ކާމިޔާބުކަމާއެކު ޓްރަޔަލް ނިންމާލުމަށްފަހު އުރީދޫ މޮބައިލް މަނީގެ ޚިދުމަތް ރާއްޖޭގައި ދޭންފަށައިފި

ކާމިޔާބުކަމާއެކު ޓްރަޔަލް ނިންމާލުމަށްފަހު އުރީދޫއިން މިއަދު މޮބައިލްމަނީގެ ޚިދުމަތް އިފްތިތާޙުކޮށްފިއެވެ.

އިއްޔެ ތަޢާރަފް ކުރެވުނު މޮބައިލްމަނީގެ ޚިދުމަތާއިއެކީ ރައްކާތެރި އަދި ފަސޭހަކަމާއިއެކު މޮބައިލްފޯނު މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހުޅުވިގެންދާނެ ކަމުގައި އުރީދޫ އިން ހާމަކުރެ އެވެ.

ޚިދުމަތުގެ ރައްކާތެރިކަން ޔަޤީންކުރުމުގެ ގޮތުން ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ކަސްޓަމަރުންނަށް ހުޅުވާލެވިގެން ކުރިޔަށްދިޔަ އުރީދޫ މޮބައިލްމަނީ ޕައިލޮޓް ސްޓޭޖް ފަށާފައިވަނީ މާރޗް 2016ގައެވެ. ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔަ މި ޕައިލޮޓް ސްޓޭޖް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ ރެގިޔުލޭޝަންގެ ތެރެއިންނެވެ. އުރީދޫއަށް މޯބައިލްމަނީގެ ކޮމާޝަލް ލައިސަންސް އެމްއެމްއޭއިން ޙަވާލުކޮށްފައިވަނީ އިއްޔެ މެންދުރުފަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މޮބައިލްމަނީގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކުރެވިގެންދިއުމާއެކު ރާއްޖޭގެ ކަންކޮޅުތަކުގައި ކޮންމެ ނެޓްވާކެއް ބޭނުންކުރައްވާ ކަސްޓަމަރަކަށްވެސް މިޚިދުމަތް ލިބިގެންދާނެ ކަމުގައި އުރީދޫ އިން ހާމަކުރެ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދިވެހިރާއްޖެއަށް މޯބައިލްމަނީ ތަޢާރަފްކޮށް، މުޖުތަމަޢުގެ އެކި ކަންކޮޅުތަކަށް މި ޚިދުމަތް ފުޅާވެގެން ދިއުމަކީ އުރީދޫ އަށް ލިބިގެންދާ ވަރަށްބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ޑިޖިޓަލް މޯލްޑިވްސް އަކަށް ވާޞިލްވުމަށް އުރީދޫއިން ކުރަމުންދާ ދަތުރުގައި އެޅުނު މުޙިއްމު ފިޔަވަޅެއް ކަމަށާއި އުރީދޫ މޮބައިލް މަނީ ޚިދުމަތަކީ ފަސޭހަކަމާއިއެކު ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ މަގެއް ކަމަށް އަދި މިއީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ހުޅުވާލެވޭ މުޅިން އާ ދޮރެއް ކަމަށް އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

މޮބައިލް މަނީގެ ޚިދުމަތަކީ އެންމެ އާދައިގެ މޯބައިލް ފޯނެއް ބޭނުންކުރައްވައިގެން، ކޮންމެ ތަނަކު، ކޮންމެ ވަގުތަކުވެސް ފައިސާ ޖަމާކުރުމާއި ފައިސާނެގުން، ބިލް ދެއްކެވުމާއި ޕްރީޕެއިޑް ރިޗާރޖް ކުރުންފަދަ ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއިއެކީ ކުރެއްވޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ލިބިގެންދާނީ ކަސްޓަމަރުގެ އައިޑީކާޑު އަދި މޯބައިލް ނަމްބަރ އާ ގުޅިފައިވާ އުރީދޫ މޮބައިލް މަނީ ޚިދުމަތަށް ޚާއްޞަ އެމްވޮލެޓް މެދުވެރިކޮށެވެ. އެޕަލް އެޕްސްޓޯރ އަދި ގޫގްލް ޕްލޭ ގައިވާ މޮބައިލް މަނީ މޯލްޑިވެސް އެޕް މެދުވެރިކޮށް ފަސޭހަކަމާއިއެކު އުރީދޫ މޯބައިލްމަނީ ގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. އަދި ޔޫއެސްއެސްޑީ މެދުވެރިކޮށް #789* އަށް ގުޅުއްވައިގެންވެސް މި ޚިދުމަތް ބޭނުންފުޅު ކުރެއްވޭނެއެވެ.

އުރީދޫ އިން ހާމަކުރާގޮތުގައި އުރީދޫ މޮބައިލް މަނީ އަކީ ހުރިހާ ގޮތަކުންވެސް ވަރަށް ފަސޭހަ ޚިދުމަތަކަށް ވުމާއެކު، ކޮންމެ ކަސްޓަމަރަކަށްވެސް ޔޫއެސްއެސްޑީ، ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް ރަޖިސްޓަރ ކުރެވޭނެއެވެ. ކަސްޓަމަރުން ބޭނުންފުޅުވާނަމަ އެންމެ ކައިރީގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް، ނުވަތަ އުރީދޫ މޮބައިލް މަނީ އޭޖެންޓަކަށް ޒިޔާރަތް ކުރެއްވުމުން ވަގުތުން ރަޖިސްޓަރީ ކޮށްލެވޭނެއެވެ. ހަމަ އެހެންމެ، އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ނުވަތަ އުރީދޫގެ މޮބައިލް މަނީ އޭޖެންޓް ފިހާރަތައް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނެގޭނެއެވެ. މި ޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އުރީދޫގެ މޮބައިލް މަނީ ކަސްޓަމަރުންގެ މެދުގައި ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން ޕްރީޕެއިޑް ރިޗާރޖްކޮށް ބިލްތައް ދެއްކޭނެއެވެ.

ރައްކާތެރިކަމާ ފަސޭހަކަމާއިއެކު މި ޚިދުމަތް ލިބޭނޭމަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އުރީދޫއިން ދަނީ އެމްއެމްއޭ، މޯލްޑީވްސް އިސްލާމިކް ބޭންކް، ސްޓެލްކޯ، އެސްޓީއޯ، އެވްރިތިންގ ރެޑް، އައިބޭ، ފެމިލީރޫމް ކެފޭ، އަދި ވެސްޓޯރ އާއި ގުޅިގެން މި ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން ކަމުގައި އުރީދޫ އިން ހާމަކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *