ބޮލީވުޑްގެ ދެ ސްޓާރުންކަމަށްވާ ރަންބީރު ކަޕޫރު އާއި ކެޓްރީނާ ކައިފްގެ ޒަމާންވީ ލޯބީގެ ގުޅުން މިއަހަރުގެ ޖެނުއަރީ މަހު ނިމުމަކަށް އައިސްފައިވާއިރު އެދެތަރިން އަލުން ގުޅުވުމަށްވެސް ބައެއް ފަރާތްތަކުން ދަނީ މަސަައްކަތްކުރަމުންނެވެ. އެގޮތުން މިފަހަރު މިމަސައްކަތައިގެން މިއުޅެނީ ބޮލީވުޑްގެ ސްޓާރެއްކަމަށްވާ ސަންޖޭދަތްއެވެ. ސަންޖޭދަތްގެ އަމިއްލަ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގައި އެދެތަރިން ހިމެނުމަކީ ސަންޖޭދަތް ވަރަށް ބޭނުންވާކަމެއްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އެދެތަރިން ވަކިވުމަށްފަހު ދެން ފިލްމެއް ނުކުޅުމަށް ދެތަރިން ނިންމާފައިވީނަމަވެސް ސަންޖޭދަތްގެ މަސައްކަތުން ކެޓްރީނާ މިހާރު މިިފިލްމު ކުޅުމަށް އާ ބަސްބުނުމާ ހިސާބުގައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ސަންޖޭދަތްގެ ރޯލުން ރަންބީރު ފެނިގެންދާއިރު ސަންޖޭދަތްގެ އަންހެނުންގެ ރޯލަށް ކެޓްރީނާ ނެގުމަށް ސަންޖޭދަތް ބޭނުންވާއިރު ކެޓްރީނާ މިހާރު ސްކްރިޕްޓް ކިޔާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ސްކްރިޕްޓް ކިޔާފައިވީނަމަވެސް އަދި ކެޓްރީނާ މިފިލްމަށް އާއެކޭ ބުނެފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ކެޓްރީނާ މިރޯލަށް އާއެކޭ ބުނުން އެއީ ގިނަ ބަޔަކު ބޭނުންވާނެކަމެއްކަން ޔަޤީނެވެ.
މިދެތަރިންގެ ވަކިވުމަށްފަހު ދެން ދެތަރިން އެއްކޮށް ކުޅޭނެ ފަހު ފިލްމަކީ މިހާރު ޝޫޓިންގ ކުރިޔަށްދާ ޖަގާ ޖާސޫސްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ޝޫޓިން ތެރޭގައި ކަންކަން ހިނގާފައިވާގޮތުން އެގޮތަށް ވާހަކަތައް ފެތުރިފައިވާއިރު ދާދިފަހުން ރަންބީރު ވަނީ ދެން އޭނާ ބޮލީވުޑްގެ އެކްޓްރެސްއަކާ އެކު ޑޭޓްނުކުރާނެކަމަށްވެސް ބުނެފައެވެ.