ސުޕަރ ސްޓަރ ސަލްމާން ޚާން އާއި ރޮމޭނިއާ ގެ މޮޑެލް ލޫލިއާ ވަންތޫރުއާ ދެެމެދު އޮތީ ކިހާވަރެއްގެ ގުޅުމެއްކަމެއް މިހާރު އޮޅިފައެއް ނުވާނެއެވެ. ލޫލިއާ އާއި ކައިވެނިކުރަން އުޅޭކަމަށް ދެކެވޭވާހަކަތައް ސަލްމާން ދޮގުކުރަމުން އައި ނަމަވެސް މިދެމީހުންގެ މެދުގައި އޮންނަނީ ރަހުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އޭގެ ސަބަބުތައް ގިނަގުނައެވެ. ދެމީހުން އެއްކޮށް ތަންތަނުން ފެނުމާއި ސަލްމާން ގެ އާއިލާ އާއި ލޫލިއާ އާ ދެމެދު އޮންނަ ގާތްގުޅުމަކީވެސް އެކަމަށް ބާރު ދޭކަންކަމެވެ. މިކަމުގެ ތެރެއަށް މިހާރު މިވަނީ އެހެންކަމެއް އިތުރުވެފައެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ސަލްމާން އާއެކު ޖޭހޯ އިން ފެނިގެންގޮސްފައިވާ ތަރި ޑެއިޒީ ޝާހު އަކީ ލޫލިއާ އެހާ ހިތްހަމަޖެހޭ މީހެއް ނޫނެވެ. އެހެންކަމުން ލޫލިއާ ވަނީ ޑެއިޒީ އާ ދުރުން އުޅުމަށް ސަލްމާން އަށް އަންގާފައިކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިކަމާގުޅިގެން ލޫލިއާ ވަނީ ސަލްމާންގެ އާއިލާ މީހުންނާވެސް އެވާހަކަތައް ދައްކާފައިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އާއިލާ މީހުންގެ ތެރެއިންވެސް އިސްމީހުންގެ ފަރާތުން އެހީއަށް އެދިފައިވާކަމަށް ވެއެވެ. އެހެންނަމަވެސް ސަލްމާން އަންނަނީ ލޫލިއާ ގެ ވާހަކަތަކަށް ބީރުކަންފަތެއް ދެމުންކަމަށްވެއެވެ.
މިކަންތަކާ ގުޅިގެން ޑެއިޒީ ބުނެފައިވަނީ އެއީ ހަޤީޤަތެއް ނެތްވާހަކަތަކެއްކަމަށާއި އޭނާ އާ ލޫލިއާ އަކީ ރަހުމަތްތެރިންނޫންކަމަށެވެ. ސަލްމާން އަކީ އޭނާގެ ރައްޓެއްސެއްކަމަށާއި ލޫލިއާ އަކީ ސަލްމާން ގެ ރަހުމަތްތެރިއެއްކަމުން އޭނާ ލޫލިއާ އަށް އިޚުތިރާމް ކުރާކަމެށެވެ. އެހެންނަމަވެސް ލޫލިއާ އަކީ ކާކުކަން އޭނާ އަށް ނޭންގޭކަމަށް ޑެއިޒީ ވަނީ ބުނެފައެވެ.