ދިވެހި ރައްޔިތުންގެ ޕާޓީ އެމްޑީޕީ އިން ބޭއްވި މާހެފުން ހުއްޓުވީ އެއީ ހުއްދަ ނުހޯދާ ކުރިއަށްގެންދިޔަ ހަރަކާތަކަށް ވާތީ ކަމަށް ފުލުހުން ބުނެފައިވާއިރު މާހެފުން ބޭއްވީ ހުއްދަ ހޯދައިގެން ކަމަށާއި ފުލުހުން ހަދަނީ ދޮގު ކަމަށް އެމްޑީޕީއިން ބުނެފި އެވެ.
އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ފަރާތުން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެރޭ ބޭއްވި މާހެފުން އެއްވެސް ހަމައެއް ލަމައެއް ނެތި ފުލުހުން ރޫޅާލައި، އެތަނަށް ގެންދިޔަ ކާބޯތަކެތި ބިންމައްޗަށް އުކާލައި، މޭޒުފަދަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއަށްފަހު އެކަން އެގޮތަށް ކުރީ ހުއްދަ ނުހޯދައި މާހެފުން ބޭއްވުމުން ކަމަށް ފުލުހުން ބުނުމަކީ ކަނޑައެޅިގެން ހަގީގަތީ ޚިލާފް ވާހަކައެއް ކަމަށެވެ.
”އެމް.ޑީ.ޕީގެ ފަރާތުން ހުކުރު ދުވަހުގެރޭ މާހެފުން ބޭއްވުމަށް ރޭގަނޑު 8:00 ން 11:30 އަށް ސޯސަންމަގުގައި ހުންނަ އެމް.ޑީ.ޕީ އޮފީސް ކުރިމަތި މަގު ބަންދުކޮށްގެން ބޭނުންކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރަށް ސިޓީއަކުން ވަނީ އެދިފައި، މެއި 29 ވަނަ ދުވަހު ހައުސިން މިނިސްޓްރީއަށް ފޮނުވި މި ސިޓީ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށާއި، އިލެކްޝަންސް ކޮމިޝަނަށާއި، ހިޔުމަން ރައިޓްސް ކޮމިޝަނަށްވެސް ވަނީ ކޮޕީކޮށް މި މައުލޫމާތު އެފަރާތްތަކާވެސް ވަނީ ހިއްސާކޮށްފައި“ އެމްޑީޕީ އިން ބުނެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެތައް ބައެއްގެ އެހީތެރިކަމާއި ބުރަ މަސައްކަތާއެކު ކާބޯތަކެތި ތައްޔާރުކޮށް ރަމްޟާން މަހުގެ މާތްވެގެންވާ އަޅުކަމަށް ކުރިމަތިލުމުގެ އުފަލުގައި މި ޕާޓީގެ މެމްބަރުން އިންތިޒާމް ކުރި މާހެފުން ރޫޅާލީ އަނިޔާވެރިކަމާ، ޚުދުމުހުތާރުކަމާ، އެއްވެސް އިހްތިރާމެއް ނެތި ކަމަށެވެ. އަދި މިކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމް.ޑީ.ޕީގެ މާހެފުން ރޫޅާލުމަށް 50 އަށްވުރެ ގިނަ ފުލުހުން ސޯސަން މަގުގައި ހަރަކާތްތެރިވަމުން ދިޔައިރު ދިވެހިރާއްޖޭގައި ދުވަހަކުވެސް ހިނގާފައިނުވާފަދަ ގޮތަކަށް އެއްރެއެއްގައި ހިތާމަވެރި މާރާމާރީތަކެއް ހިނގައި ކުޑަ 2 ކުދިން ރަޙުމެއް ނެތް ގޮތުގައި މަރާލި ހިނދުވެސް އެކަންކަން ހުއްޓުވުމަށް ފުލުހުންގެ މުވައްސަސާގެ ވަޞީލަތްތައް ބޭނުންނުކޮށް މާހެފުން ރޫޅާލުމަށް އިސްކަންދީ މުޅި މުވައްސަސާގެ ވަސީލަތްތައް މާހެފުން ރޫޅާލުމަށް ބޭނުންކުރުމުން ސިފަވަނީ ފުލުހުންގެ މުވައްސަސާއަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ތަނެއްގެ ބަދަލުގައި ޚުދުމުހުތާރުވެރިކަން ދެމެހެއްޓުމަށް ޙާއްސަ ކުރެވިފައިވާ ތަނެއްގެ ގޮތުގައި ކަމަށެވެ.
One Response
ތިޔަބުނާ ހުއްދައިގެ ކޮޕީއެއް ދައްކަބަލާށެވެ. އެހެންނޫނީ ޤަބޫލުކުރެވޭނީ ފުލުހުން ބުނާ ވާހަކައެވެ. ތިޔައީ ބަލައިގަނެވޭނެ ވާހަކައެއް ނޫނެވެ. ކަންކަމުގައި ދޮގާއި، މަކަރާއި، އޮޅުވާލުން އިންތިހާއަށް ގިނަވީމާ ތިޔަ ޖަމާޢަތުގެ ބަސް ޤަބޫލުކުރުން ދަތިކަމަކަށް ވެއެވެ. ޒިންމާދާރު ވުމަށް އެދި ގޮވާލަމެވެ.