އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓުތަކުން ރާއްޖެއަށް ބޯފެން ގެނައުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މާލެއަށް އަލުން ފެން ފޯރުކޮށްދޭން ނިންމީ ދިވެހި ސަރުކާރުން އެކަމަށް އެދުމުން ކަމަށެވެ. އެގޮތުން ފެން ހިފައިގެން އަންނަ ފުރަތަމަ މަތިންދާ ބޯޓު މިއަދު މެންދުރުފަހު 03:30 ހާއިރު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.
މިއަދު މެންދުު ފަހު އަންނަ ބޯޓުން 55 ޓަނުގެ ފެން ގެނައުމަށް ހަމަޖެހިފައިވެ އެެވެ.
މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަން ހައްލުކުރުމަށް ”އޮޕަރޭޝަން ނީރު“ގެ ނަމުގައި އިންޑިއާއިން ފެށި އޮޕަރޭޝަންގެ ދަށުން ރާއްޖެ އައި ދެ މަނަވަރުގެ ތެރެއިން އެއް މަނަވަރު މިހާރު ފުރާފައިވާއިރު މާލެ ބަނދަރުގައި އޮތް އައިއެންއެސް ދީޕަކް އިން އުފެއްދި 400 ޓަނުގެ ފެން މިއަދު ދޫކުރަން ފަށާފައި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެއިން ފެނުގެ ހިދުމަތް ކެނޑުމާއި ގުޅީގެން އިންޑިއާއިން ރާއްޖެއަށޤ ވައިގެ މަގުން ފެން ގެންނަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.