ނެތްތަ 20 ރުފިޔާ ދެވޭކަށް؟

ދިރިއުޅުމުގެ އާންމު އުޞޫލުން ބަލާއިރު ބޭނުންޖެހިފައިތިބި ނިކަމެތީންގެ ބޭނުންތައް ފުއްދައިދިނުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގެ އިޖްތިމާޢީ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިއްބައިދޭނެކަން ކަށަވަރެވެ. އެހެންނަމަވެސް، މިއަދުގެ މި ދިވެހި މުޖުތަމަޢުގެ ހާލަތަށް ބަލާއިރު ހަޤީޤަތުގައިވެސް ބޭނުންޖެހިފައި ތިބި މީހުންނަކީ ކޮބައިކަން މިވަނީ ނޭގޭ ހިސާބަށް ގޮސްފައެވެ.

އަޅުގަނޑަށް ދިމާވެފައި ހުރި ބައެއް ތަޖުރިބާ ތައް ހިއްޞާކޮށްލާނަމެވެ. އެއްދުވަހަކު އަރައިގެން އައި އިރާއެކު، އަޅުގަނޑު ދިރިއުޅޭ އެޕާޓުމަންޓުގައި މީހަކު ޓަކި ދިނެވެ. ބަލައިލިއިރު މެދު އުމުރު ފުރައިގެ ބުރުގާ އަޅައިގެން ހުރި އަންހެނެކެވެ. އަތުގައި ޑަކުޓަރުގެ ލިޔުންތަކެއްވެސް ހުރި އެވެ. ވާހަކަ ދެއްކި ރާގުންނާއި ހަރަކާތްތަކުން ވަރަށް ބަލި މީހެއްކަމަށް ފެނެއެވެ. އެހެންކަމުން އެހީތެރިކަމުގެ ގޮތުން ކޮންމެވެސް ވަރެއްގެ ފައިސާއެއް ދިނީމެވެ. އަދި އަޅުގަނޑަށް ޝުކުރު އަދާކޮށްފައި އެމީހާ ދިއުމުން ބެލްކަނީއިން އަޅުގަނޑު ބޭރު ބަލާލިއިރު ވަރަށް ބާރުބާރަށް ގޮސް އެހެން ގެއަކަށް ވަތް މަންޒަރު ފެނުނެވެ. ޖެހިގެން އައި ހަފުތާގެ ކޮންމެ ދުވަހަކު ހެނދުނު އަޅުގަނޑާއި ހަމަ މި ”ޓަކި“ ބައްދަލު ކުރެއެވެ. އޭގެ ދުވަސްތަކެއް ފަހުން، ހަމަ މި ދެންނެވި ފަރާތް އަޅުގަނޑާއި އޭޑީކޭ ދޮރުމަތިން އެކި މީހުންނާއި ބައްދަލު ކޮށް ވާހަކަ ދައްކާ ހަދާ މަންޒަރު ފެނެއެވެ. ނަމަވެސް، އަޅުގަނޑު ފެނުމުން، މި އަންހެންމީހާ ކުޑަކޮށް ލަދުގަންނަ ގޮތެއް ހުންނަ ކަމަށް ފާހަގަ ވިއެވެ.  އަދި މިކަމާއި އަޅުގަނޑުގެ އަމިއްލަ ނަފުޞާ ސުވާލުކުރެވުނެވެ.

މާލޭގެ މަޖީދީ މަގަކީ އެންމެ ކާރުބާރުބޮޑު މަގުކަމަށްވުމުން ދިމާވާ މީހުންނާއި ފެންނަ މަންޒަރުތައްވެސް އެހާމެ ގިނައެވެ. ނޫކަށި ޒުވާނަކު އަޅުގަޑާއި އެއްދުވަހަކު ބައްދަލުވެގެން ކަމެއްގައި އެދުނެވެ. ”ނެތްތަ..20 ރުފިޔާ ދެވޭކަށް.. ރަށުން ދެންމެ މާލެއައީ….“ އެ ޒުވާނާ ބުނެލިއެވެ. ފެންނަ ފެނުމަށް އެއީ ހަމަގައިމުވެސް މަސްތުގެ އަވާގައި ޖެހިފައި ހުރި ޒުވާނެއް ހެން ހިއެއް ނުވެއެވެ. ލައިގެން ހުރި ހެދުން ރީތިވެފައި ސިފަވަންތަކަން އެ ޒުވާނާއަށް ލިބިފައިވެއެވެ. މި ގޮތަށް އިތުރު ޒުވާނުންތަކެއްވެސް ހަމަ މަޖީދީ މަގުން އަޅުގަނޑާއި ބައްދަލުވިއެވެ. އެމީހުންވެސް ބޭނުންވީ ހަމަ އެންމެ 20 ރުފިޔާއެވެ. “ސައިތައްޓެއް“ ބޯލުމަށެވެ.

ސޯސަންމަގާއި މަޖީދީ މަގު ޖަންކުޝަންކައިރީގައިވާ މަޝްހޫރު ފަސޭހަ ޕޮއިންޓު ހޮޓަލުން ދިމާވި ހާދިސާއެކެވެ. އަޅުގަނޑާއި އަޅުގަނޑުގެ ރައްޓެއްސެއް ފޯރީގައި ވާހަކަދައްކަމުން ސައިބޮމުން ދިޔަވަގުތު އެކަމަށް ހަމަހިމޭން ކަމެއް ގެނުވީ، އަނެއްކާވެސް ޒުވާން ފިރިހެނެއްގެ އަޑެވެ. އަޅުގަނޑުމެންގެ ކައިރީގައި ހުރި މޭޒު ކައިރީގައި އިށީދެލައިގެން އިދެ އެ ޒުވާނާ ވަރަށް ބަނޑުހައިވެފައިވާ ކަމަށް ބުނެލިއެވެ. އަދި 20 ރުފިޔާ ދިނުމަށް އެދުނެވެ. އެވަގުތު އަޅުގަނޑު އެ ޒުވާނާ ބޭނުންއެއްޗެއް ގެނެސް ކެއުމަށްބުނެ އަޅުގަނޑުމެން ބިލާ ހަވާލުވާނެކަމަށް ބުނުމުން ، އިރުކޮޅަކު ވިސްނަން އިދެފައި، ”އެހެންވިއްޔާ މިކަން ނުވީއޭ…“ ކިޔާފައި ތެދުވެގެން ހިގައްޖެއެވެ. މިޒުވާނާގެ މި ހަރަކާތުގެ ސަބަބުން 20 ރުފިޔާ ބޭނުންވަނީ ސައި ތައްޓެއް ބޯލުމަށް އެބުނާ ބުނުމާއި މެދު އަޅުގަނޑުމެން ސުވާލު އުފެއްދީމެވެ.

ޢީދު މިސްކިތް މަގު ގައި ހުންނަ ލެމަން ގުރާސް ރެސްޓޯރެންޓުއިންވެސް ދާދި މިދާކަށް ދުވަހު މި ކަހަލަ ހާދިސާއަކާއި ދިމާވިއެވެ. ދުވަހުގެ ވަރުބަލި ކަން ނިމުމަކަށް ގެނައުމަށް އަޅުގަނޑާއި ރައްޓެއްސަކު، ކޮފީ އަކަށް ދިޔަ ރެއެކެވެ. އިރުކޮޅަކުން ގަދަ ރަތް ކުލައިގެ ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރި ، ބަލާބެލުމުން އުމުރުން ބާވީސް،ތޭވީސް އަހަރުގެ އިސްތަށިގަނޑު ބުޅި ޒުވާނެއް އަޅުގަނޑުމެންގެ މޭޒުކައިރީގައި އިށީދެލުމަށްފަހު ”….ނެތްތަ 20 ރުފިޔާ ދެވޭކަށް….ވަރަށް ބަނޑުހައިވެފައި މިހުރީ….“  މިހެން ބުނެލިއެވެ. މި ފަހަރު އެޒުވާނާކައިރިން އިތުރަށް ވާހަކަ އޮޅުން ފިޅުވުމަށް އަޅުގަނޑުމެން މަސައްކަތް ފެށީމެވެ. ކުރާ މަސައްކަތާއި އާއިލާގެ ބައެއް މަޢުލޫމާތު ހޯދީމެވެ. ބުނާބުނުމުން ކުރިން މަސައްކަތް ކުރިނަމަވެސް މިހާރު މަސައްކަތެއް ނުކުރެއެވެ. ކާއެއްޗަށް އޯޑަރު ދިނުމަށް އެދުމުން، އެޒުވާނާ ޖެހިލީ ޖެހިގެން ހުރި މޭޒަށެވެ. އަދި އަޅުގަނޑުމެން ކައިރީ އެދުނު އެދުން ތަކުރާރު ކުރިއެކެވެ. މިގޮތަށް އެކި އެކި މޭޒަށް މި ޒުވާނާ ގޮސް އުޅުނު އުޅުން ހުއްޓުވީ ރެސްޓޯރަންޓުގެ ޑިއުޓީ މެނޭޖަރެވެ. “ އަނެއްކާ ވެސް އައީ ދޯ….“ މިއީ މިޒުވާނާގެ އާއްމުކަމެއްކަން ޑިއުޓީ މެނޭޖަރުގެ މި ޢިބާރާތުން އެނގުނެވެ.

ރޭގައިވެސް މިކަހަލަ ހާދިސާއެއް ދިމާވިއެވެ. ކުލިކު ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ނިމުމުން ސައިކަލްގައި ގެއަށް ދިޔަ މަގުމަތީގައި ، ރައްޓެއްސަކު ގުޅައިގެން ސައިކަލް މަޑުކޮށް، މަގުގެ އެއްކައިރީގައި ވާހަކަ ދައްކަމުން ދިޔަ އިރު ، މެދު އުމުރު ފުރައިގެ ފިރިހެނަކު ސަލާމަށް އަތްދިއްކޮށްލުމުން ސަލާމް ކޮށްލީމެވެ. އަޅުގަނޑުގެ ފޯނު ކޯލު ނިމެންދެން މި ފިރިހެން މީހާ ހުރުމަށްފަހުވެސް ، އެދުނީ ހަމަ 20 ރުފިޔާ ދިނުމަށެވެ. އެންމެ ވިހިރުފިޔާ ދިނުމަށެވެ.

މިހާދިސާތަކާއި މެދު ފުންކޮށް ވިސްނާލާއިރު 20 ރުފިޔާ ބޭނުންވަނީ ބަނޑުހައިވެގެން ނޫންކަން ވަރަށް ރަނގަޅަށް އެނގެއެވެ. ލަފާކުރެވޭ ގޮތުގައި މަސައްކަތުން ދުރުހެލިވެފައި ތިބޭ މި ޒުވާނުން 20 ރުފިޔާ ހޯދަނީ ސިގިރެޓު ބުއިމަށެވެ. ނޫނީ މަސްތުވާ ތަކެތި ގަތުމަށް އެކި ފަރާތްތަކުން ފައިސާ ހޯދައި ޖަމާޢަ ކުރުމަށެވެ.

އެހެންކަމުން މުޖުތަމަޢުގައި އާއްމުވެފައިމިވާ “20 ރުފިޔާގެ ޒުވާނުންގެ“ ޙަޤީޤަގަތަކީ ކޮބައިތޯ ބަލާ ،20 ރުފިޔާގެ ބައްޔަށް ފަރުވާ ހޯދުމަކީ މިއަދު އެމަސްޢޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ކޮންމެ މީހެއްގެ ޒިންމާއެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *