އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުގެ އުޅަނދުތައް ޗެކް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި އިއްޔެ ހަވީރު، މި އޮޕަރޭޝަން ފެށުމުގެ ގޮތުން މާލޭ ސިޓީ އުތުރުފަރާތު ހާބަރު ސަރަޙައްދުގައި ކުރިއަށްދިޔަ ޕްރޮގްރާމް އަމަލީ ގޮތުން ފައްޓަވައިދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް އެވެ.
ކޯސްޓްގާޑުން ކުރިއަށްގެންދާ އުޅަނދު ޗެކްކުރުމުގެ މި ޕްރޮގްރާމްގައި މުދާ އުފުލާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަވޭތޯ ބެލުމާއި، ފުރާދުއްވާ އުޅަނދުފަހަރު ސަލާމަތީ މިންގަޑަށްވުރެ އިތުރަށް މުދާ އުފުލާތޯ ބެލުމާއި، އޮޑިދޯނިފަހަރުގައި ބޭނުންކުރާ މުވާޞަލާތީ އާލާތްތައް މަސައްކަތްކުރޭތޯ ބެލުމާއި، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރަންޖެހޭ ގޮތްތައް އޮޅުންފިލުވައިދިނުމާއި އަދި ޖީޕީއެސްފަދަ އާލާތްތަކަށް މައްސަލައެއް ދިމާވެފައިވޭތޯ ބެލުން ފަދަ ކަންކަން ހިމެނޭ ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ. އަދި މިފަދަ އާލާތްތަކުގައި މައްސަލަ އުޅޭކަން ފާހަގަކުރެވިއްޖެނަމަ، އެފަދަ ކަންކަން ހައްލުކުރުމުގައި ކޯސްޓްގާޑުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.