ހެޔޮނުވާނެ އަމިއްލަ ނަފްސަށް އަޅާލަބަލަ!

ދިވެހިންނަކީ އަބަދުވެސް ބިޒީ ދިރިއުޅުމަށް އާދަވެފައިވާ ބައެކެވެ. މިކަމުގެ ނަތީޖާއަކަށް ގިނަފަހަރު ވެފައި އޮންނަނީ، އަޅާލަންޖެހޭ މިންވަރަށް ނުވަތަ އެޔާއި ގާތަށްވެސް އަމިއްލަ ނަފްސަށް އަޅާނުލެވުމެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށް ވެގެންދަނީ ނަފްސާނީ ބަލިމަޑުމަކާއި ކުރިމަތިލާންޖެހުމެވެ.

އަމިއްލަ ނަފްސަށް އަޅާލުމަށް މަސައްކަތްކުރަމާ!

ފުރިހަމަ ނިންޖަކީ މީހާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެންމެ މުހިއްމު ރޯލެއް ކުޅެދޭ އެކައްޗެވެ. މީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެންމެ މުހިއްމު އެއް ފަރުވާއަކީވެސް ފުރިހަމަ ނިންޖެވެ. ފުރިހަމަ ނިދި ނުލިބޭނަމަ ސިއްޙީ ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހެއެވެ.

ހަރަކާތްތެރިކޮށް އުޅެން އާދަކުރާށެވެ.

ހަރަކާތްތެރިކޮށް އުޅެން އާދަކުރުމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ވަރަށް މުހިއްމުކަމެކެވެ. އެހެނީ ކަސްރަތެއް ލިބިދޭފަދަ ކޮންމެ ކަމަކީވެސް ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ނުހަނު ބޭނުންކަމަކަށްވާތީއެވެ. އެހެންކަމުން ހަރަކާތްތެރިވެ އުޅޭނަމަ އަބަދުވެސް އެމީހާއަށް ހުންނާނީ ކޮންމެވެސް ވަރަކަށް ކަސްރަތު ލިބިލިބިއެވެ. ކިތަންމެ ކުޑަކޮށް ހަށިގަނޑަށް ކަސްރަތު ލިބޭނަމަވެސް އޭގެ ފަިދާ ހަށިގަނޑަށް ކުރާނެއެވެ. އެގޮތުން ސްޓްރެސް ލެވެލް ދަށްކޮށްދިނުމާއި، ލޭގެ ދައުރުވުން ރަނގަޅުކޮށް ދިނުން ހިމެނެއެވެ.

ހަށިގަނޑަށް ގެއްލުން ލިބޭ ކަންތައްތަކުން ދުރުހެލިވާށެވެ.

އަމިއްލަ ނަފްސަށް އަޅާލެވޭނީ، ހަށިގަނޑަށް ގެއްލުން ލިބޭނެފަދަ އެންމެހާ ކަންތައްތައް ދޫކޮށްލަޮގެނެވެ. ނުވަތަ އެފަދަ ކަންތައްތަކުން ދުރުވެގެނެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ނުހަނު ގެއްލުން ލިބޭ ކަމަކަށް ވީހިނދުވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ކިބައިގައި މިނުބައި އާދަވަނީ، ހަރުލާފައެވެ. އެއާނުލައި އުޅެން އުނދަގުވާ ވަރަށެވެ. އަމިއްލަ ނަފްސަށް އަޅާލާ، އަމިއްލަ ނަފްސު ދެކެ ލޯބިވާނަމަ މި ނުބައި އާދަ ދޫކޮށްލުމަށް އަޒުމުކަނޑައަޅާށެވެ. މީގެ އިތުރުންވެސް އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ކޮފީ ބޮއެއުޅެއެވެ. އަމިއްލަ ނަފްސަށް އަޅާލާ، ނުރަނގަޅު އާދަތައް ދޫކޮށްލަން ބޭނުންވާނަމަ، ކޮފީ ބުއިމަކީވެސް ވަކި ހައްދެއްގެ ތެރޭގައި ބާއްވަންޖެހޭ ކަމެކެވެ. ސަބަބަކީ ކޮފީގައި އެކުލެވިގެންވާ ކެފެއިންގެ ސަބަބުން ބައެއް ހާލަތުގައި ނިދަން އުނދަގޫވެ، ނިދި މަދުވާގޮތްވެއެވެ. މިހެންވުމުގެ ސަބަބުން މީހާ މޫޑީވެ ވަރުބަލިވާ ގޮތްވެއެވެ. މިހެންކަމުން އަމިއްލަ ނަފްސަށް އަޅާލުމަށް، ކޮފީ ބުއިމަކީވެސް ވަކި ހައްދެއްގެ ތެރޭގައި ބާއްވަންޖެހޭ އާދައެކެވެ.

އަމިއްލަ ނަފްސަށް އަޅާލަން މަސައްކަތްކުރިނަމަވެސް މާބޮޑު ކާމިޔާބެއް ނުލިބި އަންނަނިވި ފަދަ މައްސަލަތައް ދިމާވާނަމަ ސިއްޙީ މާހިރެއްގެ ލަފާ ލަސްނުކުރައްވައި ހޯއްދަވާށެވެ.

  • ނިދަން އުނދަގޫވެ ހަމަ ނިދި ނުލިބުން
  • ކާން އުނދަގޫވެ ކާހިތް ނުވުމާއި ބަރުދަނަށް ބަދަލު އައުން
  • ސްޓްރެސްވެ އަބަދު އެނދުގައި އޮންނަ ހިތްވުމާއި، އެނދުން ތެދުވެ އުޅެން އުނދަގޫވުން
  • ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން
  • ކުރިން ކުރާހިތްވި ކަންކަން މަތިން ފޫހިވެ އެކަންކަން އިތުރަށް ކުރާހިތް ނުވުން. ނުވަތަ އެކަންކަމުން ކުރިން ލިބުނު ހިތްހަމަ ޖެހުން ނުލިބުން
  • ކޮންމެ ދުވަހަކުވެސް ކުރަން ނިންމާފައިވާ ކަންކަން ނުކުރެވުން ނުވަތަ އަދާ ކުރަންޖެހޭ ޒިންމާތައް އަދާ ނުކުރެވުން.
ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *