އުދާސް
މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށް ޖީޒާ ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ. މީހާ ބިރުން ތުރު ތުރުއަޅަން ފަށައިފިއެވެ. އިރުއޮއްސިއްޖިއްޔާ އޭނާގެ ހާލަކީ އެއެވެ. ހަފަރާތުން އޭނާގެ ދުނިޔެ ވަނީ ބެދިފައެވެ. އެހީއެއް ދިއްކޮށްލާނޭ އަތެއް ނެތެވެ. އިންސާނުންގެ ސިފައިގައި ތިބި ވަލުޖަނަވާރުން ފަދަ ޝައިތާނުންތަކަކާއި އޭނާ ވަނީ ކުރިމަތިލާންޖެހިފައެވެ.
ޖީޒާއަށް ގިސްލެވެން ފެށުމެވެ. ރޮވެން ފެށުނެވެ. އެމީހަކު ދޮރުގެ ތަންޑު ހަލާކުވެސް ކޮށްލާފާނެއެވެ. ނުވަތަ ދޮރުވައްޓާލާފައި ވަދެވެސް ދާނެއެވެ. އެއީ އެހާވެސް ނުބައި ބައެކެވެ. ދުވާލުގެ އަލިކަމުގައި އެމީހުން ޖީޒާ އާއި ފޮށޭއިރު، ރޭގަނޑުގެ އަނދިރިކަމުގައި އެމީހުން ކިހާވަރެއް ކޮށްލާނެ ހެއްޔެވެ؟
އިރުކޮޅަކުން ޖީޒާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ޖީޒާ ބަލާލިއެވެ. ގުޅަނީ ޝަފީޤުއެވެ. ޝަފީޤަކީ ޖީޒާގެ ފަހަތުން ދުވާ އެކެކެވެ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ފިރިހެނެކެވެ. ރޭގަނޑަށް އިރުއޮއްސިއްޖިއްޔާ އޭނާގެ ކަމަކީ ޖީޒާގެ ފަހަތުން ދުވުމެވެ. އެކަހަލަ ކިތަންމެ މީހަކު އެރަށުގައި އުޅެއެވެ. ޖީޒާ ފޯނު ނިވާލައި ބާލީސްދަށަށްލިއެވެ. އަދި ތެދުވެގެން ގޮސް ކޮޓަރީގެ ދޮރުގައި ހަރުކޮށްފައި ހުރި ހުރިހާ ތަންޑެއް އެޅުވިއެވެ.
އެދޮރުގައި ހުރި ތަޅުގެ އިތުރުން ހަތަރު ތަންޑު ހުއްޓެވެ. ޖަލެއްވެސް އެވަރަށް ބަންދު ނުކުރާނެކަން ނޭނގެއެވެ. ދޮރުގެ މަތީގައި ދެތަންޑު އަރިމަތީގައި ދެތަންޑު ހުއްޓެވެ. އެއީ ޖީޒާއަށް އެމީހުންގެ ކިބައިން ސަލާމަތްވެވޭ ހަމައެކަނި ސަބަބެވެ.
އެނުލަފާ ޝައިތާނުންގެ އަތްދަށުގައި ޝިކާރަ ނުވެވި ޖީޒާއަށް ހުރެވޭނީ ކިހާ ދުވަހަކު ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާގެ ހަޔާތުގައި އުންމީދުގެ ހުޅުކޮޅު ވަނީ ކަނިވެފައެވެ. އެހީތެރިވާނޭ މީހަކު ނެތި ވަނީ އެކަނިވެރިވެފައެވެ. ބީރަށްޓަހި ރަށެއްގައި ހުވަފަތް އަންހެނަކަށް އޭނާގެ އަބުރު ރައްކާތެރިކޮށްގެން ހުރެވޭނީ ކިހާދުވަހަކު ހެއްޔެވެ؟
ގޭގެ ބޭރު ދޮރު ހުޅުވާލި އަޑު އިވުމުން އަނެއްކާވެސް ޖީޒާގެ މެއަށް ދިޔައީ ފިނިވެގެންނެވެ. ހިތާ ހިތުން ޖީޒާއަށް ދުޢާ ކުރެވެމުން ދަނީ ސަލާމަތަށް އެދި އެވެ. މުއުޖިޒާތެއް ފަދައިން އުޑުން މަލާއިކަތަކު ނަމަވެސް އޭނާ ސަލާމަތްކޮށްދޭން އައުން އެދިއެވެ.
ގަޑިން އޭރު އެގާރަގަޑި ބައިވަނީ އެވެ. ރަށުތެރޭގައިވެސް މީހުން ނިދައި ފައިހިލަވަޅު އޮތީ އޮބިފައެވެ. ފިހާރަތަކާއި ކެފޭތައްވެސް ލައްޕައި މީހުން ނިދަން ދިޔުމާއި އެކު މުޅި ރަށުތެރެއަށް ފެތުރިފައި ވަނީ ފުން ހިމޭން ކަމެކެވެ. ޝަހުވާނީ އެދުންވެރިކަމުގައި ހިތްނިޔަތް ގޯސްވެފައިވާ ވަލުކުއްތާތަކެއް ފަދަ ބުއްދިނެތް މީހުން މެނުވީ ރަށު ތެރޭގައި ނުއެނބުރެއެވެ.
ދޮރުފަތުގައި ހުރި އެޕޯލޯ ތަޅުގައި މީހަކު ހިފިކަން ޖީޒާއަށް އެނގުނެވެ. އެމީހަކު ތަޅުގައި ބޭރުން ހިފައި ދެއަތަށް އަނބުރާލި އިރުވެސް ޖީޒާ އޮތީ ބަލާށެވެ. ބިރުން ވިރިވިރިއެވެ. ވައިއަޑުން ވާހަކަ ދައްކާ އަޑު އިވުމުން ބޭރުގައި އެކަކަށްވުރެ ގިނަ މީހުން އެބައުޅޭކަން އެނގުމުން ޖީޒާ ދެންގަތީ އަމަށަކު ބިރެއް ނޫނެވެ. ގާތުގައި އެނދުމަތީގައި އޮތް އަހަރުވެސް ނުވާ ކުޑަ ދަރިފުޅުގެ މަތިން އޭނާ ހަނދާން ނެތިއްޖެއެވެ. އެނދުން ފައިބައި އެނދު ތަންދޮށަށް ވަދެއްޖެއެވެ.
ޖީޒާ އެނދު ތަންދޮށުގައި އޮވެ ދޮރާއި ދިމާއަށް ބަލަމުން ދިޔައެވެ. އެމީހުން ހަދާ ގޮތެއް ބަލާށެވެ. ދޮރުގެ މަތީގައި ހުރި ތޭރިތަކުގެ ތެރެއިން ބޯދީ ދެމީހަކު ބަލާލުމުން ޖީޒާއަށް އަނގަމަތީ އެޅުނީ އަތެވެ. ހީވީ ހިތް ފުންމައިގެން ނުކުތް ހެންނެވެ. އޭނާ ބިރުން އަވަދި ނުވީ ކިރިޔާއެވެ.
އޭގެ ތެރެއިން އެކަކު ތޭރިތަކުގެ ތެރެއިން އަތްކޮށްޕައި ދޮރުގެ މަތީ ދެތަންޑު ނެއްޓުވި އިރުވެސް ޖީޒާ އޮތީ ބަލާށެވެ. އެވަގުތު ބާރުގަދަ ހޮނުގުގުރިއެއް ޖެހި އަޑާއި އެކު ހީވީ އުޑުވެސް ފުނޑުފުނޑުވެގެން ބޮލަށް ފައިބައިގަތްހެންނެވެ. ގެވެސް ގުޑައިގެން ދިޔައިރު ފުރާޅުގެ ޓިނުތައްވެސް ތެޅިގަތް އަޑު އިވުނެވެ. ދޮރުގެ ތޭރިތަކުގެ ތެރެއިން އަތްކޮށްޕައިގެން އޮތް މީހާވެސް ގުގުރީގެ އަޑާއި އެކު ސިހިގެންގޮސް އޭނާ އަރައިހުރި އެއްޗަކުން ވެއްޓުނުއިރު، ތޭރިތަކުގެ ތެރޭގައި ތާށިވި އަތް ”ޓޮއް“ ކިޔާފައި ބިންދައިގެން ދިޔައަޑު ގުގުރީގެ ގަދައަޑުފަށް ގަނޑުގެ ތެރެއިންވެސް ޖީޒާއަށް ފާހަގަވިއެވެ.
ގުގުރީގެ އަޑު ފަޒާގެ ތެރެއަށް ފޭދިގެން ދިޔައިރު ބޭރުން އިވެމުން ދިޔައީ ފިރިހެނެއްގެ ކުކުރުމުގެ އަޑެވެ. އެދެމީހަކުވެގެން ގޭގެ ބޭރު ދޮރުން ނުކުތް އަޑު އިވުމުން ޖީޒާވެސް އެނދުތަން ދަށުން ނުކުތެވެ. އަދި ކޮޓަރީގެ މަގުފަރާތަށް ހުރި ފާރުގައި ވައި ވައްދަން ޖަހާފައި ހުރި އެސްލޯން ހޮޅީގެ އާނގަ އާއި ދިމާލުގައި ގޮނޑިއެއް ބަހައްޓައި އަރައި ބޭރު ބަލާލިއެވެ. ޖީޒާއަށް ފެނުނީ ޝަފީޤު އާއި އެހެން ފިރިހެނެކެވެ. ޝަފީޤުގެ ކަނާތް ބިނދިފައި އޮތް އޮތް އިރު އެއަތުގައި އޭނާގެ ވާތުން ހިފަހައްޓައިގެން ހުރި އިރު އަނެއް މީހާވެސް ހުރީ ހިފަހައްޓައިގެންނެވެ. މަގުބައްތީ އައްޔާއި ހަމައަށް ދިޔުމުން ޝަފީޤާއި އެކު ހުރި އަނެއް މީހާ ޖީޒާއަށް ދެނެގަނެވުމާއި އެކު އަރައިހުރި ގޮނޑިން އޭނާ އަރި އަޅާލީ ގަތް ބިރަކާއި އެކު ހަށިގަނޑު ތުރުތުރު އަޅައި ގަތުމުންނެވެ.
ޝަފީޤާއި އެކު ހުރީ ޖީޒާގެ ފިރިމީހާ ނަސީހުގެ ދެބޭންދެދަރި ކުއްޖެކެވެ. އޭނާ ރިޒޯޓެއްގައި ހުރެފައި އައީވެސް އަދި މިއަދުއެވެ. ހަވީރު އޭނާ ގެއަށްވެސް އައެވެ. ޖީޒާ އާއި ވާހަކަދެއްކި އެވެ. ބޭބެ ނިޔާވުމުގެ ހިތާމަ އާއި ހަމްދަރުދީ ފާޅުކުރިއެވެ. އެދެމައިންނަށް އެހީވާނެ ކަމުގައި ބުންޏެވެ.
އިތުބާރު ކުރާނެ މީހެއް ޖީޒާއަކަށް ނޭނގުނެވެ. ނަސީހު ނިޔާވިތާ އަދި މިއުޅެނީ މަހެއް ނުވެގެނެވެ. ފޮށޭމީހުންގެ އުނދަގޫތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ޖީޒާއަށް ހިމާޔަތުގެ އަތެއް ދިއްކޮށްލާންތިބި ނަސީހުގެ އާއިލާގެ ފިރިހެނުންގެ ކިބައިންވެސް ޖީޒާއަށް މިފެނީ ހައިވާނިއްޔަތު ކަމެވެ. ހުވަފަތްވެ މިސްކީނުވެފައިވާ އަންހެނެއްގެ ކިބައިން އެމީހުން ހޯދަން އެ އަންނަނީ ނާޖާއިޒު ފައިދާތަކެވެ.
އަނެއްކާވެސް ބާރުގަދަ ގުގުރިއެއް ޖަހާލައިފިއެވެ. އެއާއި އެކު ބޯވާރޭ ވެހިގަތީ ތިޔަހެނެއް ނޫނެވެ. ދަގަނޑު ޓިނުގެ ފުރާޅުގެ މައްޗަށް ހީވީ އޮއްގާތަކެއް އުކައިގަތް ހެންނެވެ. ފުރާޅު ފޫދުއްވާލާފައި ވާރޭގެ ތިކިތައް އެފައިބައިގަންނަނީއޭ ވެސް ހީވެއެވެ.
ނިދާފައި އޮތް ދަރިފުޅު ހޭލީ ދެވަނަ ގުގުރީގެ އަޑަށެވެ. އޭނާ ރޮއެގަތުމުން ނަގައި އުނގަށްލައި ދަރިފުޅަށް ބުއްޖައްސައިގެން ޖީޒާ އެނދުގެ ކޮޅުގައި ލެގިލިއެވެ. މަޑުމަޑުން އޮވެ ދަރިފުޅަށް ނިދެމުން ދިޔައިރު ޖީޒާއަށްވެސް ދިޔައީ، ދިޔައީ ލޯމެރެމުންނެވެ.
”އަހަރެން ބުނަން ހަނދާންނެތީއެވެ. ގޯތި ތެރޭ ކޮންމެވެސް ތަނެއްގައި ބިއްލޫރި ގުޅިއަކަށް ލާފައި ފަންސާހަކަށް ހާސް ރުފިޔާ ވަޅުލާފައި ހުންނާނެއެވެ. އެއީ ބައްޕަ ދުނިޔޭގައި ބައްޕަ ވަޅުލިއެއްޗެކެވެ. އަހަރެންގާތުގައި އެވާހަކަ ބުނީ ބައްޕަގެ މަރުމަތީގައެވެ. ފެނޭތޯ ބަލާށެވެ. އަހަރެންނަކަށް އެނުފެނުނެވެ. ދެން އަލަމާރީ ތިރީގައި ހުރި ކަރުދާސްތަކުގެ ތެރޭގައި އެހެން މުހިއްމު ލިޔެކިޔުންތައް ހުންނާނެއެވެ.“
ޖީޒާއަށް ދެލޯ ހުޅުވާލެވުނެވެ. އެއާއި އެކު އޭނާގެ ކުރިމަތިން ފިރިމީހާ ނަސީހުގެ ސޫރަ ގެއްލުނެވެ. ޖީޒާ އަނެއްކާވެސް ދެލޯމަރާލިއެވެ. ނަސީހުގެ ސޫރަފެނޭތޯއެވެ. އޭނާއަށް ހީވީ އެއީ އިބިލީސް ލައިދިން ވަސްވާހެއް ކަމުގައެވެ. އޭނާގެ ނިކަމެތި ދިރިއުޅުން އިތުރަށް ނިކަމެތިކޮށް ކުރި މަލާމާތެއް ކަމުގައެވެ.
ޖީޒާއަކީ އިންޑިއާގެ ފަޤީރު އަވަށެއްގެ ކުއްޖެކެވެ. ނަސީހު އާއި އޭނާ ދިމާވީ، ނަސީހުގެ ބައްޕަގެ ބައްޔަށް ފަރުވާކުރަން އިންޑިއާއަށް ގޮސް ހުރި އިރުއެވެ. އެބަލީގައި ބައްޕަ ގަދަ ނުވެ ނިޔާވުމުން ނަސީހު ރާއްޖެއައީ ޖީޒާއާއި އިނދެގެން ޖީޒާ ގޮވައިގެންނެވެ. ނަސީހުގެ މަންމަވެސް ދުނިޔޭގައި ނެތުމާއި މަންމަ އާއި ބައްޕަގެވެސް އިތުރު ދަރިއަކު ނެތުމުން އެގޭގައި ދެން ދިރިއުޅެމުން އައީ ޖީޒާ އާއި ނަސީހުއެވެ.
ޖީޒާއަކީ ރީތިއަންހެންކުއްޖަކަށް ވުމުން ނަސީހު އޭނާ އެރަށަށް ގެނައި ފުރަތަމަ ދުވަހުންފެށިގެންވެސް އެރަށުގައި ތިބި ވަހުޝީ ފިރިހެނުން ޖީޒާއަށް އައީ ކަޅި އަޅަމުންނެވެ. ގޭގެ ދޮރުތަކުގެ ތަޅުތައް އާކޮށް އިތުރު ތަންޑުތައް ނަސީހުވެސް ހަރުކުރީ އޭނާއަށް އެކަންކަން ވިސްނޭތީކަން މިހާރު ޖީޒާއަށް އެނގެއެވެ.
ނަސީހަކީ މަސްވެރިއެކެވެ. އޭނާ މަހަށް ގޮސް އުޅުނީ ޝަފީޤުމެންގެ ދޯނީގައެވެ. ނަސީހު ނިޔާވީ، އެންދަމަން ފައިބައި އުޅެނިކޮށް ކަމުގައި އެދޯނީގެ މީހުންބުނެއެވެ. އޭރު ނަސީހު އާއި ޖީޒާއަށް ލޯބި ލޯބި ފިރިހެންކުއްޖަކު ލިބި އެކުއްޖާއަށް އަށް ކިރިޔާ ފިޔަވަޅުގަނޑު ޖެހެނީއެވެ.
ނަސީހު މަރުވި ގޮތާއި މެދު ދޯނީގެ މީހުން ބުނާއެއްޗެއް ފިޔަވައި، އެހެން ވާހަކައެއް ޖީޒާއަކަށްވެސް ނޭނގެއެވެ. މިހާތަނަށް އޭނާ ފުއްދަމުން އައީ ދޯނިން އެމަހަށް ބަހައިގެން ނަސީހަށް ލިބުނު ތިންހާސް ރުފިޔާއިންނެވެ. އެލާރިކޮޅުންވެސް މިހާރު
އަތުގައި އޮތީ ދުއިސައްތައެއްހާ ރުފިޔާއެވެ. އެނބުރި މައިންބަފައިންގެ ގާތަށް ޤައުމަށްދާން ބޭނުންވިޔަސް ހެޔޮ ނިޔަތުގައި އޭނާއަށް ފައިސާ ފޮއްޗެއް ދިއްކޮލާނެ މީހަކު ނެތެވެ.
ވާރޭ ހުއްޓައިލީ އިރުވެސް އެރިފަހުންނެވެ. ދަންވަރު ވަގުތުތައް ބިރުވެރިކަމުގެ ތެރޭގައި ހޭދަކުރި ޖީޒާއަށް ހޭލެވުނު އިރުވެސް އިރުއަރައި ހަތެއްޖަހަނީ އެވެ. ދަރިފުޅު ނުހޭލައި އޮތުމާއިއެކު ޖީޒާ ދިޔައީ ބަދިގެއާއި ދިމާއަށެވެ. ގޭގެ ދެކުނު ދޮރުން ނުކުމެ ބަދިގެއާއި ދިމާއަށް ހިނގައިގެންފައިވެސް ޖީޒާ ހުއްޓުން އެރީ، ފެންތާނގީގެ އޯވަފްލޯ ހޮޅިން ފޭބި ފެނުން ކޯރުކެނޑިފައިވާ ބިންގަނޑުގެ ތެރޭގައި އެއްޗެއް ވިއްދާތަން ފެނުމުންނެވެ. ޖީޒާ ގޮސް ކައިރިވެފައި ބަލާލިއެވެ. އެއީ ވައް ބިއްލޫރި ގަނޑެއްގެ ބައެއްކަން އެނގުމުން ޖީޒާއަތުން ވެލިގަނޑު ކަހާލިއެވެ.
ޖީޒާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް މިފެންނަނީ ހުވަފެނެކޭ އޭނާގެ ހިތަށް އެރުމުން އަމިއްލައަށް ގައިގައި ވިކައި ގަތެވެ. ހުވަފެނެއް ނޫންކަން ޔަޤީންކޮށްލާށެވެ. އަތުން ފަސްގަނޑު ކަހަމުން ދިޔަ ވަރަކަށް ގުޅީގެ ބައްޓަން ދިޔައީ ސާފުވަމުންނެވެ. ޖޫސްޕެޓީކޮތަޅަށްލައި އޮޅާފައި އެހެރީ ފައިސާކަން ގުޅި ނުނެގެނީސްވެސް ޖީޒާއަށް ނެގިއްޖެއެވެ. ފަސްގަނޑު ތެރެއިން ގުޅިނަގައި ވާރޭފެންތާނގީން ދޮވެލައިގެން ޖީޒާ އެހިފައިގެން ވަނީ ކޮޓަރިތެރެއަށެވެ. ލަހެއް ނުކޮށް އޭނާ ގުޅީގެ ތެރެއިން ފައިސާތައް ނަގައި ގުނާލިއެވެ. އޭގައި ހުރީ ފަންސާސް ހާސް ރުފިޔާއެއް ނޫނެވެ. އެއްލައްކަ ފަންސާސްހާސް ރުފިޔާ ހުއްޓެވެ. ޖީޒާ އަށް އުފަލުން ނަށައިގަނެވުނެވެ. ކަލާނގެއަށް ހަމްދު ކުރެވުނެވެ.
ހަމައެދުވަހުގެ ފްލައިޓަކުން ޓިކެޓް ނަގައިގެން ޖީޒާ ދަރިފުޅުގޮވައިގެން އައީ މާލެއަށެވެ. އަދި ފިރިމީހާގެ ލިޔެކިޔުންތައް ބޭންކަށް ހުށައަޅައި ބޭންކުގައި ހުރި ފިރިމީހާ ނަސީހުގެ ފައިސާ ނަގައި، ގުޅިން ލިބުނު ފައިސާތަކާއި އެކު އިންޑިއާ ބޭންކުގައި އޭނާގެ އެކައުންޓެއް ހުޅުވައި ފައިސާތައް ޖަމާކުރުމަށްފަހު ފުރައިގެން އިންޑިއާއަށް ދިޔައީއެވެ.
އެދުވަހަށް ފަހު ޖީޒާ އަމިއްލަ މަސައްކަތެއް ފަށައި، ދަރިފުޅާއި އެކު އިންޑިޔާގައި ދިރިއުޅެމުން އައީ އުދާސްތައް ފިލައި އުފާވެރި ދިރިއުޅުމެކެވެ. މުއުޖިޒާތެއް ފަދައިން އޭނާގެ އަބުރު މާތް ރަސްކަލާނގެ ސަލާމަތްކޮށްދެއްވި ކަމަށްޓަކައި، އަބުރުވެރި ހުވަފަތް އަންހެނެއްގެ ގޮތުގައި އޭނާ ދިރިއުޅެމުން ދިޔައީ ސުވަރުގޭގައި އޭނާގެ ފިރިމީހާ އާއި ބައްދަލުވުން އެދި ދުއާކުރަމުންނެވެ.
————–
One Response
salhi