ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޢަރީފް ފޮނުވައިފިއެވެ.
ސީޕީގެ ތަހުނިޔާގެ މެސެޖުގައި މި ފެށުނު ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި ދިވެހި އެންމެހައި ފުލުހުންނަށާއި ފުލުހުންގެ އިދާރާގެ އިދާރީ އެންމެހައި މުވައްޒަފުންނަށާއި އެންމެހައި ދިވެހިރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ފޮނުވާކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ބަރަކާތްތެރި ރަމަޟާންމަހަކީ 3 ހައިޘިއްޔަތަކުން އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް މުހިންމު ހަނދާންތަކަކާއި އަސަރުތަކެއް ގެނެސްދޭ މައްސަރެއް ކަމަށާއި އެއީ ދީނީ ހައިޘިއްޔަތާއި ޤައުމީ ހައިޘިއްޔަތާއި ޘަޤާފީ ހައިޘިއްޔަތު ކަމަށް ސީޕީގެ މެސެހުގައި ވަނީ ވިދާޅުވެފައެވެ. އެ މެސެޖުގައި ދީނީގޮތުން ބަލާއިރު މިއީ ޚާއްޞަ އަޅުކަމެއްގެ މައްސަރު ކަމަށާއި މުސްލިމުންގެ ދުސްތޫރު ކަމުގައިވާ ކީރިތި ޤުރުއާން ބާއްވާލެއްވުނު މައްސަރު ކަމަށާއި އަދި ނަޞްރާއި ފަތަޙައިގެ ޒިކުރާތަކުގެ މައްސަރެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ކެތްތެރިކަމާއި، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމާއި، މާތް އަޚުލާޤީ ތަރުބިއްޔަތަށް ތިމާގެ ނަފުސާއި އަމަލުތައް ހޭނުމުގެ ތަރުބަވީ މައްސަރެއް ކަމަށްވެސް ސީޕީގެ މެސެޖުގައި ވެއެވެ.
ސީޕީގެ މެސެޖުގައި ރަމަޟާންމަހަކީ ދިވެހީންގެ އެކުވެރިކަމާއި އިޖުތިމާޢީ ރޫޙު އިތުރަށް ބަދަހިވެގެންދާ މަހެއް ކަމަށާއި ދޭދޭ ގުޅުންތައް ހަރުދަނާވެ، އިޙްސާންތެރިކަމާއި ޞުލްޙަ އާއި އަމާންކަން މުޖުތަމަޢުން ފެންނަ އުފާވެރި ގުޅުންތެރި މައްސަރު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މެސެޖުގައި މި ފެށުނު ބަރަކާތްތެރި މައްސަރުގައި މި ކަންކަން އަޅުގަނޑުމެން ކޮންމެ މީހެއްގެ ހިތްމައްޗަށް ގެނެސްގަނެ، ފިލާވަޅު ލިބިގަނެ، އުޅުން އިޞްލާޙުކޮށް، ދީލަތިވަންތަ ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބެނިވިގޮތެއްގައި އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުމަށް ވަނީ އެދިވަޑައިގެންފައެވެ.