ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ވަކީލަކު އައްޔަން ކުރުމަށް ފަސް ދުވަސް ދީފިއެވެ.
ފިޔާޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އާއްމުންނަށް ނުވަދެވޭނެހެން މާފަންނޫ ސްޓޭޑިއަމް ސަރަހައްދު ބަންދުކުރުމަށް ފަހު އިސްކަންދަރުކޮށި ދޭއް ކައިރީގައި ތިބި މީހުން އެސަރަހައްދުން ދިއުމަށް އެންގުމުން އެސަރަހައްދު ދޫކޮށް ގޮސްފައިނުވާތީ އާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ފުލުހެއްގެ ގައިގާ ޖަހާފައިވާތީ އެވެ.
އެ މައްސަލައިގައި ދައުލަތުން ފިޔާޒުގެ މައްޗަށް ކުރި ދައުވާ ވަނީ މިހާރު ބަދަލުކޮށްފައި އެވެ. ކުރިން ޖެހުމުގެ ދައުވާ އުފުލުމުން ދައުވާއާއި މެދު ކޯޓުން ސުވާލު އުފެއްފުމުން ދައުލަތުން ވަނީ ގައިގައި އަތްލުމަށް ދައުވާގެ ނަން ބަދަލުކޮށްފައި އެވެ.
ފިޔާޒުގެ އިތުރުން ރާއްޖެ ޓީވީގެ އިތުރު ތިން މުވައްޒަފެއްގެ މައްޗަށް ވެސްދަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމާއި ގުޅިގެން ދައުވާ ކުރަމުންނެވެ