މީދޫ އިސްލާމިކް ފައުންޑޭޝަން (އެމް.އައި.އެފް)އިން ރ. އަތޮޅު ތަޢުލީމީ މަރުކަޒާއި ގުޅިގެން ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެ ފައުންޑޭޝަނުން ބުބެފިއެވެ.
އެމް.އައި.އެފް އިން ބާއްވާ މި ހަރަކާތްތައް ހިންގަން ނިންމާފައިވަނީ ސުކޫލުކުދިންނަށާޢި ބެލެނިވެރިންނަށް ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ. އަދި މި ބަރަކާތްތެރި މައްސަރުގެ މުހިންމުކަން ކުދިންނަށާއި ބެލެނިވެރިންނަށް އަންގައިދީ، ޚާއްޞަކޮށް ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ކަމަށްވެސް ބުނެއެވެ.
މިގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ރަމަޟާން މަހަށް ތައްޔާރު ވުމާގުޅޭގޮތުން ވީޑިޔޯ ދެ ދަރުސް މަރުކަޒުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ދެއްކުމާއި މަރުކަޒުގެ ގްރޭޑް 5،6 އަދި 7 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ނަމާދާއި ބެހޭ ވޯކްޝޮޕެއް ހިންގުމަށް ވަނީ ނިންމާފައެވެ.
ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ދަރުސް އޮންނާނީ މާދަމާރޭ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ އިރު، ބެލެނިވެރިންނަށް ބާއްވާ ފުރަތަމަ ދަރުސް އޮންނާނީ ޖޫން މަހުގެ 1 ވާ ބުދަ ދުވަހުގެރޭ، ހަމަ އެމަރުކަޒުގައެވެ. އަދި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ދެވޭ ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ތެރޭގައެވެ.
މީގެ އިތުރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 5،6،7 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ނަމާދު ވޯރކްޝޮޕް ދެވަނަ ޓާމުގެ ކިޔެވުން ފެށޭ ހަފްތާގެތެރޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވެސް އެ ފައުންޑޭޝަނުން ބުނެއެވެ.
މި ހަރަކާތްތަކުގެ އިތުރުން އެތައް ހަރަކާތްތަކެއް ރާވަމުން އަންނަ ކަމަށާއި އެ ހަރަކާތްތަކުގެ މަޢުލޫމާތު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށްވެސް އެ ފައުންޑޭޝަނުން ބުނެއެވެ.
މީދޫ އިސްލާމިކް ފައުންޑޭޝަންއަކީ 2013ވަނަ އަހަރު ވުޖޫދަށް އައިސް މީދޫގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއްކަން ފާހަގަ ކޮށްލެވެއެވެ.
(ޚަބަރުގެ މަސްދަރު: މީދޫ ޓައިމްސް.ކޮމް)