ރާއްޖެއިން 4 ޤައުމަކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2ވަނަ ދައުރުގެ މިއަދުގެ ޖަލްސާގައި ވަނީ އެމެރިކާ އާއި ކެނަޑާ އަދި ޔޫއެންއަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވެވި ގދ. ގައްދޫ ބެންހާގޭ ޑރ. އަލީ ނަސީރު މުހައްމަދާއި ނެދަރލޭންޑާއި ލަގްޒަމްބަރގުގައި ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާ ގ. ސަމަންތާ އަހުމަދު ޝިއާންގެ ނަން ޤައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވާފައެވެ.
އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުތަރަމަ ކިޔުމާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުންވެސް ވަނީ އިއްވާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ މިހާރު ނިންމާލާފައެވެ. އަދި މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވުމަށް ތާވަލު ކޮށްފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.