ބޮލީވުޑްގެ ތަރިންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކުގެ ތެރެއިން މިދުވަސްވަރު އެންމެ ގަދަޔަށް މީޑިޔާގައި ދެކެވެނީ ޝްރަދަރ ކަޕޫރް އާއި ފަރުޚާން އަޚުތަރު އާ ދެމެދުއޮތް ގުޅުމެއްގެ ވާހަކައެވެ. މިއަހަރުގެ ނޮވެމްބަރ މަހު ސިނަމާތަކަށް އައުމަށްހަމަޖެހިފައިވާ ފިލްމު ރޮކްއޮން 2 ގެ މެއިން އެކްޓަރ އާއި އެކްޓްރެސްގެ ދެމެދުގައި ހިނގަމުންމިދާ ކަންތައްތަކަށް މީޑިޔާގެ ލޯ ހުއްޓިފައިވާއިރު މިމައްސަލާގައި ޝްރަދަރ ހުރީ ވަރަށް ބޮޑަށް މީޑިޔާ ދެކެ ރުޅި އައިސްފައެވެ.
ދާދިފަހުން ނޫސްވެރިން ފަރުޚާން އާއި ޝްރަދަރ އާއި ދެމެދު އޮންނަ ގުޅުމާއި ބެހޭގޮތުން ސުވާލުކުރުމުން ރުޅިގަދަ ވެފައިހުރި ޝްރަދަރ ބުނެފައިވަނީ ކޮންމެ ކަމަކަށްވެސް އިމެއް އޮންނަކަމަށާއި މީޑިޔާއެއްކަމަކު ޚަބަރުތައް ފަތުރާއިރު އެވާހަކައެއްގެ އަސްލަށް ބަލަންވާނެކަމަށެވެ. ކަމެއްފެންނަ އިރަށް މީޑިޔާއިން ބޭނުންވާގޮތަކަށް އެކަމެއް ނުގެނެވޭނެ ކަމަށާއި އެކަމެއްގައި އުޅޭ މީހުންގެ ޚިޔާލާއި ފިކުރަށާއި އެމީހުންގެ އިހުސާސްތަކަށްވެސް ބަލަންވާނެކަމަށެވެ. ކޮންމެއަކަސް ޝްރަދަރ އާއި ފަރުޚާން އާއި ދެމެދު މިހިނގާކަންތައްތަކާ ބެހޭގޮތުން މީޑިޔާއިން ދައްކަމުން މިދާ ވާހަކަތަކާއި މެދު ޝްރަދަރ ހުރީ ރުޅިގަދަވެފައެވެ. އެހެންނަމަވެސް މިކަމުގައި ފަރުޚާންގެ ރުޅި ހުރި ހިސާބެއް އަދި މީީޑިޔާއަކަށް ނޭންގެއެވެ.
ފަރުޚާން އަޚުތަރު އާއި އަދުނާ ބަބާނީގެ 16 އަހަރު ވީ ކައިވެނި ނިމުމަކަށް ގެނައިކަން މިއަހަރު ޢިއުލާންކޮށްފައިވާއިރު އޭގެ ފަހުން ފަރުޚާން ކުޅޭ ފިލްމުތަކުގެ ކޯ-އެކްޓަރުންނާއި ފަރުޚާން އާއި ދެމެދު އޮންނަ ގުޅުމާއި މެދު ދޭތެރެ ދޭތެރެއިން އެކިކަހަލަ ވާހަކަތައް މީޑިޔާގައި އަންނަނީ ދެކެވެމުންނެވެ. ޝްރަދަރ އާއި ފަރުޚާން އާ ދެމެދު އޮންނަ ގުޅުމުގެ ވާހަކަ މީޑިޔާއާ ހަމައަށް އައިސްފައިވަނީ ޝްރަދަރ ގެ އެންމެ ފަހުގެ ފިލްމު ބާގީ އަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ބޭއްވި ޕާޓީގެ ތެރެއިން ހިނގާދިޔަ ކަންތައްތަކާ ގުޅިގެންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ދެމީހުންވަނީ ގައިގޯޅިކޮށް ތިބެ މިޕާޓީގެ ތެރޭގައި ނަށާހަދާފައެވެ. އަދި އޭގެ ފަހުން ޝްރަދަރ ގެއަށް ދިޔަކަމަށްވެސް ވަނީ ފަރުޚާން ގެ ކާރުގައިކަމަށްވެއެވެ.
ކޮންމެއަކަސް ޝްރަދަރ އާއި ފަރުޚާން އާ ދެމެދު އޮތީ ކިހާވަރެއްގެ ސީރިޔަސް ގުޅުމެއްކަމެއް އަދި މީޑިޔާ އަށް ސާފެއްނުވެއެވެ. ފަހަރެއްގައި މިހިނގާ ކަންތައްތަކަކީ އެދެމީހުންގެ ކުރިޔަށް ނިކުންނަން އޮތް ފިލްމު ރޮކްއޮން 2 ގެ ޕްރޮމޯޝަނަލް ކަންތައްތަކެއް ކަމަށްވެސް ވެދާނެއެވެ. ބަލަން ތިބެމާއެވެ.