ދިވެހިންނާއި ވަކިވުމެއް ނެތް ”އިމިތައްލީ“

މީގެ 25 ށް އަހަރު ކުރީއްސުރެ ކޮންމެ ރޯދަމަހަކު ޓީވީއެމްއިން ”މުޙައްމަދު ރަސޫލުﷲ“ ގެނެސްދެމުންދެއެވެ. އެހެންނަމަވެސް އަދިވެސް ދިވެހިން ފޫހިކަމެއްނެތި އެބަލަމުންދެއެވެ. ކުރީގެ ރަސޫލުންނާއި ނަބީބޭކަލުން ދީނަށް ގޮވާލެއްވިގޮތާއި، އެބޭކަލުން އުފުއްލެވި ބުރައާއި އެބޭކަލުންގެ ދިރިއުޅުއްވުމާއި އޭރުގެ ދިރިއުޅުން ހުންނަ ގޮތް ދިވެހިން ވަރަށް ގަޔާވެގެން ބަލަމުންދެއެވެ. ”މުޙައްމަދު ރަސޫލުﷲ“ ން ފެންނަ އެކިކެރެކްޓަރ ތައް ދިވެހިން ހިތުދަހެވެ. އޭގެ ޑައިލޮގްތައްވެސް މެއެވެ. ”މުޙައްމަދު ރަސޫލުﷲ“ އިން ފެންނަމުންދާ ބައެއް ކެރެކްޓަރ ތަކަކީ ދިވެހިންގެ ހިތާއި ވަރަށް ކައިރީގައިވާ ކެރެކްޓަރ ތަކެކެވެ. އޭގެތެރެއިން އެއް ކެރެކްޓަރ އަކަށްވެފައި މިވަނީ އިބްރާހީމްގެ ފާނުގެ މަންމާފުޅު އިމިތައްލީގެ ކެރެކްޓަރ އެވެ.

ބައެއް މީހުން ރޯދަމަސް އަންނަން އުޅޭކަން ބުނުމުގެ ގޮތުން އިމިތައްލީ އަންނަ ދުވަސް ކައިރިވަނީއޭ ބުނެއެވެ. ރަމަޟާން މަހަށް ތަހުނިޔާ ކިޔުމުގެ ގޮތުން އިމިތައްލީ އައިސްފިކަމަށް ބުނެއެވެ. ސޯޝަލް މީޑިޔާގައި އިމިތައްލީގެ ފޮޓޯ އެކި ކަހަލަ ވާހަކަތަކާއެކު ޢާންމުވަމުން ދެއެވެ. ކޮންމެ އަހަރަކު އިމިތައްލީ މަރުވާތީ އެކަމާ ހިތާމަފާޅުކުރާ މީހުން އުޅެއެވެ. އެހެން ރޯދަމަސްތަކާއި މިރޯދަމަހާވެސް، މިކަމުގައި ވަކި ތަފާތެއް ނުވިއެވެ. ”މުޙައްމަދު ރަސޫލުﷲ“ ފެށިގެންދަނީ އިބްރާހީމްގެ ފާނުގެ ވާހަކަތަކުން ކަމަށްވާތީ އެންމެ ފުރަތަމަ ބައްދަލުކުރާ އެއް ކެރެކްޓަރއަކަށް އިމިތައްލީ ވެގެންދެއެވެ. އެހެންކަމުން މިރޯދަމަސް ފެށުމާއެކުވެސް ސޯޝަލް މީޑިޔާގައި ދިވެހިން އިމިތައްލީގެ ވާހަކަދައްކަންފެށިއެވެ. ޚާއްސަކޮށް ”މުޙައްމަދު ރަސޫލުﷲ“ ދައްކާގަޑީގައި އެވާހަކަތަކުން ސޯޝަލް މީޑިޔާ ފުރިގެންދެއެވެ. އިމިތައްލީ ދިވެހިންނާ ބައްދަލުކުރާތާ ދެތިންދުވަސް ތެރޭގައި ވަކިވެގެން ދެއެވެ. އެކަމަކީ ގިނަ ބަޔަކު އެހާ އުފާވާކަމެއް ނޫނެވެ. އިމިތައްލީ ވަކިވާ ވަގުތު ކުޑަތަންވަމުން އަންނަ ވަރަކަށް އެވާހަކަތައް ދިވެހިން ދައްކާލެއް ގިނަވެއެވެ. މިއަހަރަށް އިމިތައްލީ މަރުވާ މަންޒަރު ދިވެހިން މިވަނީ ރޭގައި ބަލާފައެވެ.

އިމިތައްލީގެ ރޯލު ކުޅެފައިވާ އަމީނާ ރިޒްކް
އިމިތައްލީގެ ރޯލު ކުޅެފައިވާ އަމީނާ ރިޒްކް

ރޭގައި އިމިތައްލީ މަރުވެފައިވާ ބައި ދައްކާފައިވާއިރު ފާހަގަވާ ކަމަކީ އިމިތައްލީ މަރުގެ ދާނުގައި އޮންނަ ސީންވެސް ދިވެހިންގެ ތެރެއިން ގިނަބަޔަކު ހިތުދަސްކަމެވެ. ރޭގެ އިރުއޮއްސުނުތަނާހެން އެފްބީ އާއި ޓްވިޓަރ ގައި އެންމެ ގަދަޔަށް ދިވެހިން ދައްކަމުން ދިޔަ ވާހަކަޔަކީ އިމިތައްލީ މަރުވާން އުޅޭކަމުގެ ވާހަކައެވެ. ރޯދަވީއްލި ތަނަކާއި ރޯދަވީއްލިގަޑީގައި ކޭ ކާއެއްޗެއްސަށްފަހު ދެން ދިވެހިން އަވަސްވެގަތީ އިމިތައްލީގެ ވަކިވުމުގެ ވާހަކަ ސޯޝަލް މީޑިޔާގައި ދެއްކުމަށެވެ. އެކަމާ ހިތާމަ ފާޅުކުރަމުން ގިނަ ބަޔަކު ދިޔައެވެ. ބައެއް މީހުން ބްރޭކިން ނިއުސް އެއްގެ ގޮތުގައި އިމިތައްލީ މަރުވި ވާހަކަ ސޯޝަލް މީޑިޔާގައި ޢިއުލާންކުރި އިރު އަނެއް ބަޔަކު އެމަންޒަރު ބެލީ އަންނަ އަހަރުވެސް އެމަންޒަރު ފެންނާނެކަމުގެ އުންމީދުގައިތިބެއެވެ. ކޮންމެއަކަސް ސޯޝަލް މީޑިޔާގައި ދިވެހިން އިމިތައްލީގެ ވަކިވުމުގެ ހިތާމަ ފާޅުކޮށްފިއެވެ. އިމިތައްލީ މަރުވެގެންދާ ސީންގެ ބެކްގްރައުންޑް މިޔުޒިކް ގެ އަސަރުގަދަކަމާއި އިމިތައްލީ ރޯ ރުއިމުގެ އަސަރު ދިވެހިންނަށް ވަރަށް ބޮޑަށްވެސް ކޮށްފިއެވެ.

އިބްރާހީމްގެފާނަށް އެންމެ އޯގާތެރި، އެންމެ އަޅާލާ މީހަކަށް އިބްރާހީމްގެ ފާނު ޕާޓުން ފެނިގެންދަނީ އެކަލޭގެފާނުގެ މަންމާފުޅު އިމިތައްލީ އެވެ. އިމިތައްލީ ފެނިގެން ދަނީ، ވަރަށް ހިތްވަރުގަދަ އަންހެނެއްގެ ގޮތުގަ އެވެ. ފަހަރެއްގައި ދިވެހިންގެ ހިތުން އިމިތައްލީ މިހާބޮޑު ޖާގައެއް ހޯދި ސަބަބަކީ މިއީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އިމިތައްލީ ވެގެންގޮސްފައި މިވަނީ ދިވެހިންނާއި ވަކިވުމެއްނެތް ކެރެކްޓަރ އަކަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *