނާގެ ވަންޕްލަސް ކުންފުނިން އެކުންފުނީގެ އެންމެ ފަހުގެ ފޯނު، ވަންޕްލަސް 3 ތަޢާރަފްކޮށްފައިވަނީ ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި، ވާރޗުއަލް ރިއަލިޓީ ބޭނުންކޮށްގެންނެވެ. އެންމެ ގިނަބައެއްގެ ސަމާލުކަން މިފޯނަށް ލިބިފައިވަނީ މިފޯނުގެ އާދަޔާ ޚިލާފު ރެމްގެ ސަބަބުންނެވެ. ރެމްގައި 6 ޖީބީގެ ކެޕޭސިޓީއެއް ހުރިއިރު މިއީ މިހާތަނަށް މާކެޓުގައި ނެރެވިފައިވާ އެންމެ ބޮޑު ރެމް އެކުލެވޭ ފޯނެވެ. މީގެ އިތުރުން މިފޯނުގައި ބޭނުންކޮށްފައިވަނީ ސްނެޕްޑްރެގަން 820 ޕްރޮސެސަރ އެވެ. އެއީ ސްނެޕްޑްރެގަންގެ އެންމެ ފަހުގެ ޕްރޮސެސަރ އެވެ.
މިފޯނަކީ އެހެން ބްރޭންޑުތަކުގެ ފްލެގްޝިޕް ފޯނުތަކެކޭ އެއްގޮތަށް ވަރަށް ތުނި ފޯނަކަށް ވީއިރު މިފޯނުގެ އިންޓާރނަލް މެމޮރީގައި 64 ޖީބީ ގެ ކެޕޭސިޓީއެއް ހުރި އިރު އެސްޑީ ކާޑު ބޭނުން ނުކުރެވޭކަންވެސް ފާހަގަކުރެވެއެވެ. 5.5 އިންޗި ސްކްރީނުގައި ހުރިއިރު ބޭނުންކޮށްފައިވަނީ 1080ޕީ ގެ އެމޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީއެވެ. މިފޯނުގެ ފަހަތު ކެމެރާއަކީ 16 މެގަޕިކްސެލްގެ ކެމެރާއަކަށްވީއިރު ކުރިމަތީ ކެމެރާ ނުވަތަ ސެލްފީ ކެމެރާގައި 13 މެގަޕިކްސެލް ހުރެއެވެ. މީގެ އިތުރުން މިފޯނުގައި ވަންޕްލަސް ކުންފުނީގެ އަމިއްލަ ދެއުފެއްދުމެއް ބޭނުންކޮށްފައިވެއެވެ. އެއީ ޑޭޝް ޗާރޖު ފީޗާރ އާއި އަމިއްލަ އޮޕަރޭޓިން ސިސްޓަމެކެވެ.
ޑޭޝް ޗާރޖަކީ ކުއަލްކޮމްގެ ކުއިކް ޗާރޖެކޭ އެއްފަދައިން އަވަހަށް ޗާރޖުކޮށްލެވޭ ފަދަ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީގެ އެހީގައި ވަންޕްލަސް 3ގެ ބެޓަރި 80 އިންސައްތައަށް 30 މިނެޓު ތެރޭގައި ޗާރޖުކޮށްލަދޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ. މިފޯނުގައި ބޭނުންކޮށްފައިވަނީ އެންޑްރޮއިޑްގެ ސޯސްކޯޑު ބޭނުންކޮށްގެން އެކުންފުނިން އުފައްދާފައިވާ އޮކްސީޖެން އޯއެސްއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން މިއީ މިފޯނުގެ ބޮޑު ރެމާއެކު މިފޯނުގެ މަސައްކަތް އަވަސް ކުރުވައިދިން އެއްސަބަބެވެ.
ވަންޕްލަސް 3 ނެރެފައިވަނީ ޗައިނާ، އެމެރިކާ އަދި ޔޫރަޕްގެ މާކެޓަށެވެ. އަދި ޔޫރަޕްގެ މާކެޓަށް ނެރޭ ފޯނުތައް އޭޝިޔާގައިވެސް ބޭނުންކުރެވޭނެއެވެ. ގިނަ ބަޔަކު މިފޯނަށް ތަޢުރީފުކުރާ އެންމެ ބޮޑު ސަބަބަކީ މިހާ މޮޅު ފިޗާރސްތަކަކާއެކުވެސް މިފޯނަކީ އަގުހެޔޮ ފޯނަކަށްވުމެވެ. އެމެރިކާގެ މާކެޓުގައި މިފޯނު ލިބޭނެ އަގެއް ކަމަށް އެކުންފުނިން ކަނޑައަޅާފައިވަނީ 400 ޑޮލަރެވެ. އަދި އެހެނިހެން މާކެޓުތަކުގައި އެއަށްވުރެ އަގުހެޔޮ ވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.