މެލޭޝިއާގެ ފުރަތަމަ އިސްލާމިކް އެއަރލައިންގެ އުދުހުން މަނާކޮށްފިއެވެ.
މެލޭޝިއާގެ ޑިޕާޓްމެންޓް އޮފް ސިވިލް އޭވިއޭޝަން (ޑިސީއޭ)އިން ބުނީ ރަޔާނީ އެއަރލައިންގެ އުދުހުން މަނާކުރީ އޭވިއޭޝަން ޤަވާޢިދުތަކާ ޚިލާފަށް ޢަމަލު ކުރުމުގެ ސަބަބުން ކަމަށެވެ. އަދި އެ އެއަރލައިންގެ ފްލައިޓްތައް އުދުހުން މަނާކުރީ އެއަރލައިންގެ އެޑްމިނިސްޓްރޭޝަން އަދި ސޭފްޓީ އޮޑިޓްގެ ތަހުގީގަކަށް ފަހުކަމަށެވެ.
ޑީސީއޭ އިން ޢާންމު ކުރި ބަޔާނެއްގައިވާ ގޮތުން ރަޔާން އެއަރއިން ވަނީ އެއަރ ސަރވިސް ލައިސެންސް (އޭއެސްއެލް)ގެ ޝަރުތުތަކާ ޚިލާފުވެފައިވާ ކަމަށާއި ކޮމާރޝަލް އެއަރލައިނެއް ހިންގުމުގެ މާލީ އަދި މެނޭޖްމެންޓް ކެޕޭބިލިޓީއެއް އެއެއަރލައިންގައި ނެތް ކަމަށެވެ. ޑީސީއޭ އިން ރަޔާނީ އެއަރގެ އޮޕަރޭޝަންތައް ތަހުގީގު ކުރަން ފަށާފައިވަނީ މުސާރަ ނުލިބުމުގެ ސަބަބުން ޕައިލަޓުން ހަޅުތާލު ކުރަން ފެށުމުން ގިނަ ފްލައިޓްތައް ފަހު ވަގުތު ކެންސަލް ކުރަމުން ދިޔުމުގެ ސަބަބުން ކަމަށް ބޭރުގެ މީޑިއާ ބުނެއެވެ.
އަދި އަތުން ލިޔެފައިވާ ބޯޑިންގ ޕާސް ދިން ކަމުގެ މައްސަލައެއް ފެންމަތިވެފައިވާ އިރު، އެގޮތަށް ބޯޑިންގ ޕާސް ހަދަން ޖެހުނީ ކޮމްޕިއުޓަރ ގްލިޗެއްގެ ސަބަބުން ކަމަށް ރަޔާނީ އެއަރލައިން އިންވަނީ ބުނެފައެވެ.
ރަޔާނީ އެއަރލައިނުން ކުރާ ދަތުރުތައް އިތުރުކޮށް، ހައްޖާއި އުމްރާއަށް މައްކާއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ އިރު، އެ އެއަރލައިންގެ ފްލައިޓްތަކުން ކޮންމެ ދަތުރެއް ފެށުމުގެ ކުރިން ދުޢާ ކުރަމުންނެވެ.
އަދި ފްލައިޓުން ފޯރުކޮށްދެނީ ހަމައެކަނި ހަލާލް ކާނާ އާއި ބުއިންތަކެވެ. އެހެން ކަމުން ފްލައިޓް މަތީގައި ބަނގުރާ ބުއިމަކީ މުޅިން މަނާކަމެކެވެ.