ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ
ކޮންމެ އަހަރަކު ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ ކަދުރު ހަވާލު ކުރެވެނީ ފިނޭންސް މިނިސްޓްރީއާއި އެވެ. މާލޭ، ވިލިމާލެ އަދި ހުޅުމާލޭގައި ކަދުރު ބެހުމުގެ ކަންކަން ހައުސިންގ މިނިސްޓްރީއާއި ހަވާލުކޮށްފައިވާއިރު އަތޮޅުތެރޭގައި ކަދުރު ބެހުމުގެ މަސައްކަތް ކުރާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަ ކުރެ އެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ކަނޑައަޅާފައިވާ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހައުސިންގ މިނިސްޓްރީގެ އާންމު ހިދުމަތްތަކާއި ބެހޭ ބައި (ތައިސޭ ކޮށި) ގައި އެވެ.
ހެނދުނު 09:00 އިން 10:00 އަށް ނަމްބަރު ދޫކޮށްގެން ކަދުރު ބެހުމަށް ހަމަޖެހިފައިވާއިރު ދުވާލަކު ދޫކުރަން ހަމަޖައްސާފައިވަނީ 100 ނަމްބަރެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން 14:00 އަށެވެ
ސައުދީ ރަސްގެފާނު ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެއަށް ބެހުމަށް ހަމަޖެހިފައިވަނީ 7840 (ހަތްހާސް އަށްސަތޭކަ ސާޅީސް) ކިލޯ ކަދުރެވެ. އެއީ ދެކިލޯގެ ތިންހާސް ނުވަސަތޭކަ ވިހި ޕެކެޓް ކަދުރެވެ.
ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމުންނެވެ.