ޤުރްއާނީ ގަވާއިދުތައް: 5 – އުނދަގުލަކާއެކު ފަސޭހަކަމެއް ވެ އެވެ

މާތް ﷲ وَحِي ކުރައްވާފައި ވެއެވެ.  ((فَإِنَّ مَعَ الْعُسْرِ يُسْرًا (-) إِنَّ مَعَ الْعُسْرِ يُسْرًا)) سورة الشرح 5,6

މާނައީ “ ފަހެ ހަމަކަށަވަރުން އުދަނގުލާއެކު ފަސޭހައެއް އޮންނާނެއެވެ.އުދަނގުލަކާއެކު ފަސޭހައެއް އޮންނާނެކަން ކަށަވަރެވެ.“

އިންސާނުންނަކީ އުދަނގުލަށްވުރެ ލުއިފަސޭހަކަން ހޯދުމަށް ޝަޥުޤުވެރިވާ،އަދި އެކަމަށް ނަފްސު ހޭނޭ ބަޔެކެވެ. ދަތިކަމަކަކަށްވުރެ ފަސޭހަޔަށް ހިތްހަމަ ޖެހެއެވެ. އެހެން އެކަން އޮތްކަމުގައި ވިޔަސް ދުނިޔޭގެ ތަޖްރިބާ އަކީ ތަފާތު އެކި އެކި މަރުޙަލާތަކާއި ، އިންސާނަކަށް ކުރިމަތިވަނީ ހުސް ފަސޭހަ ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ ބައެއްފަހަރު ވަރަށް ދަތީގައި އުޅޭއިރު، އަނެއްބައި ފަހަރު ވަރަށް ބޮޑެތި އުދަނގޫތައް ގިރާކުރަމުން ކުރިޔަށް ދާންޖެހެއެވެ.

ދުނިޔޭގައި ދަތިކަން މާތް ﷲ ލައްވާފައި ނުވާނަމަ ؛ ފަސޭހަކަން ނޯތީހެވެ. އިދިކޮޅު ޞިފަ ނުވާނަމަ ދެން އޮތީހީ އެކައްޗެކެވެ. އާނއެކެވެ! ފަސޭހައެއް އޮވެ، އެކަން ދޫކޮށް ޤަޞްދުގައި އުދަނގޫ ގޮތް އިޚްތިޔާރު ކުރާކަށް ﷲ ވެސް އެދިވޮޑިއެއް ނުގަންނަވާމެއެވެ.އަދި ކިއެއްތަ، އެކަލާނގެ އެދިވޮޑިގަންނަވަނީ އަޅުތަކުންނަށް ލުއި ކުރައްވާ ފަސޭހަ ކޮށްދެއްވުމަށެވެ. ”يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ“ سورة البقرة 185   މާނައީ“ ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ.އަދި ދަތި އުދަނގޫގޮތް އެކަލާނގެ ތިޔަބައިމީހުނަކަށް އިރާދައެއް ނުކުރައްވަތެވެ.“

އެހެންނަމަވެސް ދުނިޔެއަކީ އަހަރެމެން އިންސާނުންނަށް މާތް ﷲ ލެއްވި އިމްތިޙާން ކުރެއްވުމުގެ ގޯއްޗެއްކަމުން އުދަނގޫ ތަޙައްމަލު ކުރާނެ މީހުންނާއި،ވަރަށް ފަސޭހަކޮށް އުޅޭ މީހުން އަހަރެމެންގެ ތެރޭގައި ތިބޭނެމެއެވެ. ދިރިއުޅުމުގެމަތީން މާޔޫސްވެފައިވާ މީހުންވެސް މަދެއްނޫނެވެ.ވަރަށް ބުރަމަސައްކަތުން ނޫނީ ކިރިޔާ ބަނޑުފުރާނަ މުއްތިނުކުރެވޭ މީހުން އެބަ ތިބިމެއެވެ. މިތާނގައި ހިތުގައި ބިންވަޅު ނަގަންޖެހޭ ވާހަކަޔަކީ އުނދަގުލުގައި އުޅެންޖެހުނަސް، ވޭނެއް ތަޙައްމަލު ކުރަމުންދާ މީހަކަސް، ހިތާމައެއް ކުރިމަތިވެފައިވާ މީހަކަސް ،އަދި ބިކަ ޙާލު ޖެހިފައިވާ މީހަކަސް އެމީހަކީ އެކަންކަމާއިހުރެ؛ ﷲ ގެ ދަރުބާރުގައި ނިކަމެތިވާނޭ މީހެއް ނޫންކަމެވެ. އަދި ކިއެއްހެއްޔެވެ. ގިނަމުޞީބާތް ދުނިޔޭގައި ކަޑައްތުކުރަމުން ވެސް، ﷲއަށް ކިޔަމަންތެރިކަމުގައި އުޅޭ ޝުކުރުވެރިއަޅެއްނަމަ އޭނާޔަށް ފަހުން މާއުފާވެރިކަން ހުއްޓެވެ.އިންތިޒާރު ކޮށްލާށެވެ. މާތް ﷲ ޥަޙީ ކުރައްވާފައި ވެއެވެ.“ فَإِنَّ مَعَ الْعُسْرِ يُسْرًا (-) إِنَّ مَعَ الْعُسْرِ يُسْرًا “   މާނައީ “ ފަހެ ހަމަކަށަވަރުން އުނދަގޫކަމާއިއެކު ވަނީ ފަސޭހަކަމެކެވެ. ހަމަކަށަވަރުން އުނދަގޫކަމާއިއެކު ފަސޭކަން ވެއެވެ.“ ކަންކަން ޙާޞިލްކުރުމަށްޓަކައި ގިނަފަހަރު އުދަނގޫތަކެއް ތަޙައްމަލުކުރަން ޖެހެއެވެ. މަތިވެރިދަރަޖައަކަށް ޥާޞިލްވުމުގައި ތަކްލީފުތަކެއް ކުރިމަތިވެދެއެވެ. ޢިލްމުހޯދުމުގައި ވަރަށްބުރަ އުފުލާންޖެހިދެއެވެ. ދީންމަތީ ޘާބިތުވެ ދެމިހުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާންޖެހެއެވެ. ނަމަވެސް ހިތްވަރު ގަދަކުރާންވީއެވެ.ﷲ އަށް ބަރޯސާވުމާއި އެކު ބުރަކަންކަން ގިރާކުރަންވީއެވެ. ހިތްހަމަޖެހުމާއިއެކު ﷲއަށް ޝުކުރުކުރާންވީއެވެ.ހިތްވަރު އެލުވައިލުމެއް ، މަސައްކަތް ހުއްޓާލުމެއް ނެތެވެ. ކޮށީގައި ބަންދުކޮށްފައި އޮންނަ ސިންގާޔެއް ހިފާމީހަކަށްވުރެ ،ޖަންގަލީގައި މިނިވަންކަމާއިއެކު ދޫވެފައިވާ ސިންގާއަކާއި ކުރިމަތިލާން  ނިކުންނަމީހަކު މާ މަތިވެރިއެވެ. ޖެހިލުން ކުޑައެވެ. ހިތްވަރުވެސް ގަދައެވެ. ސްވިމިންޕޫލަކު ފަތާންއޮންނަ މީހަކާއި، ކިނބޫފެންގަނޑެއްގައި ފަތަމުން އަންނަމީހަކާ އެއްވެސްޙާލެއްގައި އެއްގޮތެއް ނުވާނެއެވެ. ފިނިފެންމަލެއް ބިންނަންދާމީހަކު އަތަށްހެރޭ ކަށްޓަކީ ފިނިފެންމާ ހޯދުމުގައި އޭނާގެ ހުރަކަށް ނުވެއެވެ. އުޑުގައި ކިތަންމެ ތަރިއެއް ހުއްޓަސް ކޭތަހިފާ އަނދިރިކޮށްލަނީ އިރާއި ހަނދެވެ.މީހުން ގަޅިއުކައި ގާއުކަނީ މޭވާއަޅާ ގަސްގަހަށެވެ. ހީނާ ފަތަށް ކުލައަންނަނީ ވެސް ޗިސްޗިސްވީވަރަކުންނެވެ. ފަސޭހައެއްގެ އިޙްސާސް ކުރެވޭނީ ވެސް އުނދަގުލަކަށް ފަހުގައެވެ. ދަންނާށެވެ! ހަމަކަށަވަރުން އުދަނގުލާއެކު ފަސޭހައެއް އޮންނާނެއެވެ. އުދަނގުލަކާއެކު ފަސޭހައެއް އޮންނާނެކަން ކަށަވަރެވެ.“

6 رمضان 1437هـ  –   11 ޖޫން 2016

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *