މި ރަމަޟާން މަސް ނިމުމާއެކު މަރުވާމީހުން އާސަހަރާގައި ވަޅުލުން ހުއްޓާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރުން ނިންމާފައިވަނީ މަރުވާ މީހުން ހުޅުމާލޭ ސަހަރާގައި ވަޅުލަން ކަމަށާއި ނަމަވެސް ސިޓީ ކައުންސިލްއިން ހުއްދަ ދީގެން މިހާރު އާސަހަރާގައި މީހުން ވަޅުލަމުން ދާ ކަމަށެވެ. އަދި ރޯދަމަސް ނިމުމާއެކު އެ އުސޫލް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ސިޓީ ކައުންސިލްގެ މެންޑޭޓްގައި އޮތް އެކަންތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް މިހާރު ބަދަލުކޮށްފައިވާ ކަމަށާއި އެހެންކަމުން ރޯދަ މަސް ނިމުމާ އެކު މާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި މުވައްޒިފުން ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ މާލޭގައި އޭރުން ވަޅުލާނީ ހުޅުމާލެއަށް ނުގެންދެވޭ ހާލަތުގައި ތިބި ފަރާތްތައް އެކަނި ކަމަށާއި އޭގެ ތެރޭގައި މައްޔިތެއްގެ ގައިން ބްލީޑްވުން ނުހުއްޓޭ ފަދަ އިމަރޖެންސީ ކޭސްތަކާއި ޚާއްޞަކޮށް ތުއްތު ކުދިން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މައްޔިތާ މާލެއިން ގެންދިއުމަށް އެމްޓީސީސީގެ ޚާއްޞަ ފެރީއެއްވެސް މިހާރު ވަނީ ޤާއިމު ކޮށްފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އަލަށް ހެދި ސަހަރާއަކީ ދެ ލޭޔަރަކަށް 8800 މީހުން ވަޅުލެވޭނެ ސަހަރާއެއް ކަމަށާއި ކުރިއަށްއޮތް ހަ އަހަރަށް އެ ސަހަރާގައި މީހުން ވަޅުލެވޭނެ ކަމަށެވެ.