ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން އިސްކަންދަރު ކޮށީގައި ޢިމާރާތްކުރި ރެސްޓޯރަންޓް ހުޅުވައި ކެންޓީނުގެ ޚިދުމަތް ރަސްމީގޮތުން ދޭން ފަށައިފިއެވެ.
އިސްކަންދަރު ކޮށީގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ޕޮލްކޯގެ ރެސްޓޯރަންޓް ”ޕޮލާޓޭ“ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު އެވެ. މި ރެސްޓޯރަންޓް ހުޅުއްވައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޖިހާދު ވިދާޅުވީ މިއީ ވަރަށް މުހިއްމު މަޤްޞަދެއްގައި ކުރެވިގެންދިޔަ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ދައުލަތުން ފުލުހުންގެ ވެލްފެއަރ ކަންކަމަށް ކުރެވޭ ޚަރަދު މަދުކުރެވި އެފައިސާ ރައްޔިތުންގެ އެހެނިހެން ކަންކަމަށް ޚަރަދު ކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެ ކަމަށެވެ.
މިނިސްޓަރ ޖިހާދު ވިދާޅުވީ ފުލުހުން ފަދައިން ހަފްތާގެ ހަތްދުވަހު ސައުވީސް ގަޑިއިރު ރަސްމީ މަސައްކަތުގައި ހޭދަކުރާ ބަޔަކަށް އަދި އެބައެއްގެ ޢާއިލާއަށްވެސް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރަކުން ވެލްފެއަރގެ ކަންކަން ހަމަޖައްސައި ދެމުންގެންދާ ކަމަށެވެ. ވަކިން ޚާއްޞަކޮށް ފުލުހުންނަކީ އިތުރު އެހެން ވަޒީފާއެއްގައި އުޅުމުގެ ފުރުޞަތު ނެތްބަޔަކަށްވީހިނދު ފުލުހުންނަށް ބޭނުންވާ ވެލްފެއަރގެ ކަންކަން ހަމަޖައްސައި ދިނުމަށް އިސްކަމެއް ދެއްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޖިހާދު ވިދާޅުވީ އިސްކަންދަރު ކޮށީގައި މި ހުޅުވުނު ރެސްޓޯރަންޓް ވެގެންދާނީ ރައްކާތެރިކަމާއި ހިތްފަސޭހަކަމާއެކު، ކެއުމަށް އިންސާފު ކުރުމަށާއި އެކުވެރި މާޙައުލެއްގައި ކޮފީއާއި ސައި ބުއިންފަދަ ކަންކަމަށް ހުޅުވުނު ދޮރެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބޭ މީހުން ކެއުން ބުއިމުގެ ކަންކަން ރައްކާތެރި ވެއްޓެއްގައި ހަމަޖެއްސުމަށް މިއީ ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މިނިސްޓަރ ޖިހާދު ވަނީ މިފަދަ ކަމަކަށް އިސްނަގައިގެން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އާއި ފުލުހުންގެ މުއައްސަސާއިން ކުރި މަސައްކަތަށް ތަޢުރީފް ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ ފުލުހުންނަކީ އެއްގަމާއި ކަނޑުގައި، ގަދަ އަތްވާއި ވަޔާ ވިއްސާރައިގައިވެސް ހުއްޓިނެތި ޚިދުމަތުގައި ދެމިތިބޭ ބަޔަކަށްވީހިނދު ލިބޭ މަދު ވަގުތުކޮޅުގައި ރައްކާތެރި މާޙައުލެއްގައި އެކުވެރިންނާއި ޢާއިލާގެ މެމްބަރުންނާއެކު އެއް ސުފުރާމަތީގައި ކެއުމަށް އިންސާފު ކުރުމުގެ ފުރުޞަތު ލިބި ގުޅުން ބަދަހިވުމުގެ ފުރުޞަތު އޮތުން މުހިއްމު ވާނެ ކަމަށެވެ. އެހެންކަމުން ޕޮލިސް އިން އަބަދުވެސް ރެސްޓޯރެންޓެއްގެ ޚިދުމަތް ފެށުމުގެ ވިސްނުން ގެންގުޅުނު ކަމަށާއި މިކަން ކާމިޔާބު ވެގެން މި ދިޔައީ ސަރުކާރުން ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީ ކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަށާއި ހޯމް މިނިސްޓަރ ޢުމަރު ނަޞީރަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ޝުކުރު ދެންނެވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިފަދަ ޚިދުމަތްތައް ފުލުހުންގެ ތެރެއިން ލިބިގެން ދިއުމަކީ މަސައްކަތުގައި ޒިންމާދާރު ކަމާއެކު ދެމިތިބެ އިޚްލާޞްތެރި ޚިދުމަތެއް ދިނުމަށް ފުލުހުންނަށް ލިބިގެންދާ ވަރަށް ބޮޑު ހިއްވަރެއް ކަމަށެވެ. އަދި މިއީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ވެލްފެއަރ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ޓީމުން އިސްނަގައިގެން ކުރަމުންދާ މަސައްކަތުން ކާމިޔާބު ކުރެވުނު މަސައްކަތެއް ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ބަރަކާތްތެރި ރަމްޝާންމަހުގެ ހެޔޮ ތަހުނިޔާ ފޮނުއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރަމްޟާންމަހުގެ ޚާއްޞަ ހަދިޔާ އާއި ޢިނާޔަތުގެ ގޮތުގައި ޕޮލްކޯއިން ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް 3 މިލިއަން ރުފިޔާގެ ތަކެތި ބަހަން ފަށާފައިވާ ކަމަށާއި ކޮންމެ މުވައްޒަފަކަށްވެސް އަދި ކޮންމެ ފުލުހަކަށްވެސް ހަމަހަމަ އުޞޫލުން މިތަކެތި ދެއްވާނެ ކަމަށެވެ. އަދި ޕޮލްކޯގެ ގެ ފައިދާ ޙިއްސާދާރުންނަށް ބަހަން ނިންމާފައިވާ ކަމަށާއި ޙިއްސާއަކަށް 34 ރުފިޔާގެ މަގުން އެފައިސާވެސް މި ރަމްޝާންމަސްފެށުމުގެ މުނާސަބާ އާއި ގުޅިގެން ދޭން ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޕޮލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މައްނާނު ޔޫސުފް ވިދާޅުވީ ޕޮލްކޯގެ ރެސްޓޯރަންޓް ހުޅުވިގެން ދިއުމާއެކު ޕޮލްކޯގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރައްވަން ޕޮލްކޯގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ ޕޮލިސް ވެލްފެއަރ ފަންޑް ރަސްމީ ކޮށް އިފްތިތާޙްކޮށްފައެވެ. ފަންޑު އިފްތިތާޙް ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އެވެ. މި ފަންޑަށް ޕޮލްކޯގެ ފަރާތުން ހަދިޔާކުރާ އެއް މިލިއަން ރުފިޔާގެ ޗެކް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި ޙަވާލުކޮށްދެއްވީ ޕޮލްކޯގެ ވައިސް ޗެއަރޕާސަން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެވެ.
ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޓެރްޜަރީ ޢަބްދުﷲ ޖިހާދު އާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރު އާއި މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދު ސަޢީދު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ބާޤިރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި ފުލުހުންގެ އިސް އޮފިސަރުންނާއި ޕޮލްކޯ އާއި ޕޮލްވެކްގެ ބޯޑު މެމްބަރުންނާ މުވައްޒަފުންގެ އިތުރުން ފުލުުން ބައިވެރިވިއެވެ.
ޕޮލާޓޭ ރެސްޓޯރަންޓް ހުޅުވިފައި ހުންނާނީ ހެނދުނު 07:30 ން ފެށިގެން ރޭގަނޑު 00:00 އަށް ކަމަށް ފުލުހުން ހާމަކުރެ އެވެ. ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކާއި އެކުވެރިންނަށްވެސް ޚިދުމަތް ދެވޭގޮތަށް ތައްޔާރުކޮށްފައިވާ ޕޮލާޓޭ ރެސްޓޯރެންޓަކީ ފެންވަރު ރަނގަޅު، ގިނަ ޚިދުމަތްތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ރެސްޓޯރެންޓެކެވެ.