އެތަނަށް ނަޒަރު ހިންގާ ބަލާލީމެވެ. ކަޅު ކުލައިގެ ބޮޑު ޑަސްބިން ކޮތަޅެއް ކުނި އަޅާ ފުރާލާފައި ހުއްޓެވެ. ދުވާ ވަހުން ނޯއް ދަމާލާކަށް ނުކެރެއެވެ. ތަންކޮޅެއް ދުރުން ބަލާލުމުން ފެނުނީ ކުޑަކަމުދާ އެއްޗެހި އަޅާފައި ހުރި ކަމަށް ލަފާކުރެވޭ ފުޅިއެކެވެ. ކުނިބުނިން މުޅިތަން އޮތީ ’ޚަރާބު‘ ކޮށްލާފައެވެ. މި ދައްކަނީ ކުނިކޮށީގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ދިވެހި ގައުމަށްޓަކައި ޖިހާދުކުރި ގައުމީ ބަޠަލު އަލި ރަސްގެފާނު ޒިޔާރަތުގެ ވާހަކައެވެ.
އެ ސަރަހައްދުގައި އުޅޭ މީހަކު ދުވަސް އަށް މައުލޫމާތުދެމުން ބުނީ އެ ކުނިތައް އެތާ ހުންނަތާއް ގާތްގަނޑަކަށް ހަފްތާއެއް ވެފައިވާކަމަށެވެ.
“ އެކަމާ އަހަރަމެން މިތިބީ ވަރަށް ރުޅި އައިސްފައި. މިދެން ތަންކޮޅެއް ބޮޑުވަރުދޯ“ އެ ސަރަހައްދުގައި އުޅޭ މީހެއް ބުންޏެވެ.
ގައުމީ ބަޠަލަށްޓަކައި ޒިޔާރަތެއް ހެދީ އިހްތިރާމް ކުރުމުގެ ގޮތުންނެވެ. އެއްވެސް ހާލެއްގައި ކުނިއަޅާ ތަނަކަށް އެތަން ހަދާކަށް ނޫނެވެ. މީ ކޮންމެ ވެސް ބަޔަކު ޒިންމާ ނަގަންޖެހޭ ކަމެކެވެ. ދިވެހި ގައުމުގެ ހައްގުގައި އެ މީހެއްގެ ފުރާނަ ދުއްވާލި ގައުމީ ބަޠަލަކަށް އިހްތިރާމާއި އިއްޒަތްދޭންޖެހެއެވެ. އައްޔަކަސް އަދިރިޔަކަސް އަހަންނަށް ހެވޭ ބުނާފަދަ ބަޔަކަށް ނުވަމާތޯއެވެ.