ލުބުނާނުގެ ބެއިރޫތުގެ ކެފޭއެއްގެ ތެރޭގައި މީގެ މަސްތަކެއް ކުރިން ޒުވާނުންތަކެއް ވާހަކައެއްގައި ތިއްބެވެ.ކުއްލިއަކަށް އެތަނުން އެއް ޒުވާނެއްގެ ހަށިގަނޑުގައި އިންތިހާ ވޭން އަޅަންފަށައިފިއެވެ. އެ ޒުވާނަކީ ޙާލުގައި ޖެހިފައި ތިބި ، އެހެން ބައެއް ސީރިޔާގެ ރެފިޔުޖީން ފަދައިން ފައިސާއަށް ބޭނުންވުމުން ކިޑުނީ ވިއްކާލާފައިވާ ޒުވާން މުޙައްމަދެވެ.
“އަހަރެން ހުރީ ފައިސާކޮޅަކަށް އިންތިހާއަށް ބޭނުންވެފައި“ ޢިޒޫރު (އިރުމަތީ އޭޝިޔާގެ ސަރަޙައްދެއް) ދޫކޮށް ، މީގެ ދޮޅުއަހަރުކުރިން ލުބުނާނަށް އައިސް މިހާރު ލުބުނާނުގައި ދިރިއުޅޭ 21 އަހަރުގެ މުޙައްމަދު ބުންޏެވެ.
ލުބުނާނުގެ ކަޅު ބާޒާރުގައި މީހުންގެ ގުނަވަން ވިއްކާ ޢަދަދާއި އަގުތައް ޔަގީންކަމާއެކު ނޭގުނަސް ، އެނގޭކަމަކީ މިވިޔަފާރި ފުޅާވެގެން ދިޔުމުގެ ބިރުވެރިކަން އެބައޮތްކަމެވެ. ލުބުނާނާއި ކައިރީގައިވާ ގަލްފުގެ ގައުމުތަކަކީ ނިސްބަތުން މުއްސަނދި ގައުމުތަކަށް ވީހިނދު ،ހާލުގައި ޖެހިފައި ތިބި ސީރިޔާގެ ރެފިޔުޖީންގެ “ފައިދާ“ ނަހަމަގޮތުގައި ނެގުމުގެ ބިރު އިންތިހާއެވެ.
ސީރިޔާގެ ގިނަ ރެފިޔުޖީންނެކޭ އެއްފަދައިން މުޙައްމަދުވެސް ލުބުނާނުން ވަޒީފާއެއް ނުވަތަ ކުރާނޭ މަސައްކަތެއް ލިބޭތޯ ބެލިއެވެ.މިޙާލަތުގައި ހުއްޓާ މުޙައްމަދު ކިޑްނީ ވިއްކާލީ އޭނާގެ ދެބެންދެދަރި ބޭބެއެއްގެ ފަރާތުން ލިބުނު ޚިޔާލަކާ އެކުގައެވެ.
“އަހަރެން ލުބުނާނަށް އައިސް ފުރަތަމަ މަގުމަތީގައި ތަރުކާރީ ވިއްކީ ، އެކަމަކު އެމަސައްކަތުން ދިރިއުޅެވޭ ވަރެއްނުވޭ“ ކުރުނޭވާއާއެކު ހުއްޓަމުން ހުއްޓަމުން މުޙައްމަދު ކިޔައިދިނެވެ.
“ނަސީބު ރަނގަޅިއްޔާ ލިބެނީ ހަފްތާއަކު 70 ޑޮލަރުވަރު ، އެހެން އުޅެނިކޮށް ދެބެންދެދަރި ބޭބެއަކު ބުނީ އޭނާގެ ކިޑްނީ 5000 ޑޮލަރަށް ވިއްކާލި ވާހަކަ، އަހަރެން ބުނިން ކިޑްނީ ގަންނަ މީހުންނާ ބައްދަލުކޮށްދިނުމަށް “
މުޙައްމަދުގެ ބޭބެ އޭނާ ބައްދަލު ކޮށްދިނީ ދެކުނު ބެއިރޫތުގައި ، ހަޝިޝްއާއި ކޮކޭންގެ ވިޔަފާރި ފަދަ އެތައް ވިޔަފާރިއެއް ކުރާ އަބޫ ޖަމީލް (އަސްލު ނަމެއްނޫން) ކިޔާ މެދު އުމުރެއްގެ މީހަކާއެވެ.
“މުޙައްމަދު އަހަންނާ ބައްދަލުކުރުމުން އަހަރެން ބުނިން އެއް ކިޑްނީއަށް 5000 ޑޮލަރު ދޭނެ ވާހަކަ ، ކިޑްނީ ގަންނަ ފަރާތުން އަހަންނަށް 7000 ޑޮލަރު ލިބޭ ، (އެހެންވީމާ މުޙައްމަދަށް ފައިސާ ދީފައި) އަހަންނަށް 2000 ޑޮލަރު ލިބޭނެ “ ކިޑްނީ ވިޔަފާރިއަށް ވަރަށް ފަހުން ވަތް އަބޫ ޖަމީލް ބުންޏެވެ.
އަބޫ ޖަމީލްގެ ވިޔަފާރިއަކީ މީހުންގެ އާނ ބަސް ބުނެލުމުން ހިނގާ ވިޔަފާރިއެކެވެ. އޭނާބުނީ އޭނާ ވިއްކާފައިވާ ހުރިހާ ކިޑްނީއަކީ ވެސް ރަނގަޅު ސިއްޙަތެއްގައި ތިބި މުޙައްމަދު ފަދަ ޒުވާން ކުދިންގެ ކިޑްނީ ކަމަށެވެ. އަބޫޖަމީލް ބުނީ އޭނާ 30 އާއި 35 ދެމެދުގެ ޢަދަދެއްގެ ކިޑްނީ ވިއްކާފައިވާ ކަމަށާއި ގިނަ ކިޑްނީ ވިއްކީ މުއްސަނދި ގަލްފުގެ ގައުމުތަކުގެ މީހުނަށްކަމަށެވެ.
“އަހަރެންގެ މަސައްކަތަކީ ކިޑްނީ ވިއްކާނެ މީހުން ހޯދުން ، ގަންނާނެ މީހުން ހޯދުމަކީ ބޮޑެތި މީހުންގެ ކަމެއް“ އަބޫ ޖަމީލްގެ ނެޓްވަރކްގައި އަދި އޭނާއަށް ވުރެ އިސްމީހުން އުޅޭކަމަށް އިޝާރާތްކުރަމުން އަބޫ ޖަމީލް ބުންޏެވެ.އެހެންނަމަވެސް މިނެޓްވަރކްގެ އިސްމީހުން ނޭގޭ ކަމަށާއި އޭނާ މުޢާމަލާތްކުރަނީ އޭނާ ފަދަ “ބުރޯކަރުން“ނާއި ކަމަށް އަބޫ ޖަމީލް ބުންޏެވެ.
މިއީ ފައްކާވެ ހިނގަމުން އަންނަ ފައިދާހުރި ވިޔަފާރިއެއްކަމަށް އަބޫޖަމީލް ބުންޏެވެ.
“ ބާރުހުރި އަދިި އެކަކު އަނެކަކާ ގުޅިފައި ތިބި މީހުން މި ވިޔަފާރީގައި އެބައުޅޭ ،މިއީ ހަމަ މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ވިޔަފާރިއެއް ، އަހަރެމެން މިޙަރަކާތްތެރިވަނީ ހަމަ އެފަދަ ނެޓްވަރކެއްގައި“ އަބޫ ޖަމީލް ބުންޏެވެ.
އެކަމަކު މަސްތުވާ ތަކެތީގެ ވިޔަފާރީގައި އެތައް މިލިއަނެއްގެ ގަލްފުގެ ގައުމުތަކަށް ފޮނުވިޔަސް ގުނަވަންތައް ގަންނަ މީހުން ސީދާ ލުބުނާނަށް އަންނަނީކަމަށްވެސް އަބޫ ޖަމާލު ބުންޏެވެ. އޭނާ ބުނީ ލުބުނާނުން ބޭރުގައި އޭގެ ވިޔަފާރިކުރުމަށްވުރެ މަދު ގަޑިއިރުކޮޅެއްގެ ދަތުރަކަށްފަހު އެހެންގައުމަކުން ލުބުނާނަށް އައިސް ސަރޖަރީކުރުން މާ ރައްކާތެރިކަމަށެވެ.
މުޙައްމަދު އޭނާގެ ކިޑްނީ ވިއްކާލަން ނިންމުމާއެކު ކިޑްނީގެ “ވިޔަފާރީގެ“ ކަންތައް ނިމިގެން ދިޔައީ އެހާމެ އަވަހަށެވެ. އަބޫޖަމީލްގެ ފަރާތުން އައި ދެމީހުންނާއެކު ލުބުނާނުގެ ކުޑަ ކުލިނިކަކަށް ގެންގޮސް އޭނާގެ އެއް ކިޑްނީ ނެގިއެވެ.
“ޑޮކްޓަރުން ކަންތައް ކުރީ ވަރަށް ރަނގަޅަށް،އަހަރެން ކިޑްނީ ނަގަން ދިޔުމުން އެމީހުން އަހަރެންގެ ޙާލު ރަނގަޅުތޯ އެހި،އަދި މިކަން މިކުރަނީ އަހަރެން ގެނައި ދެމީހުންގެ މަޖުބޫރުންތޯ އެހި،މިއީ އަހަރެންގެ އަމިއްލަ ނިންމުމެއް ކަމަށް އަހަރެން ބުނިން،އޭގެ ފަހުން ސާޖަރީ ކުރީ“ މުޙައްމަދު ބުންޏެވެ.
އެކުލިނިކް ގައި މަސައްކަތް ކުރަނީ ލުބުނާނާއި ފަލަސްތީނާއި އަދި ސީރިޔާގެ ތަޖުރިބާކާރު މޮޅު ޑޮކުޓަރުން ކަމަށާއި އެމީހުންނަކީ ލުބުނާނުގެ ހޮސްޕިޓަލްތަކުގައި ފުލްޓައިމްކޮށް މަސައްކަތްކުރާ ޑޮކްޓަރުންކަމަށްވެސް އަބޫ ޖަމީލް ބުންޏެވެ.
2009 ގެ ޑަބްލިޔު އެޗް އޯގެ ރިޕޯޓް ދައްކާގޮތުގައި މީހުން ކިޑްނީ ވިއްކުމަށް ބޭނުންވާ ސަބަބަކީ ބަނޑުހައި ހޫނުކަމެވެ. އަދި ކިޑްނީ ވިއްކާލުމުން މީހާއަށް ކޮންމެ ވަޒީފާއެއް އަދާ ނުކުރެވޭނެތީއާއި މީހާގެ ޞިއްޙަތަށް އަންނަ ބަލިކަށިކަމަށް ޓަކައި އެމީހާގެ ދިރިއުޅުމުގައި އިޤުތިޞާދީ މަންފާ ހޯދުމުގެ އޮތީ ވަރަށް ފުރުޞަތެއްކަމަށްވެސް އެރިޕޯޓްގައި ވެއެވެ.
އަބޫ ޖަމީލް ވިއްކި ކިޑްނީގެ އަދަދު ނިސްބަތުން މަދު ނަމަވެސް އެވިޔަފާރި ހިންގާ އެތައް ބަޔަކު ލުބުނާނުގައި އުޅެމުންދާކަމަށް އަބޫ ޖަމީލް ބުޏްނެވެ. އަދި ސީރިޔާގެ ރައްޔިތުން ގައުމުން ބޭރުވުމަށް މަޖުބޫރުވުމަށްފަހު މިވީ ތިން ހަތަރު އަހަރުގެ ތެރޭގައި 200 އަށްވުރެ ގިނަ ސީރިޔާ ރައްޔިތުން އެމީހުންގެ ކިޑްނީ ވިއްކާލާފައިވާނެކަމަށް އަބޫ ޖަމީލް ލަފާކުރެއެވެ. އަދި މިއީ ފުޅާވަމުން އަންނަ ވިޔަފާރިއެއްކަމަށްވެސް އޭނާ ބުންޏެވެ.
މުޙައްމަދުގެ ސާޖަރީކުރިފަހުން މާގިނަދުވަސްތަކެއް އަދި ނުވާކަމަށާއި އެހެންވެ އޭނާ ހިނގާ ބިނގާވެ އުޅެނީ ވަރަށް ފަރުވާތެރިކަމާއެކު ކަމަށާއި، ހިނގާއިރު ވަރުބަލި ފިލުވުމަށް ތަންތަނުގައި މަޑުކުރާ ކަމަށް މުހައްމަދު ބުންޏެވެ.އަދި ގިނަވަގުތު ހޭދަކުރަނީ ރައްޓެހިންނާއެކުގައި ކަމަށާއި ތަދަށް ލުއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރީކަމަށް މުޙައްމަދު ބުންޏެވެ.
“ބައެއް ފަހަރު ދެރަވޭ ކިޑްނީ ވިއްކާލެވުނީތީ ، އެކަމަކު އެހެންގޮތެއް ނެތް ، މަގޭ ދިރިއުޅުން މިހާރު މާ ރަނގަޅު ،އަހަންނަށް ލިބުނު ފައިސާ ބޭންކަށް ޖަމާކުރީ ، ސީރިޔާއަށް ދެވޭ ދުވަހަކުން ކުޑަ ވިޔަފާރިއެއް ފަށާނީ“
ކިޑްނީ ވިއްކައިގެން ލިބުނު ފައިސާއެއް ކޮންމެވެސް މިންވަރެއް މަންމައަށާއި އާއިލާއަށްވެސް ޚަރަދުކޮށްފައިވާނެކަމަށް މުޙައްމަދު ބުންޏެވެ.
ކިޑްނީ ވިއްކާލި މުޙައްމަދުގެ ރައްޓެއްސެއް ، އޭނާއަށް އެކަމުން ލިބުނު ފައިސާ ބޭނުންކުރީ އާއިލާ ދިރިއުޅުން އެޕާޓްމަންޓެއް ކުއްޔަށް ހިފަންކަމަށާއި އަދި ބާކީ ފައިސާއިން މޮބައިލް ވިއްކާ ކުޑަފިހާރައެއް ހުޅުވާ ހިންގަމުންދާކަމަށް މުހައްމަދު ބުންޏެވެ. މުޙައްމަދުގެ ރަޙުމަތްތެރިޔާއާއި އަބޫޖަމީލް އާއި ބައްދަލުވިއިރު އޭނާ އަދި ހަމަ ސީރިޔާއިން ލުބުނާނަށް އައީކަމަށާއި އަބޫ ޖަމީލް އާ ދިމާވިއިއިރު އޭނާ އޮތީ ބެއިރޫތު އެއަރޕޯޓް ކައިރީގައި އޮންނަ ބުރިޖެއްގެ ދަށުގައި ނިދާފައިކަމަށްވެސް މުޙައްމަދު ބުންޏެވެ.
މުސްލިމް އެތައް ގިނަ ރައްޔިތުންނެއް ކޮންމެ ދުވަހަކު ޝަހީދުވެ ދާއިރު ، އެތައް ބަޔަކު ހާލުގައި ޖެހި ދިރިއުޅޭނެ ތަނެއް،ކައިބޮއިހަދާނެ އެއްޗެއް ، ނުލިބި ބިކަ ވާއިރު މިއީ އަބޫ ޖަމީލްފަދަ އެތައް ބަޔަކަށް ހުރި ބޮޑު ފައިދާއެކެވެ. އަދި ސީރިޔާގެ ރެފިޔުޖީންގެ ފައިދާ ނަހަމަގޮތުގައި ނަގަމުންދާއިރު އޭނާއަށް އެކަމުގައި އެއްވެސް ގޯހެއް އޮތްކަމަކަށް ނުވިސްނެއެވެ.
“ އަހަރެން ނެތްނަމަ ، މި ފަޤީރުންތައް ބަނޑަށްޖެހޭނީ ،ސީރިޔާމީހުންނަށާއި އަހަންނަށްވެސް މިކަމުން ފައިސާ ލިބޭ ، ދެން މިކަމުގަ އޮތީ ކޮން ގޯހެއް“ އަބޫ ޖަމީލް ސުވާލުކުރިއެވެ.