އަމިއްލަ ނަފުސަށް އިތުބާރު ހޯދުމަށް ކުރެވިދާނެ 5 ކަމެއް

އެހެންމީހުން ތިބާއާއި ދޭތެރޭ ދެކޭގޮތާއިމެދު ތިބާ ވިސްނަންހެއްޔެވެ. ހަމަޔަގީނުންވެސް އެކަމާ ތިބާއަށް ވިސްނޭނެއެވެ. އެހެންމީހުން ތިބާއާމެދު ރުހުމަށް އެދެންހެއްޔެވެ. އެއީ ތަބީޢީ ކަމެއްވެސް މެއެވެ. އެހެންނަމަވެސް ހަމައެކަނި އެހެންމީހުން ތިބާއާއި މެދު ދެކޭގޮތާއިމެދު ވިސްނުމަކީ ހައްލެއްނޫނެވެ.

ތިބާއަށް ފާހަގަކުރެވޭ ރަނގަޅު ސިފަތަކެއްހުރި މީހަކާ މެދުވިސްނާލައްވާށެވެ. އެމީހަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ހިތްހެޔޮ، ސަހުސިއްޔަތު ވަރުގަދަ، އެހެންމީހުންނާ ގުޅުން އޮންނަ ރަނގަޅު މީހެކެވެ. ދެން އެއައްފަހު އަމިއްލަ ނަފުސާ ތިބާ ސުވާލުކޮށްލައްވާށެވެ. އެމީހަކީ ތިބާ ގަބޫލުކުރާ ސިފަތަކެއް ހުރިމީހެއް ހެއްޔެވެ. އާއެކޭ ކަމުގައިވާނަމަ އެސިފަތައް ތިބާގެ ގައިގައި ހުރީކިހާވަރަކަށްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ.

އަމިއްލަ ނަފުސަށް އިތުބާރުކުރުމަކީ ތިބާ ހަރުދަނާ މީހަކަށް ވުމުގެ އެންމެ މުހިންމު އެއްބައެވެ. އެ ސިފަތަކަކީ ތިބާއަށްވެސް އަށަގެންނެވިދާނެ ސިފަތަކެކެވެ. މި ހިމަނާލަނީ ތިބާގެ އަމިއްލަ ނަފުސު ވަރުގަދަކޮށް ތިބާއަކީ އެހެންމީހުން ބަލައިގަންނަ މީހަކަށް ވުމަށް ކުރެވިދާނެ މުހިންމު ފަސްކަމެކެވެ.

1-ތިބާގެ ގައިގައި ހުރި ރަނގަޅު ސިފަތައް ލިސްޓްކޮށްލާށެވެ.

ކޮންމެ މީހަކީވެސް ހާއްސަ ސިފަތަކެއް ލިބިގެންވާ މީހެކެވެ. ތިބާގެވެސް ކޮންމެވެސް ރަނގަޅު ސިފަތަކެއް  ހުންނާނެއެވެ. ތިބާގެ އަމިއްލަ ނަފުސުދެކެ އެންމެ ލޯބިވާނީވެސް ތިބާކަން ޔަގީނެވެ. ލިސްޓްކުރެވުނު ކަންކަމަކީ ތިބާގެ ގައިގައި ހުރި ރަނގަޅު ސިފަތައްކަމުގައި ބަލައިގަންނާށެވެ. އަދި އެސިފަތަކާމެދު އުފާކުރާށެވެ. އެސިފަތައް ދެމެހެއްޓުމަށް މަސައްކަތްކުރާށެވެ.
2-ތިބާ ވާންބޭނުންވަނީ ކާކަށް ކަން ކަނޑައަޅާށެވެ.

ތިބާވާން ބޭނުންވަނީ ކާކަށްކަން ލިޔެލާށެވެ. އަދި ހާސިލް ކުރަން ބޭނުންވަނީ ކޮންކަމެއްކަންވެސް ލިޔެލާށެވެ. މިކަންމިހެން ކުރުމުން ލިޔުންފެންނަ ކޮންމެ ފަހަރަކު ތިބާގެ މަގުޞަދު ހަދާންވެ އުފާވެރިކަން އިހުސާސްކުރެވި މަންޒިލް ހާސިލްކުރުމަށް މަގުފަހިވެ ހިތްވަރު ލިބިގެން ދާނެއެވެ.

3- އަމިއްލަ ނަފުސަށްޓަކައި ދުވާލަކު 30 މިނެޓްވަރު  ހޭދަކުރާށެވެ.

ހާއްސަ ވަގުތުކޮޅެއް ހުސްކޮށްލާށެވެ. އެވަގުތުކޮޅުވާންވާނީ ތިބާގެ އަމިއްލަ ނަފުސަށްޓަކައި ހުސްކޮށްލެވޭ ވަގުތުކޮޅަކަށެވެ. މިފަދަ ވަގުތު ތަކުގައި ކުރެވިދާނެ ކަންކަންވަރަށް ގިނައެވެ. އެގޮތުން ފޮތެއް ކިޔާލެވިދާނެއެވެ. ކަސްރަތުކޮށް ނޫނީ ކޮންމެވެސް ކުޅިވަރެއް ކުޅެލެވިދާނެއެވެ. ހަމައެހެންމެ ހިތްހަމަޖެހޭފަދަ ކަމެއްވެސްކޮށް ލެވިދާނެއެވެ. މިއިންކޮންމެ ކަމަކީވެސް އަމިއްލަ ނަފުސަށް އިތުބާރު ގެނެސްދޭނެކަންކަމެވެ.

4-ހިތް ނޭދޭ ކަންކަން ފާހަގަކުރުން.

އަމިއްލަ ނަފުސާ ސުވާލުކޮށް ތިބާ އޮޅުންފިލުވާށެވެ. ތިބާ ހިތްނޭދެނީ ކޮންކަންކަމަކަށް ހެއްޔެވެ. ބިރުގަން ނަނީ ކޮން ކަމަކާހެއްޔެވެ. މިފަދަ ކަންކަން ފާހަގަކުރުމުން އެކަންކަމާއި ކުރިމަތި ލުމަށް ހިތްވަރު ލިބިގެންދާނެއެވެ. މިފަދަ ކަންކަމާ ކުރިމަތިލާއިރު ތިބާ އަކީ އެކަންކަމުގެ ވެރިޔާ ކަމުގައި ދެކޭށެވެ. އޭރުން އެކަންކަންކަމުގެ ކޮންޓްރޯލް އޮންނާނީ ތިބާގެ އަތުގައެވެ.

5- ކޮންމެވެސް ރަނގަޅުކަމެއް އަމިއްލަ ނަފުސަށްޓަކައި ކޮންމެ ދުވަހަކުވެސް ކުރުން.

މިއީ ތިބާގެ ދިރިއުޅުމެވެ. ކަންކަން ރަނގަޅު ކުރެވޭނީ ތިބާ ރަނގަޅުކުރިވަރަކުންނެވެ. ރަނގަޅުކަންކަމުން ހިތް އުފާކުރާށެވެ. ކޮންމެވެސް ރަނގަޅުކަމެއް ކުރާށެވެ. ކިތަންމެ ކުޑަ ކަމެއްކަމުގައި ވީނަމަވެސް މެއެވެ. އެކަމުން ތިބާއަށް ހިތް ހަމަޖެހުން ގެނެސްދޭ ފަދަކަމެކެވެ.

އަމިއްލަނަފުސުދެކެ ތިބާ ލޯބީވީ ވަރަކުން އެހެންމީހުން ތިބާއާމެދު ދެކޭނެ ގޮތްތަކުން ތިބާގެ ވިސްނުން ދުރުވާނެއެވެ. އަދި އަމިއްލަ ނަފުސަށްކުރެވޭ އިތުބާރު ބޮޑުވެގެންދާނެއެވެ. މިފަދަކަންކަމަކީ ތިބާގެ ހަޔާތުގައިވެސް ޓެސްޓްކޮށްލެވިދާނެ ކަންކަމެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *