ރޯދައިގެ މުނާސަބަތާ ދިމާކޮށް އިސްރާއީލްއިން ފަލަސްތީނުގެ ރައްޔިތުންނަށް ބައެއްކަހަލަ ލުއިތައް ދިނުމަށް ހަމަޖެހިފައިވާކަމަށް އިސްރާއީލްގެ ސަރުކާރުން އިއުލާނުކޮށްފިއެވެ.
މިކަން އިއުލާނުކޮށްފައިވަނީ ފަލަސްތީނުގެ ހުޅަނގުބިތް ހިންގުމާއި ހަވާލުވެގަނެގެން އުޅޭ އިސްރާއީލްގެ ސަރުކާރުގެ ސީއޯޖީއޭޓީ މުއައްސަސާއިންނެވެ. ދިނުމަށް ހަމަޖެހިފައިވާ ލުއިތަކުގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ ބައެއް ރައްޔިތުންނަށް އަލް އަގްސާ މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމާއި، ގާޒާގައި ދިރިއުޅޭ ބައެއް ރައްޔިތުންނަށް ފަލަސްތީނުގެ ހުޅަނގުބިތުގައި ދިރިއުޅޭ އާއިލާގެ މެމްބަރުންނާއި ބައްދަލުކުރުމުގެ ހުއްދަދިނުމާއި، ފަލަސްތީނުގެ ހުޅަނގުބިތުގައި ދިރިއުޅޭ ބައެއް ރައްޔިތުންނަށް ގާޒާގައި ތިބި އާއިލާގެ މެމްބަރުންނާއި ބައްދަލުކުރުމުގެ ހުއްދަދިނުމާއި، ގައުމުންބޭރުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ގާޒާއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދިނުމުގެ އިތުރުން ފަލަސްތީނުގެ ހުޅަނގު ބިތުގައި ދިރުއުޅޭ ބައެއް ރައްޔިތުންނަށް އެގައުމުން ބޭރަށް ޒިޔާރަތްކުރުމުގެ ހުއްދަ ދިނުމެވެ.
އިސްރާއީލްގެ ސަރުކާރުގެ ސީއޯޖީއޭޓީ އިން ބުނެފައިވަނީ މި ލުއިތައް ދީފައި މިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ދިނީ މިނިވަންކަން ދިނުމަށް ކަމަށެވެ. މި ލުއިތައް ދެން އަންނަ ހަފްތާގެ އާދީއްތަ ނުވަތަ ހޯމަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ވެސް ސީއޯޖީއޭޓީ އިން ވަނީ އިއުލާނުކޮށްފައެވެ.