ކެންޔާގެ ވެރިރަށް ނައިރޯބީގައި ކުރިއަށްދިޔަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ދެވަނަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީގެ (ޔުނެއާ-2) ހައި ލެވެލް ސެގްމަންޓްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވައިފިއެވެ.
މި މެއި މަހުގެ 23ން 27އަށް ކުރިއަށްދިޔަ ދެވަނަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީ ކުރިއަށްގޮސްފައިވަނީ ދެހާސް ތިރީހުގެ ނިޔަލަށް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުން މި މަޢުޟޫއަށެވެ.
މި އެސެމްބްލީގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި 2015 ވަނަ އަހަރާއި ހަމައަށް ހާސިލް ކުރުމަށް ކަނޑައެޅުނު ސާސްކަފް ތަރައްޤީގެ ލަނޑުދަނޑިތައް (މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް) ހާސިލް ކުރުމުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާ ލެއްވިއެވެ. މިގޮތުން 8 ލަނޑުދަނޑި ހިމެނޭ ސާސްކަފް ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 5 ލަނޑުދަނޑި 2015 ގެ މާކުރިން ހޯދުމަކީ ދިވެހިރާއްޖެއިން ހޯދި ފަޚުރުވެރި ކާމިޔާބީއެއްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މިކާމިޔާބީގެ މައްޗަށް ބިނާކޮށް 2030 ވަނަ އަހަރާއި ހަމަޔަށް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ދިވެހިރާއްޖެއިން އަތުކުރި އޮޅާލައި މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މިހާތަނަށް މިނިސްޓްރީތަކުގެ ފެންވަރުގެ ބައްދަލުވުންތަކާއި ޤައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ބޭއްވުނުކަން މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ.
މީގެ އިތުރުންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ތިމާވެށި ރައްކާތެރި ކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އިސްކޮށްފައިވާ ޒިންމާގެ މައްޗަށްވެސް އަލިއަޅުއްވާލެއްވެވިއެވެ. އަދި ތިމާވެއްޓާއި އިންސާނީ ސިއްޙަތާއި ހުރިގުޅުމާއި މި ދާއިރާއިން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފެން ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި އެ މައްސަލަތައް ޙައްލު ކުރުމަށް ފެނާއި ނަރުދަމާގެ ނިޒާމް ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.
މި އެސެމްބްލީއަށް 28 ޤަރާރެއް ހުށަހަޅާފައިވާ އިރު، 27 ޤަރާރު ވަނީ އެސެމްބްލީގައި ބައިވެރިވި ޤައުމުތަކުގެ އިއްތިފާޤުން ފާސްވެފައެވެ. ޔުނެއާ-2 އަށް ހުށަހެޅުނު 28 ޤަރާރުގެ ތެރޭގައި ޕެރިސް އެގްރިމެންޓް ތާއީދު ކުރުމަށް ބާރުއަޅާ ޤަރާރަކާއި ތިމާވެއްޓާއި ގުޅުންހުރި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ބާރުއަޅާ ޤަރާރަކާއި ހަމަނުޖެހުން ހިނގަމުންދާ ފަލަސްތީނުގެ ޣައްޒާއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަށް ބެލުމަށް ފީލްޑް އެސެސްމަންޓެއް ހެދުމަށް ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމަށް ބާރުއަޅާ ޤަރާރު ހިމެނެއެވެ.
އަދި ކަނޑުތަކަށް ޕްލާސްޓިކްފަދަ ކުނި އެޅުން ހުއްޓުވުމަށް ބާރުއަޅާ ޤަރާރަކާއި ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ބަލަހައްޓައި ހިމާޔަތް ކުރުމަށް ބާރުއަޅާ ޤަރާރެއްވެސް ހިމެނެއެވެ. އިންޑޮނޭޝިއާ އިން ހުށަހެޅި މި ޤަރާރަށް ދިވެހިރާއްޖެއިންވަނީ ތާއީދުކޮށް ކޯ-ސްޕޮންސަރ ކޮށްފައެވެ.
މި އެސެމްބްލީގައި 170 ޤައުމަކުން 2400 އަށްވުރެ ގިނަ މަނދޫބުން ބައިވެރިވެފައިވާ އިރު، މީގެ ތެރެއިން 75 ޤައުމަކުން ވަޒީރުންގެ ފެންވަރުގައި މި އެސެމްބްލީގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އެސެމްބްލީގައި ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓަރ ޠާރިޤް އިބްރާހިމްއެވެ. ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީގެ ތިންވަނަ ބައްދަލުވުން 2017 ގައި ބޭއްވުމަށް މި އެސެމްބްލީން ވަނީ ނިންމާފައެވެ.