ކިތަންމެ ބަހަނާއެއް ދެއްކިއަސް އިންސާނާއަށް އޭނާގެ ޙަޤީޤަތް އެނގޭނެއެވެ

މާތް ﷲ وَحِي ކުރައްވާފައި ވެއެވެ.  ((بَلِ الْإِنْسَانُ عَلَى نَفْسِهِ بَصِيرَةٌ (-) وَلَوْ أَلْقَى مَعَاذِيرَهُ)) سورة القيامة 14,15

މާނައީ އަދިކިއެއްތަ، ކިތަންމެ ބަހަނާއެއް ދެއްކިޔަސް ؛ އިންސާނާ އޭނާގެ ނަފްސުގެ ޙަޤީޤަތް ނިކަންރަނގަޅަށް ދަންނާނެތެވެ.

އާދެ!ކީރިތި ޤުރްއާނުގެ މި ޚަބަރަކީ އިންސާނާގެ ނަފްސުގެ އެންމެ އެތެރޭގެ ޙަޤީޤަތާމެދު އައިސްފައިވާ އިލާހީ ޚަބަރެކެވެ. މީސްތަކުންނަށް ތިމާ ހާމަކުރާން ބޭނުން ނުވާތީ ، އެކީއެކައްޗަކަށް ވަންހަނާ ކޮށްގެން، ނޫނިއްޔާ އަނެކުންނަށް އަންގަން ބޭނުން ނުވާތީ އޮޅުވާލައިގެންވެސް ތިމާގެ ނަފްސު ބަރީއަ ކުރެވޭތޯ އިންސާނުން ކުރާ މަސައްކަތާމެދު ފާޑުކިއުއްވައި ޤުރްއާނުގައި ހަނދާންކޮށްދެއްވާފައިވާ ނަޞީޙަތެކެވެ. އަމިއްލަ ނަފްސަށް އޮޅުވާލާން އުޅޭ މީހާއަށް ހަނދާން ކޮށްދެއްވުމެކެވެ. އިންސާނުންގެ ނަފްސުގެ ޙަޤީޤަތް އެންމެ މޮޅަށް ހަމަ ދަންނާނެފަރާތަކީ އެ އިންސާނާ އުފެއްދެވި ފަރާތްނޫން ދެން ކޮން ފަރާތެއްތޯއެވެ؟ އާދެ! މިއީ އެފަރާތުގެ ޚަބަރެކެވެ.

އެހެންކަމުން އެއްވެސް އިންސާނަކު އޭނާގެ ޢަމަލުތަކުގެ އިޚްލާޞްތެރިކަމާ ނޫންކަމާ ދޭތެރޭ އަނެކުން ކުރިމަތީ ކޮންމެ މަންޒަރެއް ހާމަކުރިޔަސް، ޙައްޤު ހޯދުމުގެ ނަމުގައި ކިތަންމެ ޖަދަލެއް ކުރިޔަސް، އަދި ބަޙުޘެއް ހިންގިޔަސް އޭނާގެ ނިޔަތާއި، އޭނާގެ ނަފްސު އެކަމުގައި އިޚްލާޞްތެރި މިންވަރު އޭނާޔަށް ހަމަ ރަނަގަޅަށް އެނގޭނެއެވެ.

މިކަމުގެ މިޘާލުތައް ވަރަށް ގިނައެވެ. އެގޮތުން އެއް މިޘާލު ފާހަގަކޮށްލަމެވެ. ތިމާ ބޭނުން ނޫންގޮތަކަށް ނުވަތަ ތިމާ ހިތްނޭދޭ ، ނުރުހޭ ގޮތައް ދީނުގައި ޙުކުމެއް އައިސްފާވާކަން އެމީހަކަށް ޚަބަރު ލިބުމުން ، އެކަމުން ރެކުމުގެ ގޮތުން “ މިހާރު ނޭގެޔޭ ތިކަމުގައި ރަގަޅީ ކޮން ގޮތެއްކަމެއް، އެކި މީހުން ކިޔަނީ އެކި ގޮތަށޭ “ ބުނެ ބައެއް މީހުން ދައްކަމުންދާ ބަހަނާއެވެ. ޙަޤީޤަތަކީ އެމީހަކު ގަންނަން ބޭނުންވެފައިވާ މުދަލެއްވެސް އެކި ފިހާރައިން އެކި ގޮތަށް ކިޔާތީ ދޫކޮށްލާފައި އޭނާ ނުދާކަމެވެ. ކަމުގެ ތަޖްރިބާ ކާރުންނާއި، އެ ތަކެތި ބޭނުންކޮށް ޚަބަރު ބަލާފައިތިބި މީހުންކުރެން އަހައިގެން އެންމެ ރަނގަޅު އަދި ފައިދާ ބޮޑުހުރި އެއްޗެއް ގަނެ،ހޯދައިގަންނަކަމެވެ. ދުނިޔެވީ މައިދާނުގައި އޭނާ ދެފަރާތައް ކިރިކިރި ހުންނާކަށް އޭނާގެ އަމިއްލަ އެދުން ތަން ނުދޭއިރު، ތިމާގެ އާޚިރަތުގެ ކަމެއްގައި ޙައްޤަކީ ކޮބައިތޯ ހޯދުމަށް ކުރެވެން އޮތް އެންމެ ބޮޑު މަސައްކަތެއް ނުކޮށްހުރެމެ، ތިކަމުގައި ވާނުވާ ނޭގެއޭބުނެ ކަމުން ރެކިގަތުމަކީ ކިހާބޮޑު ޙީލަތެއްތޯއެވެ. އާދެ! ތިމާގެ އަމިއްލަ ނަފްސަށް އޮޅުވާާލާ އޮޅުވާލުމެކެވެ. ކަމެއްގައި ޙަރާމް ތޯ ޙަލާލްތޯ އޮޅުން އަރާ ހިނދު ، ތިމާގެ ނަފްސު ހުރީ އެކަން ކުރާހިތުންކަމަށްވެފައި ހުއްދަވުމުގެ އެދުމުގައި ކަމަށްވާތީ އެ ކަން ހުއްދަ ކޮށްފާނޭފަދަ ބޭފުޅެއްކައިރިޔަށް އެކަނި ގޮސް ޙުކުމާމެދު އަހައިފިނަމަ އޭނާއަކީ ޙައްޤު ހޯދަން އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރި މީހެއްކަމުގައި ބެލިދާނެ ހެއްޔެވެ؟ ޚުދު ތިމާގެ އަމިއްލަ ނަފްސު ވެސް ތިމާ އެކަނިވާ ޙާލަތުގައި އޭނާ އަށް މަލާމާތްކުރާނެއެވެ. އެކަންކަމަށް އިޝާރަތްކުރައްވާ މާތް ﷲ އެވަނީ ވަޙީކުރައްވާފައެވެ. ((بَلِ الْإِنْسَانُ عَلَى نَفْسِهِ بَصِيرَةٌ (-) وَلَوْ أَلْقَى مَعَاذِيرَهُ)) سورة القيامة 14,15

ކިތަންމެ ބަހަނާއެއް ދެއްކިއަސް އިންސާނާއަށް އޭނާގެ ޙަޤީޤަތް އެނގޭނެއެވެ.“

ދަންނައެ، އިންސާނާ އަށް އޭނާގެ ނަފްސުގެ ޙަޤީޤަތް ރަނގަޅަށް އެނގޭ އިރު އޭނާގެ ހުރި އުނި ޞިފަތަކާ، ނޭދެވޭ ސުލޫކާއިމެދު އޭނާ ވިސްނާލުން ހުއްޓެވެ. ހޫނާއި ފިނީގެ ފައިދާ އާއި ގެއްލުން ވަކިކުރެވޭން ފެށީއްސުރެ ، އޭނާގެ ޢުމުރު ހުސްވެ މަރުދުވަހައްދާނދެންވެސް އޭނާގެ އުނި ޞިފަތަކުގެ މަތީގައި، އެއްވެސް އިޞްލާޙެއް ނުގެނެވި، ނަފްސަށް ތަހްޛީބުކަމެއް ނުގެނެވޭނަމަ އެއީ ވަރަށް ނިކަމެތި އަދި ބަދު ނަޞީބު އިންސާނެކެވެ. އެއްވެސް އިންސާނަކު އުފެދި ބޮޑުވެގެން އަންނަނީ ހުރިހާ ރިވެތި ޞިފައަކާގެންނެއް ނޫނެވެ. އެހެންކަމުން ތިމާގެ ހުރި ނޭދެވޭ ޞިފަތައް ދެނެގަނެ، އެކަންކަން އިޞްލާޙްކުރުމަށް ގަދައަޅާ ނަފްސާ ހަނގުރާމަކޮށްފި މީހާ އެކުރެވެނީ ބޮޑުވެގެންވާ ޖިހާދެކެވެ. އެކަމުގެ ސަބަބުން ނަފްސު ތަހުޛީބުވެ، ތިމާ ﷲ އާ ކައިރިވުމުގެ މަގު ތަނަވަސްވެގެންދާނެ މެއެވެ . ސަބަބަކީ މާތް ﷲ ގެ ޙަޟްރަތުގައި މީޒާނުގައި އެންމެ ބުރަވެގެންވާ ޢަމަލަކީ ރިވެތި އަޚްލާޤު ކަމުގައި ވާތީ އެވެ.

4 رمضان 1437هـ  –   9 ޖޫން 2016

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *