ބީއެމްއެލްގެ ހިއްސާއަކަށް 17 ރުފިޔާ ބަހަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ އަކަށް 17 ރުފިޔާ ބަހަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ.

ހިއްސާއަކަށް 17 ރުފިޔާ ބަހަން ނިންމާފައިވާއިރު ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިއީ ރެކޯޑް އަދަދެއް ކަމަށާއި ބީއެމްއެލް އިން ވަނީ މާލީ ގޮތުން ބޮޑެތި ކާމިޔާބީތައް ހޯދާފައި ކަމަށެވެ.

ކުރުނބާ މޯލްޑިވްސްގެ ބޭއްވި ރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަކަވަމުން ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިހާރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމްކޮށްފައިވާއިރު ބީއެމްއެލްއަކީ ދިވެހިން ފަހުރުވެރިވުން ހައްގު ބޭންކެއް ކަމަށެވެ. މީގެ އިތުރުން ވިޔަފާރީގެ ގޮތުން މިދިޔަ އަހަރު ބޮޑެތި ކުރިއެރުންތައް ހޯދިފައިވާއިރު މިދިޔަ އަހަރު 15 ހާހަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވާކަމަށްވެސް ހީލީ ވިދާޅުވި އެވެ.

ހީލީ ވިދާޅުވީ ރާއްޖޭގައި ހިދުމަތް ދެމުން އަންނަ ހުރިހާ ބޭންކެއްގެ އޭޓީއެމްތަކުގެ އަދަދަށްވުރެ އިތުރަށް ބީއެމްއެލްގެ އޭޓީއެމް މެޝިންތައް ގާއިމް ކުރެވިފައިވާކަމަށާއި ދިވެހި ރައްޔިތުންގެ ހުރިހާ އުމުރުފުރައެއްގެ ދިރިއުޅުން ތަރައްގީ ކުރުމަށްވެސް ބީއެމްއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ބޭންކުން ދޫކޮށްފައިވާ ލޯނުގެ އަދަދު ދެބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ސަރުކާރަށް ދައްކާ ބޭންކަކީވެސް ބީއެމްއެލް ކަމުގައި ބޭންކްގެ ސީއީއޯ ވިދާޅުވި އެވެ.

”ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގައި ހިމެނޭ ހަމައެކަނި ބިދޭސީ މީހެއްގެ ހައިސިއްޔަތުން ތިން ކަމެއް ފާހަގަކޮށްލާނަން، ފުރަތަމަ ކަމަކީ މިއީ ދިވެހިންގެ ބޭންކެއް ކަން، ދެވަނަ ކަމަކީ ތިބޭފުޅުން މިކަމާ ފަހުރުވެރިވާން ޖެހޭކަން، ތިންވަނަ ކަމަކަށް އުންމީދުކުރަނީ ދިވެހިން މިކަމާ ފަހުރުވެރިވާނެ ކަމަށް“ ހީލީ ވިދާޅުވި އެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 932 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިއްސާދާރުންގެ މެދުގައި ބަހަން ނިންމާފައިވަނީ އޭގެ ތެރެއިން 91.4 މިލިއަން ރުފިޔާ އެވެ. ބީއެމްލއެލްއަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އަދަދަކީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 29 އިންސައްތަ އިތުރު އަދަދެކެވެ.

ތަފްސީލް އަންނަނީ ….

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޙިއްސާއަކަށް ދޭ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ އުފާކުރަން. މި އަންނަ އަހަރު އަދި މިއަށް ވުރެ ރަނގަޅު އަދަދެއް ލިބޭނެކަމަށް ހީކުރަން. ރޭ ޖަލްސާވެސް ވަރަށް ފުރިހަމަ. ކެއުންވެސް ބަރާބަރު!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *