އިނގެރޭސި ޕްރިމިއަރލީގުގައި ރޭ ޔުނައިޓެޑުން ސައުތްހޭމްޓަންގެ މައްޗަށް ކުރިހޯދާފައިވާއިރު، ޔުނައިޓެޑް މޮޅުވީ ނަސީބު ރަނގަޅުކަމުން ކަމުގައި އެޓީމުގެ ކޯޗު ލުއި ވެންހާލް ބުނެފިއެެވެ.
މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަމުން ވެންހާލް ބުނެފައިވަނީ މެޗުގަައި ޔުނައިޓެޑްގެ ކުޅުމާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށެވެ.
ރަށުން ބޭރުގައި މެންޗަސްޓަރ ޔުނައިޓެޑް ސައުތްހޭމްޓަންގެ މައްޗަށް ކުރިހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސައުތްހޭމްޓަންއަށްވަނީ ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ޔުނައިޓެޑަށް ސައުތްހޭމްޓަންގެ ގޯލަށް މެޗުގައި 3 ހަމަލާ އުފެއްދިފައިވާއިރު ސައުތްހޭމްޓަންވަނީ 15 ހަމަލާ އުފައްދާފައެވެ.
މެޗުގައި މެންޗަސްޓަރ ޔުނައިޓެޑްގެ 2 ގޯލްވެސް ކާމިޔާބުކޮށްދީފައިވަނީ ރޮބިން ވެން ޕާރސީއެވެ. ސައުތްހޭމްޓަންގެ ގޯލް ކާމިޔާބުކޮށްދިނީ ޕެލޭއެވެ.
ރޭގެ މޮޅާއެކު ޔުނައިޓެޑްވަނީ އެންމެފަހުން ކުޅުނު 5 މެޗުން މޮޅުވެ ތާވަލުގެ 3 ވަނައަށް ޖެހިލާފައެވެ. ސައުތްހޭމްޓަންވަނީ އެންމެފަހުން ކުޅުނު 3 މެޗުންވެސް ބަލިވެ ތާވަލުގެ 4 ވަނައަށް ޖެހިލާފައެވެ. ތާވަލުގެ 3 ވަނާގައިއޮތުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމުގައި ޔުނައިޓެޑްގެ ކޯޗު ވެންހާލް މެޗަށްފަހު ބުނެފައިވެއެވެ.