މުޞްތަފާ ކަމާލް އަތާތުރްކު: ތުރުކީގެ ޢިލްމާނީ ދައުލަތުގެ ބާނީ، ދީނާއި ސިޔާސަތު ވަކިކުރި ބާޣީ

ތުރުކީގެ ޢިލްމާނީ ދައުލަތުގެ ބާނީ، މުޞްތަފާ ކަމާލް ޕާޝާ ނުވަތަ މުޞްތަފާ ކަމާލް އަތާތުރުކު ދުނިޔޭގެ އަލިކަން ދެކެފައިވަނީ މީލާދީ ސަނަތުން 1881ގައި ސެލޮނިކާ އަށެވެ. ސަރުކާރުގެ ކާތިބެއްގެ ވަޒީފާއިން ވަކިވުމަށް ފަހު، ދެފަހަރެއްގެ މަތިން އަމިއްލަ ވިޔަފާރިއެއް ކުރުމަށް މަސައްކަތްކޮށް، ކުރިހާ މަސައްކަތެއް ކޮޅެއްގައި ނުޖެހި ފެއިލްވުމުން، ކުރިމަތިވަމުންދިޔަ އުދާސްތަކާއި ވޭންތަކަށް ބަރުދާސްތު ނުކުރެވި މުޞްތަފާގެ ބައްޕަ ބަނގުރަލަށް ގޮސް ހުސްވިއެވެ. އަދި މުޞްތަފާއަށް އެންމެ ހަތް އަހަރުގައި އޭނާގެ ބައްޕަ ޓީބީގެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކުރިއެވެ. ބައްޕަގެ ލޯތްބާއި އެހީތެރިކަމާއި ނުލާ އޭނާ ބަލައިބޮޑުކުރީ އޭނާގެ މަންމަ ޒުބައިދާއެވެ. މުޞްތަފާގެ ބައްޕައާއި ޚިލާފަށް ޒުބައިދާއަކީ ލިޔަންކިޔަން ނުދަންނަ އަންހެނަކަށް ވީނަމަވެސް، ދީނީ ކަންކަމަށް ލޯބިކުރާ، ހިޖާބުވެގެން އުޅުނު އިއްފަތްތެރި އަންހެނެކެވެ. އެދުވަސްވަރުގެ ތުރުކީގެ އެހެނިހެން އަންހެނުންނެކޭ އެއްފަދައިން ޒުބައިދާގެ މުޅި ހަޔާތުގެ މައިގަނޑު އަމާޒަކަށްވީ އޭނާގެ ދޮށީ ފިރިހެންދަރިއަށް ރަނގަޅު ތަޢުލީމެއްދިނުމެވެ. ދީނަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން އޭނާ ބޭނުންވީ މުޞްތަފާ ދީނީ ޢިލްމުވެރިއަކަށް ވުމަށެވެ.  ނަމަވެސް މުޞްތަފާގެ ލާނެތްކަމާއި، ހަލަނިކަމުން އޭނާގެ މަންމަކުރަމުން ދިޔަ މަސައްކަތް ވެގެންދިޔައީ ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަކަމަށެވެ. ސްކޫލަށްވެސް ދިޔައީ އަމާބުނީތީ ފަރަށްދާ އުސޫލުންނެވެ. ކޮންމެ ކުއްޖަކާ ރުޅި މޫނުހަދައި، އަތް އިސްކޮށް، އެދުރުންނަށް ބަދު ބަސްބުނެ އައުގުރާނައަށް ދަންދެން ގޮވައި، މުޞްތަފާގެ ނުލަފާކަން އިންތިހާއަށް ބޮޑުވުމުން، ސްކޫލުގެ މުދައްރިސަކަށް ކޮންޓްރޯލްނުކުރެވިގެން އެންމެ ފަހުން ޖެހުނީ މުޞްތަފާއަށް އެއްތެޔޮގަނޑުގެ ހިތިރަހަ ދައްކާށެވެ. ވީދެރައިންނާއި އެރި ގަދަ ރުޅިއެއްގެ ސަބަބުން މުޞްތަފާ އެސްކޫލަށް ނުދާނެކަމަށް ބުނެ ބޮޑާހާކަން ފެށިއެވެ. އޭނާގެ މަންމަ އެހެން ނުހެދުމަށްކުރި އާދޭސްތަށް މުޞްތަފާގެ ކުރިމަތީގައިވީ ޖައްވަށް ފަޒާއަށް އަރައިގެންދިޔަ، އޭގައި އެއްވެސް ފައިދާއެއް މަންފާއެއް ނެތް ސައިބޯނި ބޮކިތަކަކަށެވެ.

ހަދާނެގޮތް ހުސްވެ، ހަތަރުއުދަރެސް ފެނުޖެހުމުން، ބޮޑުބޭބެގެ ލަފައަށް، ޒުބައިދާ އޭނާގެ ލޯބިވާ ދަރިފުޅު ސެލޮނިކާގެ މިލިޓަރީ ކެޑޭޓް ސްކޫލަށް މުސްތަފާ ފޮނުވިއެވެ. ދަރިވަރުންގެ ހުރިހާ ޚަރަދެއް ސަރުކާރުން ބަލަމުން އައި މިއަސްކަރީ ސްކޫލަށް އޭނާގެ މަންމަ އޭނާ ވެއްދީ، ޢިލްމުވެރިއަކަށް ނުވިނަމަވެސް ލަޓޯފަޓޯ މީހަކަށް ނުވާނެކަމުގެ ފޮނި އުއްމީދުގައެވެ. އޮފިސަރަކަށް ނުވެއްޖެއްޔާ އެންމެ ކުޑަމިނުން ޕްރައިވެޓަކަށް ވާނޭކަމުގެ އުއްމީދުގައެވެ.

މިސްކޫލުގައި މުޞްތަފާ ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ. ހިސާބު ޢިލްމަށާއި، އަސްކަރީ މާއްދާތަކުން ރަންވަނަތަކެއް ހޯދައި، ސްކޫލުގެ ޓީޗަރުން އޭނާއަށް ”ކަމާލް“ (ފުރިހަމަ)ގެ ލަޤަބު އެރުވިއެވެ. އަދި އެންމެ ފަހުން ޓީޗަރެއްގެ މަޤާމަށް އޭނާ ޕްރޮމޯޓްކުރެވުނެވެ. 1905 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި މުޞްތަފާ ސްކޫލުން ދަސްވެނިވެ، އޭނާއަށް އަސްކަރިއްޔާގެ ކައްޕިތާނުކަމުގެ މަޤާމް ލިބުނެވެ.
ޤައުމިއްޔަތަށް ގޮވަމުންދިޔަ ހައްދުފަހަނައަޅާފައިވާ ”ވަތަން‘ ޖަމާޢަތާއި މުޞްތަފާ ގުޅުނީ މިހާ ހިސާބުންނެވެ. އިސްލާމީ ޝަރީޢަތާއި ފުށޫއަރާފަދަ ލިބެރަލް ނުވަތަ މިނިވަން ވިސްނުންތަކަށް ސުލްތާން ޢަބްދުލްޙަމީދު ޖާގަނުދެއްވާތީ، ތުރުކީގައި އޭރު އޮތް އިސްލާމީ ވެރިކަމާއި ދެކޮޅަށް ވަކާލާތުކުރަމުން ”އެހެން ތުރުކީ“ ނުވަތަ ޢަލްމާނީ ތުރުކީއަށް ދަތުރުފެށުމަށް މި ޖަމާޢަތުން މަގުތަށް ކޮށަމުންދިޔައެވެ. އިސްލާމީ ޝަރީޢަތަކީ ބޯދާއެއްޗެއް ކަމަށާއި، އެއީ ތުރުކީގެ ތަރައްޤީއަށާއި ތަހްޒީބަށް އެޅިފައިވާ އެންމެ ބޮޑު ހުރަސްކަމަށް މިބައިގަނޑުން ގޮވަމުންދިޔައެވެ. ސުލްތާން ޢަބްދުލްޙަމީދު ވެރިކަމުން ވައްޓާލައި، ދީނާއި ސިޔާސަތު ވަކިކޮށް، ހުޅަނގުގެ ގޮތްތަކާއި އެއްގޮތަށް މުޅި ޤާނޫނު އަސާސީ އޭގެ އަލިފުން ޔާއާށް ބަދަލުކޮށް، ވަތަން އެދޭގޮތަކީ އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުންކަމަށާއި، ދީން އޮންނަން ޖެހޭނީ ހަމައެކަނި މިސްކިތުގައި ކަމަށް ބުނެ، މި ލާދީނީ އަންބާކިޔަމުން، ކާފަރުންގެ ބެރަށް ނަށަމުން، މިމުނާފިޤުންތައް ތުރުކީގައި އޮތް އިސްލާމީ ވެރިކަން މުލުން ލުހެލުމަށް ފޫގަޅާލިއެވެ. އިސާހިތަކު، ދެނެކާދެނެއްނުވެ މި ބައިގަނޑުގެ ބޮޑަކަށް މުޞްތަފާ ވިއެވެ.

ޑޮންމެސް ނުވަތަ މުސްލިމުން ކަމަށް ބޭރުފުށުން ދައްކައިގެން އުޅުނު ޔަހޫދީންތަކެއް އިސްވެ އުފައްދާފައިވާ ޔަންގް ޓަރކުން ސުލްތާން ޢަބްދުލްޙަމީދު ވެރިކަމުން ވައްޓާލުމަށް ކުޑަތަންވުމުން، މިދަނޑިވަޅުގެ ބޭނުން ހިފައި މުޞްތަފާ އޭނާގެ ނުފޫޒު ފޯރުވަން މަސައްކަތްފެށިއެވެ. އިއްތިހާދީ އަދި ތަރައްޤީ ކޮމިޓީއަށް ވަނުމަށް އޭނާއަށް އެކޮމިޓީން ދައުވަތު އެރުވިއެވެ. ނަމަވެސް، މިކޮމިޓީއާއި ގުޅުމަށް ފުރުޞަތުލިބުނުލެއް ލަސްކަމުން އޭނާވާންޖެހުނީ އަމުރުވެރިއަކަށްވުރެ އަމުރަށް ބޯލަނބަންޖެހޭ މީހަކަށެވެ. މިއީ މުޞްތަފާ މާހިތްހަމަޖެހޭކަމަކަށްނުވިއެވެ. އޭނާ ބޭނުންވަނީ އެހެން މީހުންނަށް އަމުރު ހިންގުމަށެވެ. އޭނާ ދެކުނު ގޮތުގައި ކޮމިޓީގެ އެހެން މެމްބަރުންނަކީ އޭނާގެ ހައިބަތާއި ޖާހަށް އަޅާކިޔާލާއިރު އޭނާއަށް ވުރެ ދަށުދަރަޖައިގެ ބައެކެވެ. ބޮޑުވަޒީރު އަމީރު ސައީދު ހަލީމް ޕާޝާއާއި ހަނގުރާމަތަކާއި ބެހޭ ވަޒީރު، އަންވަރް ޕާޝާމެންފަދަ ދީނަށް ލޯބިކުރާ ބޭބޭފުޅުންދެކެ މުޞްތަފާ ވަކީން ޚާއްސަކޮށް ނަފްރަތުކުރިއެވެ.

ދުވަހަކަށްފަހު ދުވަހެއްގައި މުޞްތަފާ ދިޔައީ އޭނާގެ ސިޔާސީ ނުފޫޒުގަދަކުރަމުންނެވެ. ރޭގަނޑުގެ ވަގުތުތައް ހޭދަކުރަމުންދިޔައީ ސިއްރު މަޖިލިސްތަށް ބާއްވައި ވެރިކަން ވައްޓާލުމަށް ރޭވުންތައް ރޭވުމުގައެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ އެންމެ ފަހު ދުވަސްކޮޅު، ވިލާތުގެ ބާރުތަކާއި ދެކޮޅަށް ތުރުކީގެ ދިފާޢުގައި ކުރި ހަނގުރާމައިގައި އޭނާ ދައްކުވައިދިން ގަދަ ހިތްވަރާއި، ޤައުމިއްޔަތުގެ ސަބަބުން އާންމުންގެ މެދުގައި ޤައުމީ ބަތަލެއްގެ ގޮތުގައި މުޞްތަފާ މަޝްހޫރުވެގެން ދިޔައެވެ. އެންމެ ފަހުން ޔޫނާނުން ބަލިވެ ތުރުކީ އަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ވަނީ މުޞްތަފާގެ ކުޅަދާނަކަން ކަމަށް ދެކި އެޤައުމުގެ ރައްޔިތުން އޭނާއަކީ އެޤައުމުގެ ”ޣާޒީ“ ގެ ނަމުން ނަންދިނެވެ.

ބުނެވޭގޮތުގައި ތުރުކީއަށް މިލިބުނު ކާމިޔާބީ އަކީ ހުޅަނގުން ރާވައިގެން، ތުރުކީގައި އޮތް އިސްލާމީ ވެރިކަން ނައްތާލުމަށް މުޞްތަފާއަށް މަގުފަހިކުރުމަށްޓަކައި އޭނާގެ މަޤްބޫލުކަން ތުރުކީގައި އިތުރުކުރުމަށް ކުޅުނު ޖާހިލީ ޑްރާމާއެކެވެ.

”އަހުރެންނަކީ އިސްލާމީ ޤައުމުތަކުގެ ފެޑެރޭޝަންއެއް އޮންނަން ޖެހޭނެކަމަށް ޤަބޫލުކުރާ މީހެއްނޫން. އަހުރެންގެ ހަމައެކަނި އަޒުމަކީ ތުރުކީގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުން. ޢުޘްމާނީ ވެރިކަމެއް ނުވަތަ ރަސްކަމެއް އަލުން ގެނައުމަކީ އަހުރެންގެ އަމާޒެއް ނޫން. އަހުރެން މިހިރީ މިފަދަ ނަނާ ހުވަފެންތަކުން ދުރުހެލިވެގެން. މިކަންތައްތަކަކީ މާޒީގައި އަހުރެމެންނަށް އެތަކެއް ބަލާތަކެއް ޖެއްސި ކަންތައްތައް!“ ޢަރަބިވެރިންނާއި މުޚާތަބު ކުރަމުން މުޞްތަފާ އޭނާގެ މަޤްސަދުތައް ހާމަކުރިއެވެ.

”އަނިޔާވެރިންނާއި އަނިޔާލިބޭ މީހުންނަކީ މިވުޖޫދުގައި އުޅޭބައެއްނޫން. ހަމައެކަނި އުޅޭބަޔަކީ އަމިއްލައަށް އަނިޔާ ހޯދައިގަންނަ މީހުން. އަދި ތުރުކީގެ އަހްލުވެރިންނަކީ މީގެން ބަޔަކަށް ފެތޭ ބައެއް ނޫން. ތުރުކީގެ އަހުލުވެރިންނަށް އެބައިމީހުންގެ އަމިއްލަ ނަފްސްތައް ރައްކާތެރިކުރެވޭނެ. އަދި އެހެން މީހުންނަށް އޮތީ މިކަމުގައި ތުރުކީގެ އަހްލުވެރިންނަށް ތަބާވުން. އަހުރެމެން ޤަބޫލުކުރަނީ ހަމައެކަނި އެންމެ އުސޫލަކަށް. އެއީ ހުރިހާކަމެއް ތުރުކީގެ ނަޒަރުން ބަލައި، ތުރުކީގެ ޤައުމިއްޔަތު ހިމާޔަތްކޮށް ބެލެހެއްޓުން،“ ޝުޔޫޢީންގެ ޓީމަކާއި ބައްދަލުކޮށް އޭނާގެ ޤަބޫލުކުރުންތައް ހުރިގޮތް ހާމަކުރަމުން އޭނާ ބުނެފައިވެއެވެ.

މުޞްތަފާގެ މައިގަނޑު ސިޔާސަތަކަށްވީ ތުރުކީއަކީ ”ޒަމާނީ“ ޤައުމަކަށް ހެދުމެވެ. އަދި މިކަން ފުރިހަމަކުރެވޭނީ ހަމައެކަނި އޭނައަށް ކަމަށް އޭނާ ޤަބޫލުކުރިއެވެ. މިކަން ހާމަކުރަމުން އޭނާ ބުނެފައިވެއެވެ:“އަހުރެންނަކީ ތުރުކީ! އަހުރެން ނައްތާލުމަކީ ތުރުކީ ނައްތާލުން!“

ދެން ފަހެ ވެރިކަމަށް އެރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ތުރުކީގައި އިސްލާމްދީނުގެ ހުރިހާ އަޘަރުތަކެއް ފޮހެލުމަށް މުޞްތަފާ ވަކި ހިއްޕާލިއެވެ. މުޞްތަފާގެ ސިޔާސަތުގެ ލަވަޔަކަށްވީ ދީނާއި ސިޔާސަތު އެއްނުކުރުމެވެ. ތަރައްޤީއާއި ތަހްޒީބާއި ތަމައްދުން ހާސިލްކުރެވެން އޮތީ އިސްލާމީ ބާރުވެރިކަން މުޅި ޤައުމުން ކަނޑުވައިގެންނެވެ. އިސްލާމްދީނަށް ހަޖޫޖަހައި، ޖައްބާރުވަންތަ މާތް ﷲގެ ހަޟްރަތުން އަތުވެދާނެ ކޯފާއަކަށް އެއްވެސް ބިރެއް ނެތި އޭނާގެ މިއިބްލީސީ ސިޔާސަތު އާންމުކޮށް އިޢުލާންކުރިއެވެ. އޭނާ ބުނެފައިވެއެވެ:

”މިވީ ފަސްސަތޭކަ އަހަރުގައި، ތުރުކީގެ މަދަނީ އަދީ ޖިނާޢީ ޤާނޫންތައް ހެދިފައި އޮތީ ޢަރަތްބެއްގެ ނަޒަރިއްޔާތަކާއި ޙުކުމްތަކާއި އަދި އެއްވެސްކަމަކަށް ކުރުމަށް ކުޅަދާނަކަމެއް ނެތް ކަޓު މުއްލާއިންގެ ތައުވީލާއި ތަފްސީރަށް ބަރޯސާވެގެން. މުޅި ޤާނޫނު އަސާސީއާއި، އަދި ކިއެއްތަ، ރައްޔިތުމީހާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ބިނާކުރެވިފައި އޮތީ މިކަމުގެ މައްޗަށް. ރައްޔިތުމީހާގެ ނިދުމާއި، ހޭލުމާއި، ހެދުމުގެ މިންގަނޑާއި، އަޚްލާޤާއި، އޭނާގެ ދަރިންގެ މަންމައިގެ ދިރިއުޅުމާއި، އޭނާގެ ޚިޔާލާއި ފިކުރާއި އަދި ކިއެއް، އޭނާގެ އަނބިފިރިކަމުގެ ގުޅުންވެސް އޮތީ މިކަންތައްތަކުގެ މައްޗަށް ބައްޓަންކޮށްފައި. ދަންނަވަންތޯ! ބާހުގަދަ ޢަރަތްބެއްގެ މިޢަޤީދާ، އާދެ އިސްލާމަކީ މަރުވެފައިވާ ދިރުމެއްނުވާ އެއްޗެއް. ފަހަރުގައި ސަހަރާތަކުގެ އުޅޭ ބަދަވީންނަށް އެކަމުގޮސްދާނެ. މިއީ، ޒަމާނީ، ތަރައްޤީވެފައިވާ ޤައުމަކަށް ބޭނުން އެއްޗެއްނޫން. ކަލާނގެ ވަޙީ ބަސްފުޅޭތޯ! ކަލާނގެ ކޮބައިތޯ؟ މިހަރުކަށި ޢަޤީދާއަކީ ނުބައި ވެރިންނާއި، ޢިލްމުވެރީން މީސްތަކުން އަޅުވެތިކުރުމަށް ބޭނުންކުރާ ޗެންޗޭނުގަނޑެއް. ދީނެއްގެ ބޭނުމަށް ޖެހިފައިވާ ވެރިޔަކީ ނިކަމެއްޗެއް. ނިކަމެއްޗަކަށް ވެރިކަމެއް ނުވާނެ!“

”އަހަރެންނަކަށް ދީނެއް ނުވޭ. ބައެއްފަހަރު އަހަރެން ހިތަށް އަރާ ހުރިހާ ދީންތައް ކަނޑުގެ އަޑިއަށް ފެތިއްޖެނަމައޭ. ސަރުކާރު ދެމެހެއްޓުމަށް ދީނުގެ ބޭނުމަށް ޖެހިފައިވާ ވެރިޔަކީ އާރެއްބާރެއް ނުވާ ނިކަމެތި ވެރިއެއް. އަހަރެންގެ ޤައުމުގެ މީހުން މިއަދު މިއުޅެނީ ޑިމޮކްރަސީގެ މަތިވެރި އުޞޫލްތައް ނަގަހައްޓަން. ޑިމޮކްރަސީއަކީ ސައިންސްގެ ޙަޤީޤަތް. ދީނީ ޚުރާފާތްތައް ޖެހޭނީ ފޮހެލަން. އަޅުކަންކުރަން ބޭނުންވަރަކަށް ބޭނުންގޮތަކަށް އަޅުކަން ކުރާންވީ. ކޮންމެ މީހަކަށްވެސް ފިކްރީ މިނިވަންކަން އޮންނާނެ. އެއީ އެހެންމީހެއްގެ ޙައްޤަކަށް އަރައިނުގަންނަ ހާހިނދަކު ކަންތައް އޮންނަންޖެހޭނެ ގޮތް،“ މުޞްތަފާ އޭނާގެ ދީނީ ސިޔާސަތާއި ބެހޭގޮތުން ހާމަކޮށްފައިވެއެވެ.

3 މާރޗް، 1924 ގައި، ތުރުކީގައި އޮތް އިސްލާމީ ވެރިކަން މުޅިން އެކީ ނައްތާލައި، އެޤައުމަކީ ސައްތައިން ސައްތަ ޢަލްމާނީ  ދައުލަތަކަށް ހެދުމަށް ޝޫރާ މަޖިލީހަށް މުޞްތަފާ ބިލެއް ވެއްދިއެވެ.
”ކޮންމެ ގޮތެއް ހަދާފަނަމަވެސް، ޖުމްހޫރިއްޔަތު ދަމަހައްޓަންޖެހޭނެ. އުޘްމާނީ ވެރިކަމަކީ ހައްދުފަހަނައަޅާފައިވާ ދީނީ އުސޫލްތަކުގެ މައްޗަށް ބިނާކުރެވިފައިވާ ތާކުންތާކުނުޖެހޭ ބިނާއެއް. ޚަލީފާއާއި ޢުޘްމާނީ ވެރިކަން ޖެހޭނީ ނިމުމަކަށް އަންނަން. ޝަރްޢީ ކޯޓުތަކާއި ޢަދަބުތައް ޖެހޭނީ ޒަމާނީ ޤާނޫންތަކާއި ކޯޓުތަކަށް ބަދަލުކުރަން. ދީނީ މަދަރުސާތަށް ނައްތާލައި ސަރުކާރުގެ ޢަލްމާނީ ސްކޫލްތައް ޖެހޭނީ އަޅަން. ދީނާއި ސިޔާސަތު ޖެހޭނީ ވަކިކުރަން. ތުރުކީގެ ޖުމްހޫރިއްޔަތު ޢަލްމާނީ ދައުލަތަކަށް ހެދުމުގެ ވަގުތު އައިސް ޖެހިއްޖެ،“ މިދައްޖާލު ހާމަކޮށްފައިވެއެވެ.

މުޞްތަފާ މަޖިލީހަށް ހުށަހެޅި މިބިލް ފާސްވެ ޤާނޫނަކަށް ވުމުން ދެންވެގެންދިޔަ ކަންތައްތައް ބަޔާންކޮށް ލިޔެފައިވާ ލިޔުމެއްގައި ވެއެވެ.

“ އެއަށްފަހު 1924ގައި ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު މުޅިން އުވާލިއެވެ. އަދި ހަމަ އެއަހަރު ތުރުކީގެ ޤާނޫނު އަސާސީ  ފާސްކުރެވުނެވެ. 1925ގައި މުސްލިމުން އަޅާ ތާކިހާ ނުވަތަ ފަގުޑި އެޅުން މުޅިންމަނާ ކޮށް ޔޫރަޕިއަނުންއަޅާ ތޮފި އެޅުމަކީ ޤާނޫނީގޮތުން ލާޒިމުކަމަށް ހެދިއެވެ. އަދި އަންހެން ވެރިން ބުރުގާ ނޭޅުމަށް ހިތްވަރުދީ އޭގެފަހުން ބުރުގާ އެޅުމަކީ ޤާނޫނީ ގޮތުން މަނާކަމަކަށް ހެދިއެވެ. އަދި އަންހެނުންނާއި ފިރިހެނުން ހުޅަނގުގެ މީހުން ހެދުންއަޅާގޮތަށް ހެދުން އެޅުމަށް އެންގިއެވެ. އަދި ހަމަ މިއަހަރު ހިޖުރީ ކަލަންޑަރ އުވާލައި މީލާދީ ކަލަންޑަރަށް ބަދަލުކޮށްލެވުނެވެ. 1926 ވަނަ އަހަރު މުޅިން އާ މަދަނީ ޤާނޫނަކާއި، ވިޔަފާރިއާއިބެހޭ ޤާނޫނަކާއި އަދި ޤާނޫނުލް ޢުޤޫބާތެއް ޔޫރަޕުގެ ޤާނޫނުތައް އަޞްލެއްކަމަށް ބަލައިގެން އެކުލަވާލާ ފާސްކޮށް ހިންގަންފެށިއެވެ. މިގޮތުން ފާސްކުރެވުނު މި އާ މަދަނީ ޤާނޫނުގެ ދަށުން އެއް އަތްބައްވުރެ ގިނަ އަނބީންނާއި ކައިވެނިކުރުން ހުއްޓުވާލިއެވެ. އަދި ވަރިއަކީ އިސްލާމީ އުޞޫލުތަކުގައި އޮންނަގޮތަށް ވާ އެއްޗެއްނޫންކަމަށް ހަދައި، ކައިވެންޏަކީ މަދަނީ އެއްޗެއްގެ ގޮތުގައި ކަނޑައެޅިއެވެ. 1928 ގައި ތުރުކީގެ ބަހަށް ބޮޑެތި ބަދަލުތަކެއް ގެނަންފެށިއެވެ. މިގޮތުން ލެޓިންއަކުރު އެއީ ތުރުކީގެ ބަހުގެ އަކުރުތައްކަމަށް ކަނޑައެޅިއެވެ. އަދި ހަމަ މިއަހަރު ތުރުކީ ދައުލަތީ ވަކިދީނެއް ޤަބޫލުކުރާ ދައުލަތެއްނޫން ކަމަށް ކަނޑައަޅައި ޤާނޫނު އަސާސިގައި ހިމެނުނެވެ. މިގޮތުން ޤާނޫނު އަސާސީގައި ދައުލަތުގެ ދީނަކީ އިސްލާމްދީނޭ އޮތް މާއްދާ އުވާލެވުނެވެ. 1933 ގައި އަރަބި ބަހުން ޤުރުއާން ކިޔެވުން މަނާކޮށް، ޤުރުއާންކިޔެވުމާއި ބަންގި ގޮވުމަކީ ތުރުކީގެ ބަހުން ކުރަންޖެހޭ ދެކަންތައްކަމުގައި އަންގައި އެގޮތަށް ޢަމަލުކުރަން ފެއްޓިއެވެ. 1934ގައި ތުރުކީގެ ޤާނޫނު ހަދާމަޖިލިހުން މުޞްތަފާ ކަމާލް އަށް އަތާތުރުކު ނުވަތަ ޤައުމުގެ ބައްޕަގެ ލަގަބު ދިނެވެ. 1935ގައި އާދިއްތަދުވަހަކީ ހަފްތާގެ ތެރެއިން ސަރުކާރުގެ ރަސްމީބަންދު ދުވަސްކަމުގައި ކަނޑައެޅިއެވެ. އަދި ހަމަ އެއަހަރުމެ ޤައުމުގެ އިޤްތިޞާދު ދެމެހެއްޓުމަށް އޮތް ދައުލަތުގެ ޒިންމާ ޤާނޫނު އަސާސީގައި ހިމެނުނެވެ.މުޞްތަފާ ކަމާލު އަތާތުރުކު ތުރުކީއަށް ގެނައި ރިފޯމަކީ ފާޅުގައި އިސްލާމްދީން އެޤައުމުން ނައްތާލުމަށްކުރި މަސައްކަތެކެވެ.“

މުޞްތަފާގެ މި ”އިސްލާހީ ބަދަލުގެ“، ”ޑިމޮކްރަސީ“ގެ ހިތިމޭވާ މިއަދުގެ ތުރުކީއަށް ނަޒަރު ހިންގާލުމުން ފެނިގެންދާނެއެވެ. އިޖްތިމާޢީ މައްސަލަތައްވަނީ އޭގެ އިންތިހާއަށް ބޮޑުވެފައެވެ. ވަރީގެ އަދަދު ކަންބޮޑުވާވަރަށް އިތުރުވެ ގެވެށިއަނިޔާ އަދި ބަނގުރަލާއި ދުންފަތުގެ އިސްތިޢުމާލުގެ މައްސަލަތައް ވަނީ ހައްދުފަހަނައަޅާގޮސްފައެވެ. ބަނގުރާ ބުއިމުގެ ސަބަބުން މަގުމަތީގައި ދިމާވަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ސަބަބުން ސަރުކާރުންވަނީ 24 އަހަރުން ދަށުގެ ޒުވާނުންނަށް ރަލުގެ އެއްވެސް މުއާމަލާތެއް ކުރުން މަނާކޮށް ބަނގުރަލުގެ ބާވަތްތަކުގެ ޓެކްސް އިތުރުކޮށްފައެވެ.
ހުލާސާކޮށް ދަންނަވަނީނަމަ، މުޞްތަފާ ކަމާލް އަތާތުރުކަކީ އިސްލާމްދީނުގެ ޢަދުއްވެކެވެ. އިސްލާމީ ވެރިކަމެއް ނައްތާލި ޣައްދާރެވެ. ތުރުކީގެ ޢަލްމާނީ ދައުލަތުގެ ބާނީއެވެ. ދީނާއި ސިޔާސަތު ވަކިކުރި ބާޣީއެވެ. އަދުގެ ދުނިޔޭގައި، އިސްލާމީ ޤައުމުތަކުން ދީން ފޮހެލަން އުޅޭ ގައްދާއިންގެ ޤާއިދެވެ. ނިންމާލަމުން، ނަސޭހަތަކަށް އަދި އިބްރަތަކަށް ޝާއިރުގެ އަގުހުރި ބަސް ނަކަލުކޮށްލާނަމެވެ.

ދީނާއި ޤައުމަށް ޣައްދާރުވާ، އަތަކުން ޖަރީމާ ހިންގުމުން
ދީނާއި ޤައުމަށް ދެން އޮތީ، އަބަދަށްޓަކައި ގިސްލާރުއިން

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *