ސްޓަރޕްލަސް އިން ދައްކަމުންދާ މަޝްހޫރު ޑްރާމާ ސީރީޒް ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ އިން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ އެޝޯވ ގެ މައި އެއް ކެރެކްޓަރ ނެތިކްގެ ރޯލުން ފެނިގެންދާ ކަރަން މެހެރާ އެޝޯ ދޫކޮށްލަން ނިންމައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން ކަރަން މިގޮތަށް ނިންމީ އޭނާގެ ސިއްޙީ ހާލަތު ބިޒީ ޝެޑިޔުލެއްގައި އުޅުމަށް ތަންނުދޭތީއެވެ. ކަރަން ގެ ޑޮކްޓަރ ބުނެފައިވަނީ ބެޑްރެސްޓެއް ނެގުމަށްކަމަށް ރިޕޯޓްތައްބުނެއެވެ. އެޝޯވ ދޫކޮށްލާކަން ޢިއުލާންކުރަމުން ކަރަން އޭނާގެ އެފްބީ ޕޭޖަށްވަނީ ވީޑިއޯ މެސެޖެއް އަޕްކޮށްފައެވެ. އެމެސެޖްގައި ކަރަންވަނީ އޭނާގެ ހުރިހާ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. ކަރަން ބުނެފައިވަނީ ނެތިކް ގެ ރޯލުން އާންމުން އޭނާ ބަލައިގެންނާނެކަމަށް އުންމީދު ނުކުރާވަރަށް ބެލުންތެރިން އޭނާ ބަލައިގެންފައިވާ ވަކަމަށެވެ.
7 އަހަރު ދުވަސްވަންދެން ނެތިކް ގެ ރޯލުން ކަރަން މެހެރާ ބެލުންތެރިންނަށް ފެނިގެންގޮސްފައިވާއިރު ދޭތެރެ ދޭތެރެއިން ކަރަން މިޝޯވ ދޫކޮށްލަން އުޅޭކަމަށް ވާހަކަތައް ދެކެވިފައިވެއެވެ. އެހެންނަމަވެސް ކަރަން ވަނީ އެވާހަކަތައް ދޮގުކުރަމުން އައިސްފައެވެ. އެހެންނަމަވެސް ޝޯވ ލީޕަށް ދިޔުމުން ކަރަން ޝޯވ ދޫކޮށްލާނެކަމަށް ވަނީ ވާހަކަދެކެވިފައެވެ. އެގޮތުގެ މަތިން ކަރަން ޝޯވ ދޫކޮށްލާއިރު މިޝޯވ ގައި ނެތިކްގެ ގޮތުގައި ކަރަން ފެނިގެންދާ އެންމެ ފަހު ސީނަކީ ނެތިކް ގެ ކޮއްކޮ ރަމަން އޭނާ ކިޑްނެޕްކުރާ ސީންކަމަށް ރިޕޯޓްތައް ބުނެއެވެ. އެސީން ޝޫޓްކޮށްފައިވަނީ އިއްޔެއެވެ. ދެން އުފެދޭ ސުވާލަކީ ޝޯވ ގެ ކްރިއޭޓިވް ޓީމުން ނެތިކް ގެ ރޯލް ކުރިޔަށް ގެންދާނެގޮތެކެވެ. އެ ސުވާލުގެ ޖަވާބެއް އަދި ނުލިބެއެވެ.
ކޮންމެ އަކަސް ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ އިން ދެން ކަރަން އެއް ނުފެންނާނެއެވެ. އެހެންނަމަވެސް ކަރަން ބުނެފައިވަނީ ބްރޭކެއް ނެގުމަށްފަހު އޭނާ އެނބުރި އަންނާނެކަމުގައެވެ. އެހެންކަމުން ކަރަން ގެ ފޭނުން އަދި މާޔޫސްވާކަށް ނުވެއެވެ. މިޝޯވ އިން ނުފެނުނަސް އެހެން ޝޯވ އަކުން އޭނާ ފެނުމުގެ އުންމީދު އެބައޮތެވެ.