މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ކުޑަކަމުދާ ތަކެތި ފުލުހުން ނެގުމާއި ގުޅިގެން އެތަކެތި ޓެސްޓްކޮށްދޭން ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 161 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެތީގެ ސާމްޕަލް ހޯދައި އެ ސާމްޕަލް ދެބަޔަށް ބަހައި، ދެވަނަބައިގެ ޓެސްޓް އެ ގާނޫނުގެ ދަށުން އެންޑީއޭ އިން ހަދާ ގަވާއިދު ހުއްދަކުރާ އިދާރާއަކުން ހަދަންޖެހޭ ކަމަށެވެ.
އެ ގާނޫނަށް 2011ވަނަ އަހަރު އަމަލު ކުރަން ފަށާފައިވާއިރު މިހާތަނަށް ގާނޫނުގެ ދަށުން ކުޑަކަމުދާ ތަކެތި ޓެސްޓް ކުރަން ކަނޑައަޅާފައިވާ ގޮތަށް އެ މަސައްކަތް ކުރަން ފެށިފައެއް ނުވެ އެވެ. އަނެއްކާވެސް ކުޑަކަމުދާ ތަކެތި ޓެސްޓް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައިވާއިރު މިއީ ކުޑަކަމުދާ ތަކެތި ޓެސްޓް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރި ހަތަރުވަނަ ފަހަރެވެ. އެ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ކުޑަކަމުދާ ތަކެތި ޕޮސިޓިވް ވެގެން ކުރަންޖެހޭ ދައުވާތަކަށް ވަނީ ހުއްޓުމެއް އައިސްފައި އެވެ.
އެންޑީއޭއިން ބުނީ ކުރިން ބީލަށް ހުށަހެޅި ފަރާތްތައް ބާތިލް ކުރީ ހުށަހަޅާފައިވާ އަގުތައް ބޮޑު ކަމުން ކަމަށެވެ. އެންޑީއޭ އިން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ފުލުހުން ނަގާ ކުޑަކަމުދާތަކެތި ފަސް އަހަރަށް ޓެސްޓް ކޮށްދިނުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކުން ހިންގާ ލެބޯޓްރީތަކަށް އެ ފުރުސަތު މިހާރު އަލުން ހުޅުވާލެވިފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރު އަލިކިލެގެފާނު މަގުގައި ހުންނަ ގ. ގްރީންގޭގައި ބައްދަލުވުމެއް ބޭއްވުމަށްވެސް އެންޑީއޭ އިން ވަނީ ނިންމާފަ އެވެ. ބީލަން ހުށަހަޅަންޖެހެނީ މިމަހުގެ 24 ވަނަ ދުވަހުގެ މެނިޔަލަށެވެ.