މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢަބްދުއްރައްޒާޤު ހަލީމް ހަމަޖައްސަފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ އޭނާ މިއަދު އެ މަޤާމަށް ހަމަޖައްސާފައިވައެވެ. ޢަބްދުއްރައްޒާޤު ހަލީމް މި މަޤާމަށް ހަމަޖެއްސީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް އިއްޔެ އެ މަޤާމުން ވަކިކުރެއްވުމަށް ފަހުއެވެ.
އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މަޤާމުގައި ހުންނެވި އިބްރާހީމް ނަޒީމް ވަނީ އިއްޔެ އެ މަޤާމުން ވަކިކޮށްފައެވެ. އޭނާ އެ މަޤާމުން ވަކި ކުރެއްވި އިރު، އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައެވެ.
އެގޮތުން ދައުލަތަށް އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވި މައްސަލައެއްގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.