އުދޭ ޗޮޕްރާއާއި ނަރުގިސް ފަހުރީ އާ ދެމެދު އޮތް ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ވާހަކަ މީޑިޔާއިން ގިނަ ބަޔަކަށް ވާނީ އެނގިފައެވެ. އެކަމާ ގުޅޭގޮތުން މާބޮޑު ތަފްސީލުތަކެއް މީޑިޔާއަށްވެސް ސާފުވާގޮތް ވަނީ ނުވެފައެވެ. ނަރުގިސް އާއި އުދޭ އާ ދެމެދު އޮތް ލޯބީގެ ގުޅުން ނިމުމަކަށް އުދޭ ގެނައީ ވަޓްސް އެޕް މެދުވެރިކޮށް ކުރި މެސެޖަކުންކަމަށާއި އޭގެ ފަހުން ކުއްލިގޮތަކަށް ނަރުގިސް ނިއުޔޯކަށް ދިޔަ ދިޔުން ގިނަ ބަޔެއްގެ ސަމާލުކަމަށްވަނީ އައިސްފައެވެ. އެވާހަކަތައް ފެންމަތިވި ދުވަސްވަރު އުދޭ ބުނެފައިވަނީ ނަރުގިސް އާއި އުދޭ އާއި އޮންނަނީ ވަރަށް ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއްކަމަށާއި މީޑިޔާގައި އުޅޭ އެއްވެސް ވާހަކަޔަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އެހެންކަމަށްވެސް ވެދާނެއެވެ. މިކަންތައްތަކާ ގުޅިގެން ނަރުގިސްގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ.
އެހެންނަމަވެސް ދާދިފަހުން ނަރުގިސް މިވަނީ މިކަންތައްތަކާ ގުޅޭ ގޮތަކަށް ޓްވީޓެއްކޮށްފައެވެ. ނަރުގިސް ކުރި ޓްވީޓްގައިވަނީ ނަފުސާނީ ގޮތުން މީހާއަށް ދިމާވާކަންކަމުގެ އަސަރު ޖިސްމާނީ ގޮތުން އެމީހަކަށް ކުރާނެއެވެ. އެމީހަކަށް ސަޕޯޓްދޭނެ ބަޔަކު ކޮންމެ މީހެއްކައިރީވެސް ތިބިތޯ ޔަޤީންކުރާށެވެ. އެކަނިވެރިކަން އެމީހެއްގެ ދިރިއުޅުން ހަލާކުކޮށްލާނެއެވެ. އަނެއްކާ ނަރުގިސްގެ ދިރިއުޅުމުގައި މިހާރު ވަނީ އެކަނި ވެރިކަންބާވާ؟
ކޮންމެއަކަސް ނަރުގިސްގެ މި ޓްވީޓާއެކު ގިނަ ބައެއްގެ ސަމާލުކަން މިވަނީ މިކަމަށް ހުއްޓިފައެވެ. ނުސީދާ ގޮތެއްގައި ނަރުގިސް އެބުނަނީ އުދޭގެ ވަކިވުމާއެކު އޭނާގެ ދިރިއުޅުމުގައި ވާ އެކަނިވެރިކަންކަމަށްވެސް ވެދާނެއެވެ. މިއެކްޓްރެސްގެ ދިރިއުޅުމުގައި މިހާރު ހިނގަމުންދާ ކަންތައްތަކެއް އަދި ނޭންގެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އުދޭ ނަރުގިސް އާއި ވަކިވެފައިމިވަނީ މިދެމީހުން މިއަހަރުތެރޭ ކައިވެނި ކުރާނެކަން ޢިއުލާންކުރަން ކުޑަތަންވެފައިވަނިކޮށެވެ.