ރޯދައަކީ އިސްލާމްދީނުގެ ފަސް ތަނބުގެތެރެއިން އެއް ތަނބެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއް ބިލިއަނަށް ވުރެ ގިނަ މުސްލިމުން ދަނީ ރޯދަ ހިފަމުންނެވެ. މީ ދީނީ އަޅުކަމެކެވެ. އެހެންނަމަވެސް ދީނީ ކޮންމެ އަޅުކަމަކީ ވެސް ހިކަމަތުން ފުރިގެންވާ އަޅުކަމެކެވެ. އޭގެ އެތަކެއް ފައިދާ އެތަކެއް ގޮތަކުން ލިބޭއެވެ.
ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ޝަރުބީތައް މަދުކޮށްދޭ
ރޯދައަށް ހުރުމުގެ ސަބަބުން ރޯދައަށް ހުންނަ މީހާއަށް ސިއްހީ އެތަކެއް ފައިދާއެއް ލިބިދެއެވެ. މިގޮތުން ހިތުގެ ބަލި ހުންނަ މީހުންނަށް ރޯދައަކީ ވަރުގަދަ ޝިފާއެކެވެ. ރޯދައަށް ހުރުމުގެ ސަބަބުން ލޭގައި ހުންނަ ނުރައްކާތެރި ޝަރުބީތައް މަދުކޮށްދީ ޝަރުބީ ކޮންޓްރޯލްކުރުމަށް ބޭނުންވާ ބައެއް މާއްދާތަކުގެ މިންވަރު އިތުރުކޮށްދެއެވެ. 1997 ވަނަ އަހަރު ހެދި ހަށިގަނޑަށް ބޭނުންވާ މައުދަންތައް ހަޖަމްވާގޮތަށް ހެދި ރިސާޗްއަކުން ދެއްކިގޮތުގައި ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ހަށިގަނޑަށް ގެއްލުންވާ އެލްޑީއެލް އަށް ޕަސެންޓް މަދުކޮށްދީ، ޓްރައިގްލައިސެރައިޑް 30 ޕަސެންޓް މަދުކޮށްދީ އަދި ހަށިގަނޑަށް ބޭނުންވާ އެޗްޑީއެލް 14.3 ޕަސެންޓް އިތުރުކޮށްދެއެވެ. އަދި މިކަމުގެ ނަތީޖާއަކީ ހިތައް ޖެހޭ ކާޑިއޯވަސްކިއުލާ ބަލިތަކުން މީހާ ރައްކާތެރިކޮށްދެއެވެ.
ސިއްހަތައް ގެއްލުންވާ ބައެއް ނޭދެވޭ އާދަތަކާ ދުރުހެލިވުމަށް އެހީތެރިވެދޭ
ރޯދައަށް ހުރުމުގެ ސަބަބުން ސިއްހަތައް ގެއްލުންވާ ބައެއް ނޭދެވޭ އާދަތަކާ ދުރުހެލިވުމަށް އެހީތެރިވެދެއެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ރޯދަ މަހަކީ ވަރަށް ފަސޭހަމަހަކަށް ވެގެން ދާނެއެވެ. މިކަން ވަނީ ގިނަބަޔަކު އަމަލުން ދައްކާފައެވެ. ރޯދައަށް މިހުންނަ 12 ވަރަކަށް ގަޑިއިރުތެރޭގައި އެއްވެސް ވަރަކަށް ދުންފަތާއި ގާތްނުވެ ތިބެވޭއިރު އިތުރު މަސައްކަތަކާއެކު މި އަދަދު 24 ގަޑިއިރަށް ބަދަލު ކޮށްލެވޭނެއެވެ. ދުންފަތާއި ދުރުވުމުގެ އިތުރުން އަޅުގަނޑުމެން އާދައިގެ ގޮތެއްގެ މަތިން ބޭނުންކުރަމުންދާ ސިއްހަތަށް ގެއްލުން ހުރި އެނާޖީ ޑްރިންކްސްތަކާއި ތައްޔާރީ ކާނާތަކާއި ދުރުހެލިވެ ސިއްހަތައް ފައިދާ ހުރި މޭވާއާއި ތަރުކާރީބޭނުން ކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފަނިތަކާއި ކެއުންތައް ބޭނުން ކުރުން އާދައަކަށް ހެދުމަށް ރޯދަ އެހީތެރިވެދެއެވެ.
ރޯދައަށް ހުރުމުން ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ
ރޯދަމަހުގައި ރަނގަޅު ޑައިޓެއް ބެހެއްޓިއްޖެނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމް އެތައް ގުނައެއް ވަރުގަދަ ކޮށްދޭނެއެވެ. މިގޮތުން ދުވާލު ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުގައި އުފެދިފައި ހުންނަ ޓޮކްސިންތަކާއި ސަރުބީތައް މަދުކޮށްދެއެވެ. އަދި ރޯދަ ވީއްލުމަށް މޭވާ އަދި ތަރުކާރީ ބެނުން ކުރާނަމަ އޭގެން ލިބިދޭ މައުދަންތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެއެވެ.
ލޭގެ ޕްރެޝަރު ދައްކޮށްދޭ
ރޯދައަށް ހުންނަ އިރު ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ސަރުބީތައް ހަކަތައަށް ބަދަލުކޮށް އެ ބޭނުންކުރެއެވެ. މި ސަރުބީތައް މަދުވުމުގެ ސަބަބުން ލޭހޮޅިތައް ބެދުން ކުޑަވެ ބްލަޑް ޕްރެޝަރ ދައްވެއެވެ. އަދި މީގެ އިތުރުން ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުގެ މެޓާބޯލިކް އެކްޓިވިޓީސް އެއް މިނެއްގައި ހިފެހެއްޓި ހަށިގަނޑުގެ ހިނގުން އަވަސްކޮށްދޭ ބައެއް ހޯމޯންތައް ކަމުގައިވާ އެޑްރެނަލިން ފަދަ ހޯމޯންތައް އުފެއްދުން މަދުކޮށް ލޭގެ ޕްރެޝަރުދަށްކޮށްދެއެވެ.