ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ ބަނގުރާފުޅިއާއި ބިޔަރު ފުޅިތަކަކާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 27 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން ބުނީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ތުލުސްދޫ ފަޅުގައި އޮތް ސަފާރީއެއްގައި ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތުލުސްދޫގައި މަސައްކަތްކުރާ ފުލުހުން މި މެއި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެސަފާރީ ބަލައިފާސްކޮށް ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެސަފާރީ ބަލައިފާސްކުރިއިރު ސަފާރީގެ އެކި ތަންތަނުން ބަނގުރާ ފުޅިތަކާއި 18 ކޭސް ބިޔަރު ފުޅިފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.