ދިރާގު ބްރޯޑްބޭންޑް އިންޓަރނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، ދިރާގުގެ 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް އިތުރު 3 ރަށަކަށް ތައާރަފްކޮށްފިއެވެ.
އެގޮތުން މި ހިދުމަތް އަލަށް ތައާރަފް ކުރެވުނު ރަށްތަކަކީ، ޅ. ހިންނަވަރު، ނ. ވެލިދޫ، އަދި ރ. ދުވާފަރެވެ.
ދިރާގުން ހާމަކުރާގޮތުގައި ދިރާގުން މިހާރު މިވަނީ ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ފުޅައުކޮށްފައެވެ. މާލެސިޓީއާއި މާލެއަތޮޅު ފިޔަވައި ރާއްޖޭގެ މީހުން ގިނައިން ދިރިއުޅޭ އެހެނިހެން ސަރަހައްތަކަށް މިހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏަކީވެސް ދިރާގެވެ.
މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން މިވަނީ އެންމެ ފުރިހަމަ 3ޖީގެ ހިދުމަތް ވެސް ފޯރުކޮށްދީފައެވެ.
މި ތިން ރަށަށް 4ޖީ އެލްޓީއީ ގެ ހިދުމަތް ލޯންޗްކުރެވުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ މިތިން ސަރަހައްދަށް 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުމަކީ ދިރާގު ފަހުރުވެރިވާކަމަށާއި މި 3 ރަށަކީ 3ޖީ ގެ ހިދުމަތްވެސް ބޭނުންކުރައްވާ ކަސްޓަމަރުން މިހާރުވެސް ގިނަ އަދަދަކަށް އުޅޭ ރަށްތަކެއްކަން ފާހަގަ ކުރާކަމަށެވެ. އަދި މީގެ އިތުރުން މީހުން ދިރިއުޅޭ އިތުރު ގިނަ ރަށްތަކަކަށް މިއަހަރުގެ ތެރޭގައި ދިރާގު 4ޖީގެ ހިދުމަތް އިރާދަކުރެއްވިއްޔާ ފުޅާ ކުރައްވަން ރާވާފައިވާކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ހަލުވި ސްޕީޑްގައި އިންޓަރނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާ، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެކަމަށާއި އަދި މިއީ ރަށުގެ ކުރިއެރުމަށްވެސް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޤަބޫލުކުރާ ކަމަށް އިމްޖާދު ވިދާޅުވިއެވެ.
މިތިން ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ބައިވެރިވީ އޭދަފުށީ އޮޕަރޭޝަން ސެންޓަރގެ މެނޭޖަރ އަބްދުﷲ ސޯދިޤްއެވެ.
ދިރާގު 4ޖީ ރަސްމީކޮށް ޅ. ހިންނަވަރު، ނ.ވެލިދޫ އަދި ރ.ދުވާފަރަށް ތައާރަފުކުރެވުމުން، އެކަމުގެ ހަނދާނީ ފިލައެއްވެސް ވަނީ އެ ރަށްތަކުގެ ކައުންސިލް އިދާރާތަކަށް އަރުވާފައެވެ.
ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިފަހަރު ލޯންޗް ކުރެވިގެން މިދިޔަ ރަށްތަކާއިއެކު އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ.ވިލިނގިލި، ގދ.ތިނަދޫ، ޅ.ނައިފަރު، ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިހާރު މިވަނީ މިޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރެވިފައެވެ.
ދިރާގުން ހާމަކުރާގޮތުގައި ދިރާގުގެ 4ޖީ ނެޓްވޯރކަކީ މިހާރު ރާއްޖޭގެ އެންމެބޮޑު އަދި އެންމެ ހަލުވި ސްޕީޑް ލިބޭ 4ޖީ ނެޓްވޯރކެވެ.