ގިނަ އަންހެންކުދިންތަކެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބޮލީވުޑްގެ ސްޓަރ ޓައިގަރ ޝްރޮފް އާ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފައިވާ ދިޝާ ޕަތާނީ ދާދިފަހުން މިވަނީ އެކީގައި ފެނިގެންގޮސްފައެވެ.
މީގެކުރިންވެސް އެކި ތަންތަނުން މިދެމީހުން ފެނިގެންގޮސްފައިވާއިރު ޓައިގަރ ޝްރޮފް އަދި މިހާތަނަށް އެދެމީހުންގެ މެދުގައި އޮތީ ލޯބީގެ ގުޅުންކަމަކަށް އެއްބަސްވެފައެއް ނުވެއެވެ. ދާދިފަހުން އެކަމާގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ޓައިގަރ ޝްރޮފް ބުނެފައިވަނީ ދިޝާ އަކީ އޭނާގެ ވަރަށް ރަނގަޅު ރައްޓެއްސެއްކަމަށާއި ކޮންމެސް ދުވަހަކުން އޭނާ ދެކެވެސް ކޮންމެސް މީހެއް ގަޔާވާނެކަމަށް އުންމީދުކުރާކަމަށެވެ. އެހެން ބުނެފައިވަނިކޮށް މިވަނީ މިދެމީހުން އެއަރޕޯޓް ތެރެއިން ފެނިގެންގޮސްފައެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އާދީއްތަ ދުވަހުގެ ރޭ މިދެ މީހުންވަނީ ޕެރިސް އަށް ލަވައެއްގެ ޝޫޓިންގ އަށްގޮސްފައެވެ. ޕެރިސް އަށް ދިޔުމަށްޓަކައި އެއަރޕޯޓަށް ދިޝާ އައީ ޓައިގަރ ގެ ކާރުގައި އޭނާ އާ އެކުކަމަށްވެއެވެ. ދިޝާ ކާރުން ފޭބުމަށްފަހު އެއަރޕޯޓް ތެރެއަށް ވަދެގެން ދިޔަނަމަވެސް ޓައިގަރ ޝްރޮފް ވަނީ ޕަޕަރާޒީންނަށް އޭނަ ފެނުމާއެކު ކާރުން ނުފައިބާ ގޮސްފައެވެ. ޓައިގަރ ޝްރޮފް އަނބުރާ އެއަރޕޯޓަށް އައިސްފައިވަނީ އޭގެ ތިރީހަކަށް މިނެޓް ފަހުންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ނެތްނަމަ އެހާވަރަކުން މީޑިޔާއަށް އެކަން ސިއްރުކުރަން އުޅެނީ ކީއްކުރަން ބާވައެވެ؟