بسم الله الرحمن الرحيم
الْحَمْدُ لِلَّهِ الَّذِي أَنْزَلَ عَلَى عَبْدِهِ الْكِتَابَ وَلَمْ يَجْعَلْ لَهُ عِوَجًا. أللهـم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم إنك حميد مجيد. رَبِّ اشْرَحْ لِي صَدْرِي . وَيَسِّرْ لِي أَمْرِي . وَاحْلُلْ عُقْدَةً مِنْ لِسَانِي . يَفْقَهُوا قَوْلِي . أما بعد!
ރަމަޟާން މަހުގެ ބަރަކާތްތެރިކަމާއި، ދަރުމަ އަޅުގަނޑަށާއި ތިޔަ އެންމެހާ އަޚުންނާއި އުޚްތުންނަށް މިންވަރު ކުރައްވާށި!
އާދެ! މި މާތް މައްސަރުގައި އަޅުގަނޑު ލިޔެލާން މި ޤަޞްދުކުރަނީ؛ އެންމެ ތެދު ޚަބަރު އެފޮތެއްގައި ލިޔެވިފައިވާ، އެންމެ ހެޔޮ ބަސް އެފޮތެއްގައި ފުރިހަމަ ކުރައްވާފައިވާ؛ ދުނިޔޭގައި އޮތް އެންމެ އަޖާބު ފޮތް؛ ކީރިތި ޤުރްއާނުގެ ޢިލްމީ ކަނޑުތެރެއިން ނެގިފައިވާ މުތީތަކުގެ ސިލްސިލާއެކެވެ.
މި ސިލްސިލާ ގައި އަޅުގަނޑު ގެނެސްދޭނީ ތިޔަ އެންމެހާ ބޭފުޅުންނަށް ދުނިޔޭގެ ދިރި އުޅުމުގައިވެސް ފައިދާ ކުރާނެ އެތައް އެތައް ޤަވާޢިދަކާއި، އިންސާނަކު ދުނިޔެވީ ގޮތުންނާއި އުޚްރަވީ ގޮތުންވެސް ބާއްޖަވެރިވާނޭ ޤާނޫނުތަކެކެވެ. ޤުރްއާނުން ނެގެވިފައިވާ ޤަވާޢިދު ތަކެކެވެ. އެއީ ﷲ ގެ ތެދު ޚަބަރުތަކާއި ވަޢުދުތައް ކަމުގައިވާތީ އޭގައި އެއްވެސް ޝައްކުކަމެއް ނޯންނާނެމެއެވެ. މިއީ ޔަޤީން ،ކަށަވަރު، އަދި މުޖައްރިބު ޤަވާޢިދުތަކެކެވެ. މެންދުރުގެ އިރުގެ އަލިކަމަށްވުރެ މިޤަވާޢިދުތަކުން އިންސާނަކަށް އޭނާގެ ދިރި އުޅުމުގައި ބާއްޖަވެރިކަމުގެ އަލިކަން ލިއްބައިދޭނެމެއެވެ. ޝައްކެއްވެސް ނެތެވެ. މި ޤަވާޢިދުތައް ރަނގަޅަށް ދަސްކޮށް ދިރިއުޅުމުގައި ބޭނުންކޮށް، ޢަމަލުތައް އެއާ އެއްގޮތައް ގެންދާ ނަމަ ދުނިޔޭގައި ހާސްވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. ހިތްނުތަނަވަސްވެގެން މާޔޫސްވެދާނެ ކަމެއްވެސް ދިމަލެއްވެގެނެއްނުދާނެ އެވެ. މިއީ އިލާހީ ވަޙީގެ ޤަވާޢިދު ތަކެވެ.
އާދެ! ޤުރްއާނަކީ އާދައިގެ ފޮތެއްނޫންކަން އެނގޭހެއްޔެވެ؟ އިންސާނުންގެ ދުނިޔެވީ ދިރި އުޅުން އުފާވެރިކޮށް، ކާމިޔާބުކުރުމުގެ އެތައް އިރުޝާދެއް ޤުރްއާނުގައި ހިމެނިފައިވިޔަސް އެއިން ފައިދާ ކުރާނީ އެޤުރްއާނުގެ އިރުޝާދުތައް ބަލައި ހޯދާ، ކިޔައި އެޔާމެދު ވިސްނައި ހަދާމީހަކަށެވެ. އެކަންކަން ހިތުގެ އަޑީން ޤަބޫލުކޮށް އެއިރުޝާދުތަކަށް ޢަމަލުކުރާ މީހަކަށެވެ.
ފަހެ ދުނިޔޭގައި އެ ޢިލްމަކަށްޓަކައި ވަޤުތު ހޭދަކޮށް، އާދަމުގެދަރިޔާގެ ޢުމުރު ފަނާ ކޮށްލުމަށް އެންމެ ހެޔޮ އިތުރުކަން ބޮޑުވެގެންވަނީ ގަދަކީރިތިވަންތަ މާތް ﷲ ބާވައިލައްވާފައިވާ އެކަލާނގެ ޥަޙީ ބަސްފުޅު ކިޔެވުމާއި އެބަސްފުޅުން އިލްމު ހޯދައި އުނގެނުމުގައެވެ. މިކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. ސަބަބަކީ ޝައްކެއްނެތް ގޮތުގައި އެއްވެސް ބާޠިލުކަމެއް ނެތި، ހުރިހާ ފަރާތަކުން ޙައްޤުކަން ބޮޑު ބަހަކީ މާތް ﷲ ބާވައިލެއްވި އެކަލާނގެ ކަލާމްފުޅު ކަމުގައިވާތީއެވެ. އެކަލާނގެއީ ޙައްޤުވަންތަ އިލާހެވެ. އެކަލާނގެ ކަލާމްފުޅުގައި އިންސާނުންނަށް ރޫޙާނީ ފަރުވާ އާއި ޖިސްމާނީ ޝިފާވެއެވެ. އެހެންކަމުން ހުރިހާ ޢިލްމުތަކާއި ފަންނުތަކުގެ އަޞްލުކަމުގައި އެކަލާނގެ ބަސްފުޅު ފުދިއްޖެއެވެ. ކީރިތި ޤުރްއާނުގެ މާނަތަކަށް ވިސްނުމާއި، އޭގެ ޢުޔޫނުން ފެންބުއިމުގައި މީސްތަކުންގެ ޢުމުރުތައް ހޭދަކޮށްލިޔަސް އެވަރު މަދުވާނެކަން ކަށަވަރެވެ. އެއީ ބަރަކާތްތެރި ފޮތެވެ. ހިދާޔަތާއި، އަލިކަމާއި،ޙުއްޖަތް އޭގައި ވެއެވެ. ދިރިއުޅުމުގެ ނިޒާމާއި ފަރުދީ ހިތްހަމަޖެހުން ވޭމެއެވެ. ފޮތް ބާވައިލެއްވުނީ އެންމެ މާތްވެގެންވާ ޥަޤުތެއްގައި، އެންމެ މާތްވެގެންވާ ބަހުން ، އެންމެ މަތިވެރި އާދަމްގެދަރިޔާގެ އެންމެ މާތް ގުނަވަނަށެވެ. ޥަޙީއާއިގެން ވަޑައިގެންނެވީ އެންމެ މާތް މަލާއިކަތާއެވެ.އެފޮތުގެ މުޙްތަޥާ އަކީ ދިރިއުޅުމުގެ އެންމެހާ ކަމެއް ގެ ނިޒާމެވެ. މިއަށްވުރެ ވަކީން ޚާއްޞަފޮތެއް ދުނިޔޭގައި ނެތް އިރު، އިސްލާމުންނަށް އެފޮތް ވަކީން ޚާއްޞަވީއެވެ.
އެހެންކަމުން އެފޮތުގެ ޢުލޫމުން އަޅުގަނޑުމެންގެ ރޫޙަށް ކާނާ އާއި ފަރުވާ ލިއްބައިދީ، އެފޮތުގެ އަލިކަމުން އަޅުގަނޑުމެންގެ ޢާއްމު ދިރި އުޅުމާއި ޚާއްޞަ ދިރިއުޅުމުގެ އަނދިރިކަން ފިލުވައި، ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވާނޭ އަމާޒަށް ވާޞިލްވުމުގެ ސަމުގާ ކަމުގައި ކީރިތި قُرْآن ހަދަމާ ހިނގާށެވެ! ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް ކީރިތި قُرْآن އިން ނެގެވިފައިވާ ޤަވާޢިދަކާއިގެން އަޅުގަނޑު ބައްދަލުކުރުމުގެ އުއްމީދާއި އެކު، މިކަން ފުރިހަމަ ކުރުމުގެ ހެޔޮ ތަވުފީޤްއަށް ގަދަކީރިތިވަންތަ ﷲ ގެ ކިބައިން އެދޭ ޙާލު މިވަގުތައް ވަކިވެލަމެވެ. ޝުކުރިއްޔާ!
ލިޔުނީ :عبد الله بن محمد إبراهيم ( 1 رمضان 1437ه )