ބަނޑުހައި ހޫނު ކަމާއި ފަގީރުކަން ނައްތާލުމަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި މައިކްރޯސޮފްޓުގެ ބާނީ ބިލްގޭޓްސްއަކީ އަރާހުންނެވި ޝަހުސިއްޔަތެކެވެ. އެކަމަކު މިފަހަރު އެފްރިކާގެ ފަގީރުންނަށް އެހީވުމަށް ބިލްގޭޓްސް ހިޔާރުކުރީ ތަފާތު ގޮތެކެވެ. އެގޮތުން މައްޝޫރު ބިލިއަނަރ ބިލްގޭޓްސް އަދި އޭނާގެ އަންހެނުން މެލިންޑާ ފައުންޑޭޝަންއިން މިފަހަރު ނިންމީ އެފްރިކާގެ ނިކަމެތި އާއިލާތަކަށް އެއް ލައްކަ ކުކުޅު ހަދިޔާކުރާށެވެ.
އެއް ލައްކަ ކުކުޅު ބިލްގޭޓްސް ހަދިޔާ ކުރާއިރު، ހުރިހާ ކުކުޅެއްވެސް ހުންނާނީ އާއްމުކޮށް ފެތުރޭ ބަލިތަކުން ދިފާއުކުރުމަށް ވެކްސިން ދީފައެވެ.
އެހީގެ ގޮތުގައި ކުކުޅު ބެހުމަށް ހިޔާލުކުރި ސަބަބާ ބެހޭގޮތުން ބިލްގޭޓްސް ބުނެފައިވަނީ ކުކުޅު ގެންގުޅުމަކީ ކުޑަހަރަދަކުން ކުރެވޭނެ ފައިދާ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބަނޑު ފުރާނަ މުއްތިކުރާނެ ވަސީލަތެއްގެ އިތުރުން ރަނގަޅު އިންވެސްޓްމެންޓަކަށް މިކަންވާނެ ކަމަށްވެސް ގޭޓްސް ބުންޏެވެ.
ފަސް ކުކުޅާއެކު ކުކުޅު ގެންގުޅެން ފަށާމިހާއަށްވެސް އަހަރެއްގެ މައްޗަށް 1000 ޑޮލަރ ޖެއްސޭނެކަމަށް ބިލްގޭޓްސް ލަފާކުރާއިރު މިހާރު އެފްރިކާގެ ފަގީރުންނަށް އެވްރެޖް އަހަރުކު ޖެހެނީ 700 ޑޮލަރެވެ.
”އަހަރެން ފަގީރުނަމަ، އަހަރެންވެސް ބޭނުންވަނީ ކުކުޅު ގެންގުޅެން“ – ބިލްގޭޓްސް އެއްލައްކަ ކުކުޅު ހަދިޔާ ކުރުމުގެ ކެމްޕެއިން އިފްތިތާހްކުރުމަށް ކުރި ޓްވީޓްގައި މިހެންބުނެފައިވާއިރު، އޭނާގެ އަމާޒަކީ އެފްރިކާ ރައްޔިތުންގެ 30 ޕަރސެންޓް އާއިލާތަށް މިކަމުގައި ޝާމިލްވުމެވެ.
މި ހަރަކާތަކީ ބިލްގޭޓްސްގެ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ގިނަ ބަޔަކު ފާޑު ކިޔާފައިވެއެވެ. ނަމަވެސް ގޭޓްސް ބުނެފައިވަނީ އަޑުއަހާލަން މަޖާ ހަބަރަކަށް ވީނަމަވެސް މިކަމަކީ އިންތިހާއަށް ނަތީޖާ ނެރެވޭނެ ކަމެއް ކަމަށެވެ. ގޭޓްސްގެ އަންހެނުން މެލިންޑާ ބުނެފައިވަނީ ކުކުޅު ގެންގުޅުމަކީ އަންހެނުން ބާރުވެރިކޮށް އަންހެނުން މަސައްކަތުގެ މާހައުލަށްވެސް ނެރެވޭނެ ކަމެއް ކަމަށެވެ.
ބިލްގޭޓްސް އަދި މެލިންޑާ ފައުންޑޭޝަންއަކީ އިންސާނިއްޔަތަށް އެހީ ފޯރުކޮށްދިނުމުގައި ދުނިޔޭގައި ހަރަކާތްތެރިވާ އަމިއްލަ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. މީގެ ކުރިންވެސް މި ފައުންޑޭޝަންއިން އެފްރިކާއަށް އެކި ގޮތްގޮތުންވަނީ އެހީ ފޯރުކޮށްދީފައެވެ