ބޭންކް އޮފް މޯލްޑިވްސް އަކީ މުޅި ގައުމުވެސް ފަހުރުވެރިވާފަދަ ބޭންކެއް ކަމުގައި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.
ހީލީ މިހެން ވިދާޅުވީ ރޭ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ދޭން ނިންމައި، އަދި މިއާއެކު ރާއްޖޭގައި ބީއެމްއެލް އިން ކުރަމުންދާ އިންވެސްޓްމަންޓްތަކަށް ލިބުނު ޝަރަފްވެރި ބައިނަލްއަޤްވާމީ އެވޯޑަށްފަހު ބީއެމްއެލްގެ ސީއީއޯ ބީއެމްއެލްގެ ހިއްސާދާރުންނާ މުޚާތަބުކުރައްވައި ދެއްކެވީ ވަރަށް ޝައުގުވެރި ވާހަކަތަކެކެވެ. އެންޑްރޫ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ބޭންކަކީ ދިވެހިންގެ ބޭންކެއްކަމަށާއި އެބޭންކުގެ ދިވެހި މުވައްޒަފުންނަށާއި ބޭންކުން މުޅި ރާއްޖޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ދިވެހި ފަރުދުންނާއި، އާއިލާތަކާ އަދި ވިޔަފާރިތައް ކުރިއެރުވުމުގައި ބޭންކުން އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށެވެ.
އަޅުގަނޑުމެންގެ ”ނަލަ ރާއްޖެއަށް އައިސް ހުރި މެހުމާނެއް“ ކަމަށް ސިފަކުރައްވައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ މިއީ ދިވެހި ބޭންކެއް ކަމަށާއި މި ބޭންކުގެ މިލްކުވެރިންނަކީ ދިވެހިން ކަމަށެވެ. އަދި ބޭންކުގެ 850 މުވައްޒަފުންގެ ތެރެއިން 845 މުވައްޒަފުންނަކީވެސް ދިވެހިން ކަމަށާއި ސީއީއ÷ގެ ފަހަތުގައި ތިއްބެވި ހުރިހާ ބޯޑު މެންބަރުންނަކީވެސް ދިވެހިން ކަމުގައި ވިދާޅުވި އެވެ.
”ބޭންކް އޮފް މޯލްޑިވްސް ގެ ހާލަތު މިހާރު މި އޮތީ ވަރަށް ރަނގަޅަށް، އަދި ބޭންކުން މިދަނީ މި ޤައުމުގެ ކުރިއެރުމަށް ނުހަނު ބޮޑަށް އެހީތެރިވަމުން. އަދި ކުރިއަށްއޮތް ތަނުގައިވެސް އަޅުގަނޑުމެން މި ގޮތަށް އިންވެސްޓްކުރަމުންދާނަން. މިއީ ތިޔަ ބޭފުޅުންގެ ބޭންކް. ތިޔަ ބޭފުޅުންގެ ދިވެހި ބޭންކް. އެ ބޭންކަކަށްޓަކައި ތިޔަބޭފުޅުން ފަޚުރުވެރިވާ ބޭންކް“ ހީލީ ވިދާޅުވި އެވެ.
ވަރަށް ގިނަ ކަންތައްތަކަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ދިވެހި ކޮންމެ އާއިލާއެއްގެ ދިރިއުޅުމާ ބޭންކާ ގުޅިލާމެހިފައިވާ މިންވަރު އެންޑްރޫ ހާމަކޮށްދެއްވިއެވެ. މިގޮތުން އެންމެ ތުއްތުކުދިންނަށް އަމާޒުކޮށް ތަޢާރަފްކޮށްފައިވާ ކިޑްސް ސޭވަރ އެކައުންޓް، ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް ”ކިޔަވާ“ ލޯނު، އަލަށް ޒަވާޖީ ހަޔާތެއް ފައްޓާ ފަރާތްތަކާއި އާއިލާތަކަށް ހައުސިންގ ލޯނު، ދަތުރުވެރިންނަށް ކްރެޑިޓް އަދި ޑެބިޓް ކާޑާއި ބޭރުފައިސާ މާރުކުރުމުގެ ޚިދުމަތް، ކުދިއަދިމެދު ފަންތީގެ ވިޔާފާރިތަކާއި ކުންފުނިތަކަށް ދޫކުރާ ވިޔަފާރި ލޯނު، އަދި ދޯނި ބޭންކިންގ ޚިދުމަތް މެދުވެރިކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް ޕެންޝަން ފައިސާ ފޯރުކޮށްދޭ ޚިދުމަތް އެންޑްރޫ ފާހަގަކުރެއްވިއެވެ.
“ އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ އިރު އެބޭފުޅުންވެސް އަޅުގަނޑުމެންނާ ހަމަޔަށް އެބަ ވާސިލްވޭ. މިދިޔަ އަހަރު 15,000 ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނުއިރު ޖުމްލަކޮށް ބޭނކުން މިދަނީ 265,000 ކަސްޓަމަރުންނަށް ޚިދުމަތްދެމުން. ދިވެހި ކޮންމެ އާއިލާ އަކާ އަޅުގަނޑުމެން މިވަނީ ގުޅިލާމެހިފައި. ޒުވާނުންނާއި މުސްކުޅިން އަދި އެދެމެދުގެ އެންމެހާ ރައްޔިތުންގެ ދިރިއުޅުމާ އަޅުގަނޑުމެން މިވަނީ ގުޅިލާމެހިފަ“ އެންޑްރޫ ވިދާޅުވި އެވެ.
ފާއިތުވެދިޔަ އަހަރުގެ ޓެކްސް އުނިކުރުމުގެ ކުރިން ލިބުނު ފައިދާ ކުރީ އަހަރާ އަޅާބަލާއިރު %29 އިތުރުވުމަށް އެންމެ ބޮޑަށް އެހީތެރިވެފައިވަނީ ބޭންކުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިސްކް ބެލެހެއްޓުމަށް ދޭ އިސްކަން ކަމުގައި އެންޑްރޫ ފާހަގަކުރެއްވިއެވެ. މި ގޮތުން އެންޑްރޫ ވިދާޅުވީ “ ހަރުދަނާގޮތެއްގައި ރިސްކް ބެލެހެއްޓުމަކީ ބޭންކުގެ ތަސައްވަރުގެ މައިގަނޑު އެއް ބިންގަލެއްކަމުގައި ހަމައެކަނި ބުނެލަނީކީ ނޫން. އަޅުގަނޑުމެންގެ ހުރިހާ އަމަލެއް ރާވާފައިވަނީ އެ ބިންގަލުގެ މަތީގައި. ނަތީޖާ އެއްގެ ގޮތުން ހިންގުމުން ލިބުނު ގެއްލުން ކުޑަކުރެވުނު. ދޫކުރެވިފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތްވަނީ މީގެ 3 އަހަރުކުރި އާ އަޅާބަލާއިރު ހަތަރުބައި ކުޅަ އެއްބަޔަށް ދަށްކުރެވިފަ. ފާއިތުވެ ދިޔަ ދުވަސް ތަކުގެ ތެރޭގައި ރިސްކް ބެލެހެއްޓުމުގެ އޮނިގަނޑާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އިންޓާނަލް ކޮންޓްރޯލްތައް ހަރުދަނާކުރުމުގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް މިވަނީ ދެގުނައަށް އިތުރުކުރެވިފަ. އަޅުގަނޑުމެން ހާސިލްކުރަންޖެހޭކަަމަށް ކަނޑައަޅާފައި މިވަނީ ވަރަށް މަތީ ލަނޑުދަނޑިތަކެއް.“
ވާހަކަފުޅު ނިންމާލަމުން އެންޑްރޫ ވިދާޅުވީ “ 2015 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ފައިދާވި އަހަރެއް. މާލީ ހާލަތު ރަނަގަޅުވުމުގެ އިތުރުން އިންވެސްޓްމެންޓް، އަދި އަޅުގަޑުމެން މިޚިދުމަތްކުރާ މުޖުތަމައަށް އަނބުރާ ދިނުމުގެ ރޮގުންވެސް ވަރަށް ކާމިޔާބު އަހަރެއް. 2016 ވަނަ އަހަރު ފުރަތަމަ ހަތަރު މަސް ނިމިގެން މިދިޔައީވެސް ހަމަ އެހާމެ ހަރުދަނާކޮށް. ވިޔަފާރީގައި ރަނގަޅު ކާމިޔާބީތަކެއް ލިބެމުން އަންނަ ހިނދު، ކުރިއަށްއޮތް ތަނުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނާއި، އާއިލާތަކަށް އެފަރާތްތަކުގެ ބޭނުންތައް ހާސިލްކުރުމަށް އެހީތެރިވުމަށް. ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި، މުވައްޒަފުން ފަޚުރުވެރިވާނެ ފަދަ ގޮތަކަށްް.“
މުޅި ރާއްޖެ ހިމެނޭ ގޮތަށް 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 14 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓް އެކުލެވޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެ އަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.
ބޭންކް އޮފް މޯލްޑިވްސް އަށް ދާދި ފަހުން ވަނީ ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ”މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް އިން ދި އިންޑިޔަން އޯޝަން“ ގެ ޝަރަފްވެރި އެވޯޑު ލިބިފައެވެ.
2 Responses
ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ އިންވެސްޓްމަންޓް ތަކަށް މަރުހަބާ ކިޔަން. އެތައް އަރެއްވަންދެން ކުރި އިންތިޒާރު ނިމުމަކަށް މިއައީ. މި ރަށުގައި މިހާރު ބްރާންޗް މި ހަދަނީ. ބްރާންޗު ހުޅުވާނެ ދުވަހުގެ އިންތިޒާރުގައި. ޝުކުރިއްޔާ ބީއެމްއެލް.
ލުއި ލޯނު 50000 ނަގައިގެން 3 އަހަރތެރޭ 72000 ދައްކަންޖެހޭ މިވަރުގެ އިންޓްރަސްޓް މީ ބޮޑުވަރު