ޓެކްސީްއެއް ހޯދުމަށް ބަޔަކު މަޑު ކޮށްލައިގެން -- ފޮޓޯ: ދުވަސް.އެމްވީ
ޓެކްސީްއެއް ހޯދުމަށް ބަޔަކު މަޑު ކޮށްލައިގެން -- ފޮޓޯ: ދުވަސް.އެމްވީ

ދިއްލޭ ބޯޑު ނެތިގެން ޓެކްސީތައް ”އަޅާފަ“

މިއަދު އެންމެ އަޅައިގަތް ކަމަކީ ގިނަ ޓެކްސީތައް ޕާކްކޮށްފައި ހުރި ކަމެވެ. މަގުތަކުގައި ދުއްވާ ޓެކްސީތައް މަދުކަމެވެ. އަދި ޓެކްސީއަށް އެދި މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ތިބޭ މީހުން ގިނަކަމެވެ. ސަބަބަކީ ކޮބައިތޯ އެވެ ؟
ޓެކްސީ ގަވާއިދުގެ ދަށުން ދިއްލޭބޯޑު ހަރުކޮށްގެން ނޫނީ މިހާރު ޓެކްސީ ނުކުރެވޭނެއެވެ. އެގަވާއިދަށް އެވަނީ އަމަލު ކުރަން ފަށާފައެވެ. ޓެކްސީ ޑްރައިވަރުންނަށް މުއްދަތު ތަކެއް ދިނުމަށްވެސް ފަހުގައެވެ. ނަމަވެސް ވަގުތު ދިނުމުންވެސް ޓެކްސީގައި ބޯޑު ހަރުކުރެވޭ ކަމަކަށް ނުވިއެވެ. 80 އިންސައްތައަށްވުރެ ގިނަ ޓެކްސީ ހުރީ ޕާކްކޮށްފައެވެ.
މިކަމާމެދު ޓެކްސީ ސެންޓަރުތަކުގެ ބަހެއް ހޯދާލީމެވެ. ”އަޅުގަނޑުމެންގެ 39 ޓެކްސީއެއްގަ މިއަދާ ހަމައަށް ބޯޑު ހަރު ކުރެވިއްޖެ، 59 ޓެކްސީ ހަރު ނުކުރެވޭ“ ކުލީ ދުވެލި ޓެކްސީ ސެންޓަރުން ބުންޏެވެ. އެ ސެންޓަރުން ބުނަނީ ރައްޔިތުންގެ ޝަކުވާ ކިތަންމެހާވެސް ގިނަ ކަމަށެވެ. ނަމަވެސް މިކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. މާލޭގައި ޓެކްސީ ސެންޓަރެއް ކަމަށްވާ ރޯޔަލް ޓެކްސީ ސެންޓަރުން ބުނީ އެ ސެންޓަރުގެ 98 ޓެކްސީގެ ތެރެއިން އަދި ބޯޑު ހަރު ކުރެވުނީ އެންމެ 6 ޓެކްސީގައި ކަމަށެވެ.
”ކިހިނެއްތޯ އެކަން އެހާ ފަސޭހައިން ވާނީ، ޑްރައިވަރުން އެތިބީ މަސައްކަތް ހުއްޓާލާފަ ގޮސް ކިޔުގަ، އަދި ހަފްތާއެއް ވަރު ނަގާނެ މިކަން ފުރިހަމަވާން“ ރޯޔަލް ޓެކްސީން ބުނެއެވެ.
ބޯޑު ތައްޔާރު ކުރުމުގެ ހުއްދަ މިމަހުގެ 11 ވަނަ ދުވަހު ލިބުނު ރެގާލިއާ ސައިންސް އިން ބުނީ އެމީހުންނަށް ބޯޑުގެ އޯޑަރު ގިނަ އަދަދަކަށް ލިބެމުން އަންނަ ކަމަށެވެ. އަދި މިހާރުވެސް 120 ބޯޑެއްގެ އޯޑަރު ލިބިފައިވާކަމަށާއި ނަމަވެސް ވަގުތީ ގޮތުން އޯޑަރު ނެގުން ހުއްޓާލާފައިވާކަމަށެވެ.
”ޑިމާންޑް ވަރަށް ބޮޑު، ނަމަވެސް މިތާންގައި މަސައްކަތް މިކުރަނީ 4 ވަރަކަށް ކުދިން، އެހެން މަސައްކަތްތައްވެސް ކުރަމުން ބޯޑު މިހަދަނީ، ދުވާލެއްގެ މައްޗަށް ނިންމާލެވެނީ 10 ބޯޑު، އަދި މިތަނުން ތައްޔާރުކޮށް ނިމުނީ 20 ބޯޑު“ ރެގާލިއާ އިން ބުންޏެވެ.
އެއީ ޓެކްސީ ސެންޓަރު ތަކާއި ބޯޑު ތައްޔާރު ކުރާ ފަރާތްތަކުގެ ބަހެވެ. ނަމަވެސް ކުރިން ބޯޑު ހަރުކޮށްގެން ތިބި މީހުންގެ ހިޔާލު މިކަމުގައި ތަފާތެވެ. އެ ފަރާތްތަކުން ބުނަނީ ބޯޑު ހަރުކުރަން އެކަށީގެންވަ ވަގުތު ލިބުނު ކަމަށެވެ. ދިއްލޭ ބޯޑު ތައްޔާރުކޮށްދޭ 5 ތަނެއް މާލޭގައި މިހާރު އެބަ ހުރި ކަމަށެވެ. އަދި ކުރިން މިކަމާ އުޅުނު ނަމަ ގޮސް ބޮޑު ކިޔުގައި ރުޅިގަދަވެ ތިބެން ނުޖެހޭނެ ކަމަށެވެ.
”ތެޅި ފޮޅިގަނެގެނެއް ނޫން މިކަން ކުރީކީ، ހަމަ ރާއްޖެއިން ބޯޑު ހެއްދީވެސް، ހަރުކުރިތާ ހަފްތާއެއް މިވަނީ މީކީ އެ ބުނާހާ އުނދަގޫ ކަމެއް ނޫން“ ޓެކްސީ ޑްރައިވަރަކު ބުންޏެވެ.
ކޮންމެއަކަސް ދިއްލޭ ބޯޑު ނެތިގެން ޓެކްސީތައް ޓެކްސީތައް އެހުރީ އެކި ދިމަދިމާލުގައި ”އަޅާފަ“އެވެ. މިކަމުން ދަތި އުނދަގުލާ ކުރިމަތިލާން މިޖެހުނީ ހިދުމަތް ހޯދާ އާންމު ރައްޔިތުންނަށެވެ. ޓެކްސީގައި ބޯޑު ހަރު ނުކުރެވުނީ ވަގުތު ނުލިބިގެންނޭ ޑްރައިވަރުން ބުނި ނަމަވެސް އެއީ ގަބޫލު ކުރެވޭ އުޒުރެއް ނޫން ކަމަށް ބޯޑު ހަރުކޮށްގެން ޓެކްސީ ދުއްވާ ޑްރައިވަރުން ބުނެއެވެ.
ދެމަސް ދުވަހަކީ ކުޑަ މުއްދަތެއް ނޫން ކަމަށާއި ކުރިން މިކަމާ އުޅެ ބޯޑުތައް ހަރު ނުކުރީ ބައެއް ޑްރައިވަރުންގެ ”ކަންނެތް“ ކަމުން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *