ރަމަޟާން މަހާއި ދިމާކޮށް ބެރު ޖެހުމާއި މިއުޒިކް ކުޅުމާއި އަދި ނެށުން ޒަމްބިއާގައި މަނާކޮށްފިއެވެ.
ޒަމްބިއާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ނެރެ އާއްމުކޮށްފައިވާ ބަޔާނުގައި ވާގޮތުން ރަމަޟާންމަހުގައި ބެރު، ނެށުން އަދި މިއުޒިކު ހިމެނޭ ހަރަކާތެއް އެ ގައުމުގައި ހިންގުމަކީ މަނާކަމެކެވެ.
މިފަދަ އެއްވެސް ކަމެއް ނުވަތަ މިފަދަ އެއްވެސް ކަމަކަށް ބާރުލިބޭނެ ގޮތަށް އަމަލެއް ހިންގިނަމަވެސް އެމީހަކު ވަގުތުން ހައްޔަރުކުރެވި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅޭނެކަމަށްވެސް ޒަމްބިއާގެ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޒަމްބިއާގެ ހުރިހާ ރައްޔިތުންނަށް ރަމަޟާން މުބާރަކް ކިޔާފައިވާ މި ބަޔާނުގައި ފުލުހުން އާއްމުންނަށް އަންގާފައިވަނީ މިއުޒިކް، ބެރު އަދި ނެށުމުގެ އެއްވެސް ހަރަކާތެއް ހިނގާނަމަ ރިޕޯރޓް ކުރުމަށެވެ.