އަސަދުﷲ ޙާމީން – މާފަހި/ ހއ. އިހަވަންދޫ
އުޑުމަތިވަނީ ނޫކުލަ އަރައަރައި ހުރި ވިއްސާރަ ވިލާތަކުން ބައްދާފައެވެ. ޖެހެމުންދިޔަ ގަދަ ވައިން އަމީނީމަގުގައި ހުރި ދިގު ގަސްތަކުގެ ފެހި ފަތްތަކުން ބޫން އަޑު އިވިއިވި ހުއްޓެވެ. މީސް ގިނަ މާލޭގެ ދުވާރު މަތީގައި މީހުންތައް ހޭލިމޭލި ވަމުން ދިޔައީ ވެހެން ތައްޔާރުވެފައިވާ ވިއްސާރަގަނޑުން ސަލާމަތްވެވޭތޯއެވެ. މަގުތައް މަތީގައި ދުއްވަމުންދިޔަ ވެހިކަލްތަކުގެ މަންޒިލަކީ ދުއްވާ މީހާ ތެމި ފޯވުމުގެ ކުރިން ވަދެވޭނެ ކޮންމެ ވެސް ނިވާފަތްގަނޑެކެވެ.
ނާޒްލީން ހިނގަމުން ދިޔައީ އޭނާޔަށް ހިނގޭނެ އެންމެ އަވަހަށެވެ. ޖެހެމުންދިޔަ ގަދަ ވަޔާއި ދެކޮޅަށެވެ. އޭނާގެ އަމާޒަކީ ބަނަވެފައިވާ އުޑުމަތިން އެންމެ ވާރޭ ތިއްކެއް ވެއްޓުމުގެ ކުރިން ޔުނިވަރސިޓީގެ ދޮރުން އެތެރެވުމެވެ. އެހެނަސް ޣިޔާޒުއްދީން ސުކޫލު ފަސްދީ ދެވުނު އިރު ވާރޭވެހެން ފަށައިފިއެވެ.
ނާޒްލީން، އޭނާގެ އަތުގައި ހުރި ފޮތްތައް މެޔާލައި ބޮނޑިކޮށްލިއެވެ. އޭނާ ސުކޫލުގެ އަސްކަނި ދަށުގައި މަޑުކުރީ ވެހެން ފެށި ވާރޭ ހުއްޓާނެ އިންތިޒާރެއްގައެވެ. ކަނާތުން އޭނާގެ ދޮންދޮން މޫނަށް ހުރަސްވެފައިވާ ފަން އިސްތަށިގަނޑުގެ އިސްތަށިތައް ވާތު ކަންފަތުގެ ފަހަތަށްލައި ހައްޔަރުކޮށްލަމުން މަގުގެ ދެފަރާތް ބަލައިލިއެވެ. އޭރު މަގުމަތީގައި މީހުންތައް އެކި ދިމަދިމާއަށް ދުވެދުވެ ތިއްބެވެ.
”އޯހް. ތެންކްސް.“
ވެހެމުންދިޔަ ވާރޭއަށް ނަޒަރު ހުއްޓައިލައިގެން ހުރި ނާޒްލީން ސިއްސައިގެން ދިޔައީ ކުއްލިއަކަށް އޭނާގެ ގާތުގައި މީހަކު ހުއްޓުމުންނެވެ. ނާޒްލީންގެ މަޑު ނޫކުލައިގެ ކަޅި އެ މީހަކާ ދިމާއަށް އަވަސްއަވަހަށް ހިންގައިލިއެވެ. އެ މީހެއްގެ މޫނު ފެނުމުން އޭނާއަށް ބޭއިޚްތިޔާރުގައި ފިޔާތޮށި ކުލައިގެ ތުންފަތް ތެންމައިލެވުނީ ހިންދިރުވައިލުމުގެ ބަދަލުގައެވެ.
ވަރުގަދަ ދެ ބުމައެވެ. އަސަރުގަދަ އެސްފިޔަތަކުން ވަށައިލެވިފައިވާ ބޮޑު ދެ ލޮލެވެ. ހިމަ ދިގު ނޭފަތެކެވެ. މަޑު ޗޮކްލެޓް ކުލައިގެ ތުންފަތެކެވެ. ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ. ނާޒްލީންގެ ދޮންދޮން މޫނުހާ ދޮންކުލައިގެ ހަތަރެސްކަން މޫނެކެވެ. އެ ފިރިހެންވަންތަ ހަށިގަނޑުގެ ވެރިޔާ އޭނާގެ ނިތްކުރިއަށް ވެއްޓިފައި ހުރި އިސްތަށިތައް ބޮލުގެ ފަހަތަށް އަތުން ފުނާ އަޅައިލިއެވެ.
އެ ގޮތުގައި ނާޒްލީނަށް ހުރެވުނީ ކިހާއިރުކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައީ އެ ފިރިހެނާ ނާޒްލީންގެ ކުރި މައްޗަށް އެރުމުންނެވެ. އެޔާއެކު އޭނާގެ އިލި ތުބުޅި ނާޒްލީންގެ ނޭފަތު ކުރީގައި ޖެހުނެވެ. ވެހެމުންދިޔަ ވާރޭ ބޯކޮށްލި ނަމަވެސް ނާޒްލީންގެ ހިތަށް އަރައިފައިބަމުން ދިޔައީ އެހެން އިޙްސާސްތަކެކެވެ. ނާޒްލީން ފަހަތަށް ޖެހިލައި ފާރުގައި ލެގިލިއެވެ.
”ތެންކި ޔޫ. މިއީ ޔާނިޝް.“ އެހެން ނަމަވެސް އެ ދެ ކުދިންގެ ދެ މެދުގައި ހެދުނު ޖާގަ ޔާނިޝް ފުރައިލިއެވެ.
”ނާޒް…“ ނާޒްލީން ގަތެފައި ހުރި ލަދެއްގެ ސަބަބުން އޭނާއަށް އޭނާގެ ނަން ފުރިހަމައެއް ނުކުރެވުނެވެ.
”އައި އެމް ރިއަލީ ސޮރީ މައި ލަވް!“ ޔާނިޝް މައްޗަށް ބަލައިލީ ވެހެމުންދިޔަ ވާރޭ ތުނިކޮށްލާތޯއެވެ. ”މިހާރުވެސް ފަހަތް އެއްކޮށް ތެމިއްޖެ. މިތަންކޮޅު ނެތްނަމަ އަހަރެން އެއްކޮށް ތެމޭނެ.“
ޔާނިޝްގެ ޖުމުލަތަކުގައި އަތުރަމުންދާ ކޮންމެ ލަފުޒަކުން ނާޒްލީންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ނޭވައި ހިފަހައްޓާލައިގެން ހުރެވޭ ވަގުތުތައް ގިނަވަމުން ދިޔައެވެ. ޔާނިޝްގެ މޫނަށް ވަގުވަގަށް، ސިއްރުސިއްރުން ބަލައިލެވޭލެއް ވަގުވިއެވެ.
”އާރ. ގުޑް ޑޭ. ސަމްހަވް، އައި ލައިކް ދިސް ރެއިން.“ ޔާނިޝް ލައިގެން ހުރި ކަޅު ކުލައިގެ އަތްދިގު ޓީޝާރޓް ރަނގަޅުކޮށްލައި ކޮނޑުގައި އޮތް ދަބަސް ކޮނޑަށް ހެޔޮވަރުކޮށްލިއެވެ. ”ހެއި. އަމް… ނޭމް އިސް… ނާޒް. ވާރޭ ހުއްޓައިފި.“
ވާރޭ ތުނިކޮށް ވާރޭ ހުއްޓިކަން ނާޒްލީނަށް އެނގުނީ ޔާނިޝް އޭނާގެ ކޮލުގައި ހިފައިލުމުންނެވެ. އެޔާއެކު ނާޒްލީންގެ މޫނު ރަތްވެގެން ދިޔައެވެ. ޔާނިޝް ބޭނުން ކުރަމުންދިޔަ ލަފުޒުތަކެކޭ އެއްފަދައިން އޭނާގެ އަމަލުތައް ހުރި ގޮތުން ނާޒްލީންގެ ހިތް މަޑުމަޑުން ޔާނިޝަށް ލެނބެމުން ދިޔައީ ޚުދު ނާޒްލީންގެ ހިތަށް ވެސް ވަހުމް ނުވާނެހާވެސް ސިއްރުންނެވެ.
”ނުދަނީތަ؟ އަމީނީ ބިލްޑިނަކަށް ނޫންތަ ދަނީ؟ ލެޓް މީ ގެސް. ޓީޗިން ދޯ؟“ ނާޒްލީން ހުއްޓުން އަރާފައި ހުރުމުން ޔާނިޝް ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.
”ހުމް…“ ނާޒްލީނަށް ދެވުނީ ކުރު ޖަވާބެކެވެ.
ޔާނިޝް ކުރަމުން ދިޔަ ކޮންމެ ސުވާލަކުން ނާޒްލީންގެ ހިތުގައި ޖަވާބު ހޯދަން ބޭނުންވާ އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. އެހެނަސް އެއިން އެންމެ ސުވާލެއް ވެސް އިސްވެ ޔާނިޝްއާ ކުރިމަތި ކުރާކަށް ނާޒްލީނަކަށް ނުކެރުނެވެ.
”އަހަރެން ވެސް މިދަނީ ޔުނިވަރސިޓީއަށް.“ ނާޒްލީން ޔުނިވަރސިޓީއާ ދިމާއަށް ހިނގައިގަތުމުން ޔާނިޝް އޭނާއާ ވާހަކަ ދައްކަން ފެށީ ގާތްގޮތަކަށެވެ.
”ވެއިޓް. ލެޓް މީ ގެސް.“ ނާޒްލީން އެއްޗެކޭ ބުނުމަށް އަނގަ ހުޅުވާލުމާއެކު ޔާނިޝްގެ ޝަހާދު އިނގިލި ނާޒްލީންގެ ފިޔާތޮށި ކުލައިގެ ތުންފަތުގައި ޖައްސައިލިއެވެ. ”އަހަން ތި އުޅެނީ… ކޮން އެއްޗެއްހޭ ކިޔަވަނީ ދޯ؟“
ނާޒްލީންގެ ދެ ލޯ ހުރީ ތަންމިނަށް ހުޅުވިފައެވެ. އޭނާއަށް ޔާނިޝްގެ ހަރަކާތްތަކުން އެތަކެއް ހައިރާންކަމެއް ލިބެމުން ދާތީވެއެވެ. ޔާނިޝް އެއީ ނާޒްލީންގެ ރަޙްމަތްތެރި ކުއްޖަކަށްވުރެ ގާތްމީހެއްގެ އިޙްސާސް ކުރެވޭތީވެއެވެ. ސުވާލަކީ ދެންމެ ފެނުނު ޔާނިޝް އެހާ އަވަހަށް ނާޒްލީންގެ ގާތް މީހަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ ނާޒްލީންގެ މައުލޫމާތު ޔާނިޝަށް އެނގެނީ ކިހިނެއް ހެއްޔެވެ؟
”އަހަރެން ކިޔަވަނީ ބެޗިލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމެންޓް. ނާޒް ނުބުންޏަސް އަހަރެންނަށް އެނގޭ ތިއީ ފާޠިމަތު ނާޒްލީންކަން.“ ޔާނިޝް ކަނާތު ލޯ މަރައިލުމަށްފަހު ޔުނިވަރސިޓީގެ އައު އިމާރާތާ ދިމާއަށް ދުއްވައިގަތެވެ. ”ބައި މައި ލަވް.“
ނާޒްލީނަށް ހުއްޓުން އެރިއެވެ. އޭނާ ހުރި ފިޔަވަޅު މަތީގައި ހުރީ ޔާނިޝްއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ސުވާލުތަކެއް އޭނާއަށް ދީފައި ނުދާށޭ ބުނާ ފަދައިންނެވެ. ނާޒްލީންގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. ޔާނިޝް ގާތު އޭނާގެ ނަމަކީ ނާޒްއޭ ބުނެވުނެ ހަނދާންވެއެވެ. ފުރިހަމަ ނަން ބުނެވުނު ހަނދާނެއް ނެތެވެ. ނުވެސް ބުނެއެވެ. އެހެން ނަމަވެސް ޔާނިޝަށް ނާޒްލީންގެ ފުރިހަމަ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟
”މަންމާ!“ ނާޒްލީން ގެއަށް ވަދެފައި އާދައިގެ މަތިން އޭނާގެ މަންމައަށް ގޮވައިލިއެވެ.
ކުލާސްތައް ނިމިގެން ގެއަށް އާދެވުނު އިރު ނާޒްލީން ހުރީ ވަރަށް ވަރުބަލިވެފައެވެ. ދޮރުން ވަދެވުނު ގޮތަށް ސޯފާގެ މައްޗަށް ވެއްޓިގަތެވެ. ސޯފާއަށް ވެއްޓުމާއެކު އޭނާ ވަރުބަލިކުރުވި ކަންކަން ސިކުނޑީގައި އެނބުރެން ފެށިއެވެ. މުޅި ދުވަހު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެއް ސުވާލުތަކެކެވެ. އެއް ކަމެކެވެ. އެއް މީހެކެވެ. އެއް ނަމެކެވެ. ޔާނިޝްގެ ނަމެވެ. އޭނާގެ މިޒާޖެވެ. އޭނާޔާ ދިމާވި ދިމާވުމެވެ. އޭނާ ނާޒްލީނަށް ދިން ސުވާލުތަކުގެ ހަނދާންތަކެވެ.
”ދަރިފުޅޫ! ކުލާސްތައް ނިމުނީތަ؟“ ނާޒިރާ ހުރީ ބަދިގޭގެ ސިންކުގައި ހުރި ތަށިތައް ދޮންނާށެވެ. ”ހާދަ ވަރުބަލިވެފަ؟“
”އާނ! މަންމާ! ވަރަށް ވަރުބަލި ދުވަހެއް.“ ނާޒްލީން ސޯފާގައި އޮވެ މޯޅިއަކަށް ދެމިލިއެވެ. ”ކޮބައި ބައްޕަ؟“
”ޔާމީންއާ ބައްދަލުކޮށްލާށޭ ކިޔައިފަ ބޭރަށް ދިޔައީ…“
”ޔާނިޝްއޭ؟“ ނާޒްލިނަށް އޭނާގެ މަންމަ ބުނި އެއްޗެއް އިވުނީ ދިމާ އިދިކޮޅަށެވެ.
”ކޮން ޔާނިޝްއެއް؟“ ނާޒިރާގެ މޫނު މައްޗަށް ވެރިވީ ދިމާކުރުމުގެ ހިނިތުންވުމެކެވެ. ”ތި ޔާނިޝެއް ވެސް ގެއަށް ގެންނަންވީނު.“
”އެއީ މާސް ލެކްޗަރ ކުލާހުގެ ކުއްޖެކޭ!“ ނާޒްލީން ވާހަކައެއް ހަދައިލިއެވެ.
”ކޮންމެ ދުނިޔެއެއްގެ ކުއްޖަކަސް މައްސަލައެއް ނެތޭ.“
”މަންމާ!“ ނާޒްލީން ސޯފާއިން ތެދުވެގެން ގޮސް އޭނާގެ މަންމަގެ ކޮނޑުގައި ބޯ އަޅާލައި މަންމަގެ ގައިގާ ލޯބިން ބައްދައިލިއެވެ. ”ނިދަން ދަނީ އެނގޭ. މިރޭ ބަނޑުހައި ވެސް ނުވޭ.“
”ހިއްހިއް. ހުމް.“
ނާޒްލީން އޭނާގެ މަންމައަށް ހިނިތުންވެލާފައި ކޮޓަރިއަށް ވަދެ، ފޮތްތައް މޭޒްމަތީގައި ބަހެއްޓިއެވެ. ލައިގެން ހުރި ޖެކެޓް ބޭލުމުގެ ކުރިން އޭގެ ޖީބަށް އަތް މަހައިލިއެވެ. އެ ވަގުތު އޭގެ ތެރޭގައި އޮތް އެއްޗެއްގައި އޭނާގެ އަތް ޖެހުނެވެ. އަވަސް އަވަހަށް އެ ނަގައި އެއީ ކޮން އެއްޗެއްތޯ ބަލައިލިއެވެ.
”ވާވް!“ ނާޒްލީންގެ ހިތުން އެއް ވިންދު ދޫވި ކަހަލައެވެ. ”ޔާނިޝް.“
އެ ކަރުދާސް ކޮޅުގައި ލިޔެފައި އޮތް ނަން، ނާޒްލީން ކިޔައިލިއެވެ. އެއީ އޭނާގެ ހިތުގައި ރަސްކަން ކުރަމުންދާ ނަމެވެ. ޔާނިޝް ނަމުގެ ތިރީގައި އޭނާގެ ނަންބަރު ލިޔެފައި އޮތެވެ. އެއީ ނާޒްލީންގެ ހިތުގައި އުފެދެނު ސުވާލުތަކުގެ ޖަވާބުކަން އޭނާއަށް ކަށަވަރުވިއެވެ.
”ހަލޯ!“ ޔާނިޝަށް ގުޅުމާއެކު އޭނާގެ އަޑު އިވިގެން ދިޔައެވެ.
އެހެން ނަމަވެސް ނާޒްލީނަށް ވާހަކަ ދައްކާކަށެއް ނުކެރުނެވެ. އިސްވެ ޔާނިޝަށް ގުޅުނުކަން މޮޔަ ހިތަށް އެރިއެވެ. ސުވާލުތަކުގެ ޖަވާބު ހޯދުމަށް ބޭނުންވެފައި ހުރުމުން ނާޒްލީން ޔާނިޝަށް ގުޅީ ވިސްނައި ނުލައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޔާނިޝް ދެފަހަރަށް ހަލޯއޭ ބުނުމުން ވެސް ނާޒްލީންގެ އަޑެއް ނުނިކުތެވެ.
”އެނގޭ ތިއީ ނާޒްކަން.“ ޔާނިޝް ދެވަނަ ފަހަރަށް ހަލޯއޭ ބުނުމަށްފަހު، ނާޒްލީންގެ ހިތަށް ފޮނުވައިލީ ސިއްސުވައިލާފަދަ ތީރުގެ ޖުމުލައެކެވެ. ”އެނގޭ ގުޅާނެކަން ވެސް. ސުވާލުތަކެއް ހުންނާނެކަން ވެސް.“
ތެދެކެވެ. ޔާނިޝްގެ ކޮންމެ ޖުމުލައަކުން ނާޒްލީންގެ ހިތުގައި އެތައް ބައިވަރު ސުވާލުތަކެއް އުފެދިގެން ދެއެވެ. ސުވާލުތަކުގެ ޖަވާބަކަށް އެދި ގުޅުމުން ވެސް ޖަވާބުގެ ބަދަލުގައި ލިބުނީ ސުވާލުގެ ޖާޑިއެކެވެ. އެންމެ ސުވާލަކަށް ވެސް ޖަވާބެއް ލިބޭނެ ގޮތެއް ނުވިއެވެ. ސުވާލުތަކުން ނާޒްލީންގެ ބޮލަށް ބަރުވަން ފެށިއެވެ.
”އައި ލަވް ޔޫ!“ ނާޒްލީންގެ ބޮލަށް އަރައިގެން ދިޔަ ބާރުންނާއި ވެފައިވާ ވަރުބަލީގެ ސަބަބުން، އޭނާގެ އަނގައިން ބޭރުވީ އޭނާގެ ހިތުގައި އޮތް ޖުމުލައެވެ.
”އެނގޭ ތިކަން ވެސް.“ ޔާނިޝަށް އެ ޖުމުލައިން ސިހުމެއް ނުލިބެއެވެ.
ނާޒްލީނަށް ބުނެވުނީ ބުނަން ބޭނުންވި ވާހަކަ ނޫންކަން ރޭކާލީ ފަހުންނެވެ. ނާޒްލީނަށް ލިބުނު ސިހުމާއެކު އަވަސް އަވަހަށް ފޯނު ކަނޑައިލިއެވެ. ފޯނު މޭގައި ޖައްސައިލުމަށްފަހު ބުނެވުނެ އެއްޗާމެދު އޭނާ ފުންކޮށް ވިސްނައިލިއެވެ. އަނގައިން ބޭރުވީ ތެދެކެވެ. ހަޤީޤަތުގައި ވެސް އެ ގޮތް ނޭނގޭ ފިރިހެންވަންތަ ޔާނިޝަށް ނާޒްލީންގެ ހިތުގައި ޖާގައެއް ވެއެވެ.
”އޭ ލަވް. ކޮންކަމަކާ ތި ވިސްނަނީ؟“
”އެ؟ ކަމަކާ ނޫން.“ ނާޒްލީންގެ ގާތުގައި އިން ތޯމިނާ ކޮށްޓައިލުމުން އޭނާ ދިޔައީ ސިއްސިއިގެންނެވެ. ”ރޭ ނުނިދަ އުޅުނީމަ ލިޓިލް ޓަރޔަޑް.“
”އޯ! ނާޒް ކޮންކަމަކާ ވިސްނީ؟“ ނާޒްލީން ނުނިދައި ކުރިކަމެއް ތޯމިނާއަށް އެނގުނު ކަހަލައެވެ.
”ކަމަކާ ނޫން…“
”ދެންމެ ވެސް އިނީ ވިސްނަން. ރޭ ވެސް އޮތީ ވިސްނަން. އައި އެމް ޕްރެޓީ ޝުއަރ. މައި ޑިއަރ.“ ތޯމިނާ ގޮތެއް ދުލެއް ނުކުރިއެވެ.
”ތޯމިނާ! ވާހަކަ ދައްކަން ބޭނުންވާ ކުދިން ބޭރަށް ދުރުވޭ!“ މުދައްރިސް ހުރީ ތޯމިނާއަށް ބަލާށެވެ.
”ވަރަށް ފޫހިވޭ! ކިހިނެއްތަ އެހާ އިރުވަންދެއް ވާހަކަ ނުދައްކާ ތިބޭނީ؟“ ޔުނިވަރސިޓީއަށް ވަންނަ ދޮރުގެ ކައިރީގައި ހުރި މޭޒުގައި ތޯމިނާއާއި ނާޒްލީން އިށީނެވެ.
”ފޫހިނުވެ އަޑު އެހީމަ. މި ކޯސް ނިންމާލެވޭނީ. އެހެން ނޫނީ ވާނީ ހަމަ ފެއިލް.“ ނާޒްލީންގެ އަތުގައި ހުރި ފޮތްތައް މޭޒުމަތީގައި އަތުރާލިއެވެ.
”ހެއި މައި ލަވް!“ ޔުނިވަރސިޓީއަށް ވަދެގެން އައި ޔާނިޝް ނާޒްލީންއާ ދިމާއަށް ވާތު ލޯ މަރައިލިއެވެ.
ނާޒްލީންގެ ދެ ލޯ ބޮޑުވިއެވެ. އޭނާގެ ފިޔާތޮށި ކުލައިގެ ތުންފަތުގައި ދަތްލެވުނެވެ. އެޔާއެކު އޭނާގެ ދޮންދޮން މޫނު ރަތްވެގެން ދިޔައެވެ. ހީވީ ސާފު ފެން ތަށްޓަކަށް ލޭ ތިއްކެއް ވެއްޓުނު ހެންނެވެ. ނާޒްލީނަށް ބޭއިޚްތިޔާރުގައި ހިންދިރުވައިލެވުނެވެ.
”ވާވް. ހާދަ ހޮޓޭ!“ ތޯމިނާ ވަގުތުން ނާޒްލީންއާ ދިމާކޮށްލިއެވެ. ”ކާކު އެއީ؟“
”އެއީ… އެއީ…“ ނާޒްލީނަށް އިނދެވުނީ ޔާނިޝް ވަދެގެން ދިޔަ މަންޒަރު ބަލާށެވެ.
”އެއީ. އެއީ ކާކުހޭ؟“ ތޯމިނާ ނާޒްލީންގެ މޫނުމަތީގައި އަތް ހޫރުވައިލިއެވެ. ”ނާޒް. މިއީ ކޮން ކަމެއް؟ ނާޒް ހާދަ ވަގުވެއްޖޭ ދޯ؟“
”ޔާނިޝް.“ ނާޒްލީނަށް އިތުރު އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.
”އޭނާ ހާދަ ލޯތްބޭ!“ ނާޒްލީންއާ ދިމާކޮށްލަމުން ތޯމިނާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. ”ހަލޯ!“
”އާނ! އޯކޭ. މައްސަލައެއް ނޯންނާނެ.“ ތޯމިނާ ކޮޅަށް ތެދުވިއެވެ. ”އެ ގުޅީ ގެއިން. ނާޒް ހިނގާ ގެއަށް ދާން.“
ނާޒްލީންގެ ފޯނު ކުއްލިއަކަށް ވައިބުރޭޓްވިއެވެ. ނާޒްލީން އަވަސް އަވަހަށް ފޯނު ނަގައި ބަލައިލީ ގެއަށް ދާން ތެދުވަމުންނެވެ. ދެންވެސް އޭނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.
”އިފް ޔޫ ވޯންޓް ދަ އާންސާރސް، ކަމް ޓު ރަސްފަންނު އެޓް އެއިޓް. ލަވް ޔޫ.“ އެ މެސެޖަށް ނާޒްލީނަށް ބަލަން ހުރެވުނީ ގަނޑުވެފައެވެ.
ކާރު އޭގެ ބާރު ދުވެލީގައި އައިސް ރަސްފަންނަށް މަޑުކުރިއެވެ. ކާރުގެ ދޮރު ހުޅުވައިލާ ނާޒްލީން ބޭރަށް ނުކުތީ ދުއްވަން އިން ޑުރައިވަރަށް ކާރު ކުލި ހަވާލުކޮށްފައެވެ. ރަސްފަންނުގެ މޫދާ ދިމާއިން ޖެހެމުންދިޔަ ވައިން ނާޒްލީންގެ ދޮންދޮން މޫނުގައި ބޮސްދޭން ފެށިއެވެ. ތިރިއަށް ފުނާ އަޅައި ދޫކޮށްލެވިފައިވާ އޭނާގެ ފަންފަން އިސްތަށިގަނޑު ވަޔަށް ވިހުރިލަ ވިހުރިލައި ހުއްޓެވެ.
ދުވަހަކީ އަންގާރަ ދުވަސް ކަމުން ރަސްފަންނުގައި މީހުން ވަރަށް މަދެވެ. ބައެއް މީހުން އެ މީހެއްގެ މަންޒިލަށް ދިއުމަށްޓަކައި އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަނެއް ބައި މީހުން ރަހްމަތްތެރިންނާއި އާއިލާޔާއެކު ވަގުތުތައް ހޭދަކުރަމުން ދިޔައެވެ. އެކި ތަންތަނުގައި ތުން ގުޅުވައިލައިގެން ވާހަކަ ދައްކަން ތިބީ ރަށްޓެހިވެގެން އުޅޭ ޖޯޑް ޖޯޑެވެ. ނާޒްލީން ކުރިއަށް ހިނގަން ފެށީ ހޯދައި ބަލަމުންނެވެ.
ޔާނިޝް ހުރީ ރަސްފަންނުގައި ހުރި މަސްބާނަން ތައްޔާރުކޮށްފައިވާ ފިޝިން ސްޕޮޓްގައެވެ. ނާޒްލީނަށް ފުރަގަސް ދީގެންނެވެ. އެތަނުގައި އެ ދެ ކުދިން ފިޔަވައި އެހެން އެއްވެސް މީހަކު ނެތެވެ. ނާޒްލީން މަޑުމަޑުން ޔާނިޝްއާ ގާތަށް ހިނގައިގަތެވެ. ޔާނިޝަށް މީހަކު އައިކަން އެނގުމުން ފަސް އެނބުރުނެވެ. އެޔާއެކު ނާޒްލީންގެ ހިނގުން ހުއްޓުނެވެ.
”ޔާނިޝް.“ ނާޒްލީންގެ ފިޔާތޮށި ކުލަ އަރައި ދެ ތުންފަތުގެ މެދުން ނުކުތީ ޔާނިޝްގެ ނަމެވެ.
”ޔޭސް މައި ޑިއަރ ލަވް.“
”ކީއްވެ..؟“ ނާޒްލީން ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ.
”ކީއްވެ އަހަރެން ލޯބިވޭ ބުނީމަ އެއްޗެކޭ ނުބުނީ؟ ކީއްވެތަ އަހަރެންނަށް ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް ތި ދެނީ؟ ކިހިނެއްތަ އަހަރެންނަކީ ކާކުކަން ޔާނިޝަށް އެނގެނީ؟“ ގަދަކަމުން ކަހަލައިން ހިތްވަރުކޮށްފައި ނާޒްލީން އޭނާގެ ހިތުގެ ޝުއޫރުތައް ބަންޑުން ކޮށްލިއެވެ. ”އަހަރެންނަށް… ނޭނގި ނަމަވެސް. އަހަރެންނަށް ޔާނިޝްދެކެ ލޯބިވެވިއްޖެ.“
ޔާނިޝް އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ. އެއްވެސް އެއްޗެކޭ ވެސް ނުބުނެއެވެ. އޭނާ މަޑުމަޑުން ނާޒްލީންއާ ގާތަށް އައެވެ. ނާޒްލީންގެ އަތް ނަގައި އޭނާގެ މޭގައި ޖައްސައިލިއެވެ. އޭރު ނާޒްލީން ހުރީ ފިނިވެފައެވެ. ޔާނިޝް ތޫނު ނަޒަރަކުން ނާޒްލީންގެ ނޫ ކުލައިގެ ކަޅިއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ނާޒްލީނަށް އިސްތިރިކޮށްލެވުނީ ލަދުންނެވެ.
”ނާޒް. މައި ލަވް. އައި ލަވް ޔޫ ޓޫ.“ ޔާނިޝް ކަނާތުން ނާޒްލީންގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުއްލައިލިއެވެ. ”އަހަރެން މަޑުކުރީ ނާޒް ތިގޮތަށް އަހަރެންގެ ގާތުގައި ތިހެން ބުނާނެ ދުވަހަކަށް.“
”އަހަރެންނަށް ނާޒް ފެނުނީ އޮޑިޓޯރިއަމް ތެރެއިން. މެތްސް ކިޔަވަން އަންނަ މާސް ލެކްޗަރ ކުލާހުން. ދެން އަހަރެން ހޯދީ ތޯމިނާގެ އެހީ.“ ޔާނިޝް މަޑުމައިތިރިކަމާއެކު އޭނާގެ ރޭވުންތައް ނާޒްލީނަށް ކިޔައި ދޭން ފެށިއެވެ. ”ދެން އަހަރެން ނާޒްގެ މަންމަގެ ގާތުން ހުއްދަ ހޯދީ. މިއަދު ތޯމިނާ އެއްވެސް ވާހަކައެއް ނޭހީ އަހަރެން ގުޅާފަ ނާހާށޭ ބުނީމަ.“
”އެކަމަކު…“ ނާޒްލީން ހުރީ ހައިރާންވެފައެވެ.
”އެކަމަކު އަހަރެންނަށް ނޭނގޭ އެއްވެސް ކަމެއް ވީކަމެއް ދޯ؟“ ނާޒްލީން ބުނަން އުޅުނު ޖުމުލަ ޔާނިޝް ފުރިހަމަކޮށްލިއެވެ. ”ހުމް. ނޭނގޭނެ. އަހަރެން ބޭނުންވީ އަހަރެން ނާޒްލީންދެކެ ލޯބިވީ ގޮތަށް ނާޒްލީން ވެސް އަހަރެންދެކެ ލޯބިވާކަން ޔަޤީންކުރަން.“
ޔާނިޝް ފޯނު ނަގައި ނާޒްލީންގެ އަތަށް ދިނެވެ. ޔާނިޝްގެ ފޯނުގައި ހުރީ ނާޒްލީން އޮޑިޓޯރިއަމް ތެރޭގައި ކިޔަވަން އިންދައި ނަގާފައިވާ ފޮޓޯތަކެކެވެ. އެއީ އެކި ދުވަސް މަތިންނެވެ.
”މިހާރު މި ސަބްޖެކްޓް ކިޔަވާތާ ވަން އިޔާރ ވަނީ.“ ނާޒްލީން ފޮޓޯއަކަށްފަހު ފޮޓޯއެއް ބަލަން ފެށިއެވެ.
”ހުމް. އަހަރެން ނާޒަށް ނޭނގި، ނާޒްދެކެ ލޯބިވާތާ އެއް އަހަރު ވާން ދެން ހުރީ ތޭރަ ދުވަސް.“ ޔާނިޝްގެ ޖުމުލައިން ނާޒްގެ ފިޔާތޮށި ކުލައިގެ ތުންފަތަށް ވެރިވީ ފުން ހިނިތުންވުމެކެވެ. ”އަހަރެންނަށް ނާޒް ވަރަށް ނާޒުކު.“
ނާޒްލީނަށް ބޭއިޚްތިޔާރުގައި ޔާނިޝްގެ އަތުގައި ބާރަށް ހިފައިލެވުނެވެ. ދިރިއުޅުމުގައި ކުރިއަށް ހުރި މަގުތައް ކޮށައި އަމާން އޮމާން ކަންމަތީގައި ދިރިއުޅުން އާރާސްތުކުރުމުގެ ބޭނުމުގައެވެ.
9 Responses
ވަރަށް ނައިސް ސްޓޯރީއެއް…
ހާމީންގެ ވާހަކައަކަށް އިންތިޒާރު ކުރަން…
ވަރަށް ރީތި ސިފަކޮށްދީފަ ހުރިލެއް☺
ތޯމިނާ????
ތޭންކްސް 4 ދަ ސްޓޯރީ ????
ހެހެ.. ވަރަށް ފައްކާ އައްސަދު….
Varah reethi vaahaka eh.
މިއީ އާ ކުއްޖެއްތަ؟
ވަރަށް ރީތި ހާމީންގެ ވާހަކަ.
Varah rythi vaahakaeh, waitn for ur stories
ވަރަށް ފުރިހަމަ ވާހަކައެއް އިތުރު ވާހަކަތަކަށް އިންތިޒާރުކުރަން
ވަރަށް ރީތީ…
އެހެން ވާހަކަތައް ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރަން..
Vara reethi vaahakaey